ކ. މާލެ
|
22 ޖެނުއަރީ 2023 | އާދީއްތަ 12:35
ރާއްޖެ އައި ފަތުރުވެރިންތަކެއް
ރާއްޖެ އައި ފަތުރުވެރިންތަކެއް
ވެލާނާ އެއާޕޯޓް
ރާއްޖޭގެ ފަތުރުވެރިކަން
ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް އިތުރު މާކެޓްތަކަށް ފެތުރިގަންނަން އެބަޖެހޭ: ރާއިދު
ޓޫރިޒަމްގެ ތަފާތު ޕްރޮޑަކްޓްތައް އެކި ޤައުމުތަކުން ނެރޭއިރު ރާއްޖެ ނަކަލުކުރުމަށް ބައެއް ޤައުމުތަކުން މަސައްކަތް ކުރޭ

ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް، އިތުރު މާކެޓްތަކަށް ފެތުރިގަންނަން ޖެހޭ ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރާއިދު ވިދާޅުވީ ޓޫރިޒަމްގެ ތަފާތު ޕްރޮޑަކްޓްތައް އެކި ޤައުމުތަކުން ނެރޭއިރު ރާއްޖެ ނަކަލުކުރުމަށް ބައެއް ޤައުމުތަކުން މަސައްކަތް ކުރާ ކަމަށެވެ. އަދި މިއީ ރާއްޖެއިން ވަރަށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރު މާކެޓްތަކަށް އިޝްތިހާރު ކުރުމުގެ މަސައްކަތް އެމްއެމްޕީއާރްސީން ކުރަމުންދާއިރު އަދިވެސް ރާއްޖެއަށް ނުލިބޭ ގިނަ މާކެޓްތައް އެބަހުރި ކަމަށް ރާއިދު ވިދާޅުވިއެވެ. އަދި އިތުރު މާކެޓްތަކަށް ފެތުރިގަނެ، އެ މާކެޓްތަކުގައި ރާއްޖޭގެ ހިއްސާ ނުގެއްލޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނެކްޓިވިޓީ އޮތް ގޮތުން ތަފާތު ގޮންޖެހުންތައް ހުރިކަމަށް ވަރަށް ގިނަ ބޭފުޅުން ބުނަމުންދާކަން ވެސް ރާއިދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ރަށްތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުގެ ނިޒާމު ކަމަށާއި އާރްޓީއެލް ފެރީގެ ސަބަބުން މިކަން ހައްލުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރާއިދު ވިދާޅުވިއެވެ.

ރާއިދު މިހެން ވިދާޅުވެފައިވާއިރު ގަތަރާއި މެދުއިރުމަތީގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ކޮޒްމޯ ޓްރެވަލްއާއެކު ހައިބްރިޑް މާކެޓިންގ ކެމްޕޭނެއް މި މަހު ވަނީ ފަށާފައެވެ.

2023 ވަނަ އަހަރުގެ ޖެނުއަރީއިން މާޗް މަހުގެ ނިޔަލަށް އެމްއެމްޕީއާރުސީން ކޮޒްމޯ ޓްރެވަލްއާއެކު ކުރިއަށް ގެންދާ މި ކެމްޕޭންގެ ހަރަކާތްތައް އޮންލައިންކޮށް އަދި އޮފްލައިންކޮށް ކުރިއަށް ގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މި ކެމްޕެއިން އަމާޒުކޮށްފައިވަނީ ގަތަރާއި މެދުއިރުމަތީގައި ސަނީ ސައިޑް އޮފް ލައިފް އިތުރަށް ޕްރޮމޯޓް ކުރުމަށެވެ.

އެމްއެމްޕީއާރުސީގެ އަމާޒަކީ މި ކެމްޕެއިން މެދުވެރިކޮށް ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތަށް އަލިއަޅުވާލާ، ރާއްޖޭގެ ތަފާތު ޕްރޮޑަކްޓްތަކާއި ހިދުމަތްތައް އަދި ތަޖުރިބާތައް މާކެޓްކުރުމެވެ. މިގޮތުން މި ކެމްޕެއިންގެ ދަށުން ރާއްޖެއާ ގުޅުން ހުރި އިޝްތިހާރާއި ޕޯސްޓްތައް ކޮޒްމޯ ޓްރެވަލްސްގެ ވެބްސައިޓާއި ގޫގުލް ޑިސްޕްލޭ ނެޓްވޯކް އަދި ޔޫޓިއުބް މެދުވެރިކޮށް ގަތަރާއި މެދުއިރުމަތީގެ މާކެޓުގައި ދައުރުކުރާނެއެވެ. އަދި ކޮޒްމޯ ޓްރެވަލްގެ ޑާޓާބޭސްގައި ހިމެނޭ ފަރާތްތަކަށް އެސްއެމްއެސް އާއި އީމެއިލް މެދުވެރިކޮށް ރާއްޖޭގެ މައުލޫމާތު ފޯރުކޮށްދީ، ގަތަރާއި މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ހުންނަ އެ ކުންފުނީގެ ރީޓެއިލް އައުޓްލެޓްތަކުގައި ވެސް ރާއްޖޭގެ އިޝްތިހާރުތައް ބަހައްޓާނެއެވެ. މި ކެމްޕޭނަށް 1.1 މިލިއަން އިމްޕްރެޝަންސް ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ.

- ކޮމެންޓް