އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ބޮޑު ތަފާތަކުން އަމީނިއްޔާ ސްކޫލް ބަލިކޮށް، އިސްކަންދަރު ސްކޫލް އިން ދެ ވަނަ މޮޅު ހޯދައިފި އެވެ.
ގްރޫޕް ސީ ގައި ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އިސްކަންދަރުން ކާމިޔާބުކުރީ 7-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް އިސްކަންދަރު ސްކޫލް އިން ވަނީ ތިން ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމުގެ އަނެެއް ހަތަރު ލަނޑު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މެޗުގައި އިސްކަންދަރުގެ ޔޫސުފް އައިޝް މުޙައްމަދު ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަމަކޮށްފަ އެވެ. އެއީ މެޗުގެ 19 ވަނަ މިނެޓާއި، 20 ވަނަ މިނެޓާއި އަދި 70 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑެވެ. މީގެ އިތުރުން އެ ޓީމުގެ އަޙުމަދު ޙަމްދާން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ ޙަސަން ނާވީ އާއި މުޙައްމަދު ޙާން ނާޒިމް އެވެ.
މި ގްރޫޕްގައި ކުޅުނު ދެ މެޗު ކާމިޔާބުކޮށް މިވަގުތު އެއް ވަނައިގައި އޮތީ ވެސް އިސްކަންދަރު ސްކޫލް އެވެ. މުބާރާތުގައި އެ ޓީމަށް ދެން އޮތީ ހުރަވީ ސްކޫލާ ދެކޮޅަށް ކުޅޭ މެޗެވެ.