ކ. މާލެ
|
22 ޖެނުއަރީ 2023 | އާދީއްތަ 07:14
ހަނިމާދޫ ކައުންސިލް ރައީސް އަބްދުއް ސައްތާރު ހަސަން
ހަނިމާދޫ ކައުންސިލް ރައީސް އަބްދުއް ސައްތާރު ހަސަން
ރާއްޖެއެމްވީ
ހަނިމާދޫ އެއާޕޯޓް
ހަނިމާދޫ އެއަރޕޯޓާއެކު ޓޫރިޒަމް ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ: ހަނިމާދޫ ކައުންސިލް ރައީސް
އެއަރޕޯޓުގެ މަސައްކަތަކީ ބޮޑުތިލަދުންމަތީގެ އަދި ހަނިމާދޫގެ ރައްޔިތުން ވަރަށް ބޭނުންވެފައިވާކަމެއް

ހަނިމާދޫ އެއާޕޯޓާއެކު ޓޫރިޒަމް ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ހަނިމާދޫ ކައުންސިލް ރައީސް އަބްދުއް ސައްތާރު ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަބްދުއް ސައްތާރު ހަސަން ވިދާޅުވީ އެއަރޕޯޓުގެ މަސައްކަތަކީ ބޮޑުތިލަދުންމަތީގެ އަދި ހަނިމާދޫގެ ރައްޔިތުން ވަރަށް ބޭނުންވެފައިވާކަމެއް ކަމަށެވެ.

ޓޫރިޒަމް ސިނާއަތުގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމަށް ވެސް ކުރިއެރުންތައް ލިބި ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ވަޒީފާގައި މުވައްޒަފުން މިހާރު ތިބި އަދަދަށްވުރެ އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުވުމުން އަދަދުތައް އިތުރުވެގެންދާނެ ކަމަށް ޤަބޫލު ކުރެވޭ، އެކި ސިނާއަތްތަކަށް ވެސް މިކަމުގެ ފައިދާ ކުރާނެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު ވެސް ޓޫރިޒަމް ސިނާއަތް ކުރިއެރުމަށް ވާހަކަތައް ދެކެވެމުން އެބަދޭ
އަބްދުއް ސައްތާރު ހަސަން / ހަނިމާދޫ ކައުންސިލް ރައީސް

މީގެކުރިން އެއަރޕޯޓް އެޅުމަށް އެކި ސަރުކާރުތަކުން އެކި ކަހަލަ ކުރެހުންތައް ތައްޔާރު ކުރި ކަމަށާއި އެކަމަކު އުންމީދުގެ ހަޤީޤީ ކުލަ ޖެހުނީ މި ސަރުކާރުން ކަމަށް ހަނިމާދޫ ކައުންސިލް ރައީސް އަބްދުއް ސައްތާރު ހަސަން ވިދާޅުވިއެވެ.

މި ވެރިކަމުގައި ހަނިމާދޫއަށް ވަރަށް ގިނަ ކުރިއެރުންތައް އައިސްފައިވާކަން ފާހަގަކުރައްވާ އަބްދުއް ސައްތާރު ހަސަން ވިދާޅުވީ މަގުތައް ހެދުމާއި ބަނދަރު ހެދުމުގެ ކަންތައްތައް ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަތް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މި މަޝްރޫއުތަކުގެ މަސައްކަތް ނިމިގެންދާނެ ކަމަށް ލަފާ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަށުން ބޭރު ފަރާތްތަކަށް ވެސް ހަނިމާދޫގައި އިންވެސްޓް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އަބްދުއް ސައްތާރު ހަސަން ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މިއީ ރާއްޖޭގައި މާލެއިން ބޭރުގައި މިހާތަނަށް ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެ އަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި މަޝްރޫއު އަށް 2.1 ބިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފައެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އައު ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެއެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ވަސީލަތްތައް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެއެވެ.

- ކޮމެންޓް