ކ. މާލެ
|
21 ޖެނުއަރީ 2023 | ހޮނިހިރު 13:21
ތިން އަހަރަށްފަހު ޗައިނާއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް ފަށައިފި
ތިން އަހަރަށްފަހު ޗައިނާއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް ފަށައިފި
ވިޒިޓް މޯލްޑިވްސް
ޗައިނާ މާކެޓް
ޗައިނާއިން ރާއްޖެއަށް އަލުން ގްރޫޕް އައުޓްބައުންޑް ދަތުރުތައް ފަށަނީ
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރު ޗައިނާއިން ރާއްޖެއަށް 100،000 ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެވޭކަމަށް
ޗައިނާއިން އެ ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހު

ޗައިނާގެ ޓްރެވަލް އެޖެންސީތަކާއި އޮންލައިން ޓްރެވަލް ކުންފުނިތަކުން, ރާއްޖެ ހިމެނޭހެން ގައުމުތަކަށް ގްރޫޕް އައުޓްބައުންޑް ދަތުރުތައް އަލުން ފަށަން ތައްޔާރުވެއްޖެއެވެ.

ޗައިނާއިން އެ ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓިފައި އޮތުމަށްފަހު، އަލުން ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަން ފަށާފައިވަނީ މި ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ބޮޑު މެދުކެނޑުމަކަށްފަހު ރާއްޖެއަށް އެންމެ ފުރަތަމަ ޗައިނާ ފަތުރުވެރިންނާއެކު އައި ބޯޓަކީ، ޗައިނާގެ ވެރި ރަށް ބެއިޖިންގގެ ކެޕިޓަލް އެއަރލައިންސްގެ ބޯޓެވެ. އެ ބޯޓުން 198 ފަތުރުވެރިން ވަނީ އައިސްފައެވެ. ބެއިޖިންގ ކެޕިޓަލް އެއަރލައިން ރާއްޖެއަށް އައުމާ ގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވަނީ އެކަން ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތެއް ބާއްވާފައެވެ.

އައުޓްބައުންޑް ގްރޫފް ދަތުރުތައް އިންތިޒާމްކުރަނީ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނެވެ. އެ ދަތުރުތަކުގައި ރާއްޖޭގެ ސަގާފަތާއި އާދަކާދަ އެކުލެވޭ ތަފާތު ޓުއަރ ޕެކޭޖްތައް ހިމެނެއެވެ. މިފަދަ ޓުއަރ ދަތުރުތަކުގައި ޗައިނާ ފަތުރުވެރިންގެ މެދުގައި 4 ވަނައަށް އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެއެވެ. މި ގްރޫޕް ދަތުރުތައް ޗައިނާއިން އަލުން ފަށަން ނިންމާފައިވަނީ ޖުމްލަ 20 ގައުމަކަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރު ޗައިނާއިން ރާއްޖެއަށް 100،000 ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ، ޗައިނާ މާކެޓަކީ މީގެ ކުރިންވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ކުރީގައި އޮތް މާކެޓް ކަމަށާއި، އެ މަގާމަށް އެ ގައުމު އަނބުރާ އައުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން "ރާއްޖެ ޓީވީ"ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ޗައިނާގެ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށެވެ. އެހެންނަމަވެސް އެ ގައުމުގައި އަދިވެސް ކޮވިޑް ފެތުރުން ކޮންޓްރޯލު ނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހެލްތު މިނިސްޓްރީން އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް