ރައީސް ޔާމީން އޯކޭއެއް ނޫން ކަމަށާއި އެކީގައި ކުރާނެ މަސައްކަތެއް ނޯންނާނެކަމަށް ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ހުކުރު ދުވަހުގެ ރޭ ވަހަކަދައްކަވަމުންނެވެ. ސިޔާސީ ކަންކަމުގައި އެމްޑީޕީ އަށް ނުކުރެވޭނެ ބައެއް ކަންކަން ހުންނާނެ ކަމަށް ރައީސް ވަނީ އެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ. އެއީ ރާއްޖޭގެ ޑިމޮކްރަސީއަށްޓަކާ ވެސް އަދި ރާއްޖޭގެ ނިޒާމް ހިންގުމަށްޓަކާ އެކަން ކުރަން ޖެހޭ ގޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ވޭތުވެދިޔަ ތަނުގައި ރައްޔިތުންނަށް ކުރި އަނިޔާ އާއި ބިރާއި އޭގެ ފަހަތުގައި ތިބި މީހުންނަށް އެމަނިކުފާނު "އޯކޭ" ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މީހުންނާއި އެކީގައި ކުރާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނުއޮންނާނެ ކަމަށް ވިދާޅުވެ ރައީސް ވަނީ ރައީސް ޔާމީން އާއި އެކުގައި މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީ އަކީ އެމްޑީޕީ އަށް ތާރީހީ ކަމެއް ކަމަށާއި އެ ޕްރައިމަރީގައި ވިސްނުންތެރިކަމާއި އެކު ވޯޓުލުން އެދޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ދެވަނަ ދައުރަކަށް އެމްޑީޕީ ދާން ލިބޭ ފުރުސަތު ކަމަށާއި އެ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފަން ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ދެވަނަ ދައުރަކަށް އެމްޑީޕީ ދިއުމަށް ލިބޭ ފުރަތަމަ ފުރުސަތަކީ މިއީ. ތިޔަބޭފުޅުން އަޅުގަނޑާއި އެކު މި ފުރުސަތުގެ ބޭނުން ހިއްޕަވާ. އަޅުގަނޑު މިހުރީ ތައްޔާރަށް. ތަފާތު ބޮޑުކޮށް އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ޕްރައިމަރީ ކާމިޔާބުކުރާނަން. އެކަމާއި މެދު އެއްވެސް ޝައްކެއް ނެތް. މިތަނުން މިއޮތީ އެކަން ފެންނަން. ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ.ރައީސް ޞާލިހު
ރައީސް ވަނީ އެ ޖަލްސާގައި އެ މަނިކުފާނުގެ ވައުދުތަކާއި ބެހޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ރައީސް ވަނީ މާލެ ތޮއްޖެހިފައި އޮތުން ބަދަލުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މާލޭގެ ރައްޔިތުންނަށް ބިން ކަނޑާ އިން ވަކިކޮށް ގޯތި ދޭނެ ފަރާތަކީ އެމަނިކުފާނު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އެންމެ ގިނަ ތަފާތު މަޝްރޫޢުތައް ހިންގަވާ ރައީސް އަކީ އެމަނިކުފާނު ކަމަށް ވެސް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ލަފާފުރުމުގެ ނިޒާމް ހަރުދަނާކޮށް ރާއްޖެ އާރްޓީއެލް މެދުވެރިކޮށް ގުޅުވާލާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނަށް ދޭ ވޯޓަކީ އެމްޑީޕީގެ މަސްލަހަތަށްޓަކާ ދޭ ވޯޓެއް ކަަމަށެވެ. އެއީ އެމްޑީޕީ އާއި ރާއްޖޭގެ މަސްލަހަތު ހިފަހައްޓާ ވޯޓަކަށް ހައްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.