އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ޑީ ގައި ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލްއާ ދެކޮޅަށް ކުޅުނު މެޗު ބޮޑު ތަފާތަކުން ދަރުމަވަންތަ ސްކޫލް ކާމިޔާބުކޮށްފި އެވެ.
ބުދަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި ދަރުމަވަންތަ އިން ކާމިޔާބުކުރީ 10-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދަރުމަވަންތަ އިން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ އަނެއް ހަ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގައި ދަރުމަވަންތަގެ މީކާއީލް ބިން މަދަދުﷲ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ. އެ ޓީމުގެ ލޫތު ޙުސެއިން ޝިފާއު އާއި އަލީ ޝައިފް ޝަހީން އަދި ޢަބްދުﷲ ނަބާހު އަހުމަދު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައިފަ އެވެ. ދަރުމަވަންތައިގެ އަނެއް ލަނޑު ޖެހީ މުޙައްމަދު އީދާން އިބްރާހީމް އެވެ.
މި ގްރޫޕްގައި ބުދަ ދުވަހުގެ ރޭ ކަލާފާނު ސްކޫލާއި ރެހެންދި ސްކޫލް ބައްދަލު ކުރި މެޗު 5-2 އިން ކާމިޔާބުކުރީ ރެހެންދި ސްކޫލް އެވެ. މެޗުގައި ރެހެންދި ސްކޫލްގެ ފުރަތަމަ ލަނޑު ޝާއިން އިބްރާހީމް ރަމީޒު ޖެހީ 22 ވަނަ މިނެޓުގަ އެވެ. އޭގެ ދެ މިނެޓު ފަހުން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ލަހުފާން އަޙުމަދު ޝާހީން އެވެ. ދެ ލަނޑުގެ ލީޑެއްގައި ރެހެންދި އޮއްވާ ކަލާފާނުގެ މުހައްމަދު މީކާއީލް ޢަބްދުﷲ ވަނީ ލަނޑެއް ޖަހައި އުންމީދެއް ހޯދައިފަ އެވެ. އޭގެ ފަހުން ރެހެންދިގެ އިސްމާއީލް މާހިލް އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހި އެވެ. ކަލާފާނުގެ ދެ ވަނަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ޖެހީ ވެސް މީކާއީލް އެވެ. އެގެ ފަހުން ރެހެންދިން ވަނީ ގާތް ގާތުގައި ދެ ލަނޑު ޖަހައިފަ އެވެ. އެއީ 60 ވަނަ މިނެޓުގައި ޢަބްދުލް އައްވަލު މައުރޫފް ޖެހި ލަނޑާއި، 62 ވަނަ މިނެޓުގައި އަޙުމަދު ނަސޫހު ޙަސަން ޖެހި ލަނޑެވެ.
މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ދަރުމަވަންތަ ސްކޫލް އެވެ. ދަރުމަވަންތަ އާއި ރެހެންދި އަށް ތިން ޕޮއިންޓު ލިބޭ އިރު، ފައިދާ ލަނޑު ކުރީގައި އޮތީ ދަރުމަވަންތަ އެވެ.