ކ. މާލެ
|
19 ޖެނުއަރީ 2023 | ބުރާސްފަތި 07:31
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ފަހި ދުވަހާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަނީ
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ފަހި ދުވަހާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަނީ
ރާއްޖެއެމްވީ
އެމްއެންޔޫ ފަހި ދުވަސް
އެމްއެންޔޫ ފަހި ދުވަސް: ކޯސްތަކުގެ މައުލޫމާތު ދޭނީ އެ ކޯހެއް ނަގައިދޭ ލެކްޗަރާއިން
މި ހަރަކާތް ކުރިއަށްދާނީ ބުރާސްފަތި ދުވަހުގެ ހަވީރު 16:00ން 18:00ށް، އަދި ރޭގަނޑު 20:00ން 22:00ށް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ކޯސްތަކާގުޅޭ މައުލޫމާތު ހިއްސާކުރުމަށް ކުރިއަށްގެންދާ "ފަހި ދުވަސް" ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ކޯސްތަކުގެ މައުލޫމާތު ދޭނީ ކޯސްތައް ނަގައިދޭ ލެކްޗަރާއިން ނުވަތަ ކޯޑިނޭޓަރުން ކަމަށް އެމްއެންޔޫ ބިޒްނަސް ސްކޫލުގެ އެސިސްޓަންޓް ޕްރޮފެސަރ ޑރ. ރަނާ އަހްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ރަނާ ވިދާޅުވީ ފަހި ދުވަހުގެ މަޤްސަދަކީ ކިޔެވުމަށް ޝައުޤުވެރިކަން ހުންނަ ދަރިވަރުންނާ އެއް މޭޒަކުން ބައްދަލުކުރުން ކަމަށެވެ. އަދި އެ ދަރިވަރުންނަށް މުހިންމު ރަނގަޅު ފުރުސަތުތައް  ހޯދައިދިނުން ކަމަށެވެ.

ގައުމީ ޔުނިވަރސިޓީން ބުނެފައިވާގޮތުގައި މި ހަރަކާތް ކުރިއަށްދާނީ ބުރާސްފަތި ދުވަހުގެ ހަވީރު 16:00ން 18:00ށް، އަދި ރޭގަނޑު 20:00ން 22:00ށެވެ. މި ހަރަކާތުގައި ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީއަކާއި ސެންޓަރުތަކާ ބެހޭ މައުލޫމާތާއި، ކޯސްތަކާ ބެހޭ މައުލޫމާތު ލިބެން ހުންނާނެއެވެ.

ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ޑީން އަބްދުލް މުބާރިކް ރަހްމާން ވިދާޅުވީ މިއަހަރުގެ އިވެންޓް އެމްއެންޔޫ އިން ރާވާފައިވާނީ ދަރިވަރުން ޝައުޤުވެރިވާ ގޮތަށް ކަމަށެވެ. އަދި ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުން ވެސް މި އިވެންޓްގައި ބައިވެރިވެ، އެމްއެންޔޫއާ އަލަށް ގުޅެން ބޭނުންވާ ދަރިވަރުންނަށް އެމީހުންގެ ތަޖުރިބާތައް ވެސް ހިއްސާ ކުރާނެ ކަމަށެވެ.

މި އިވެންޓުގެ ތެރޭގައި، އޭލެވެލް އަދި އެހެނިހެން ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް ޔުނިވަރސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުންވެސް ކުރިއަށްދާނެ ކަމަށް ގައުމީ ޔުނިވަރސިޓީން ބުނެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއަކީ ފަންނީ، ގާބިލް ލެކްޗަރާއިންނާއެކު، ތަފާތު އެތައް ދާއިރާތަކުން ތައުލީމާއި ތަމްރީން ޕްރޮގްރާމްތަކެއް ހިންގަމުންގެންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރާއިން، އެ ފަރާތްތަކުން ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތުތަކާއި، މަތީ ތައުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މައުލޫމާތު، "ފަހި ދުވަސް" ހަރަކާތުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާކުރައްވާނެއެވެ.

ފަހި ދުވަހުގައި މައުލޫމާތު ފޯރުކޮށްދެވޭ ދާއިރާތަކުގެ ތެރޭގައި ބަހާއި އިންސާނީ އިލްމުތަކުގެ ދާއިރާ، ތައުލީމީ ދާއިރާ، އިންޖިނިއަރިންގ ދާއިރާ، ސިއްހީ ދާއިރާ، ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާ، ދީނީ އިލްމުގެ ދާއިރާ، ސައިންސްގެ ދާއިރާ، ޝަރީއަތާއި ގާނޫނުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ، ނިޔަމިކަމުގެ ދާއިރާ، އަދި ފައުންޑޭޝަން ކޯސްތައް ހިމެނެއެވެ.

ގައުމީ ޔުނިވަރސިޓީން މިއަހަރު ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން، ކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ހަމަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް