އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ 2022 "ނިންމާލާއިފިއެވެ.
އެކަމަށްޓަކާ ކަށަވަރު ޝޯރޫމްގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ޕްރޮމޯގެ ނަސީބުވެރި ފަރާތަށް އިނާމް ހަވާލުކޮށްދެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ.
2022 ވަނަ އަހަރުގެ ނޮވެމްބަރު 01 އިން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ "ކަށަވަރު ޕްރޮމޯ 2022 "ގެ ނަސީބުވެރި ފަރާތަކީ އއ. އުކުޅަސް، ޖަވާހިރުމާގޭ، އަލްފާޟިލް ޙުސައިން ނަސީރުއެވެ.
އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "ކަށަވަރު ޕްރޮމޯ"އަކީ އޮޑިވެރިންކަމާއި، މަސްވެރިކަމާއި، ޓޫރިޒަމް އަދި ޓްރާންސްޕޯޓް ސިނާއަތުގައި ހަރަކާތްތެރިވާ އެމްޓީސީސީގެ ކަސްޓަމަރުންނަށް ޑިސްކައުންޓަކާއިއެކު އެމްޓީސީސީ ކަށަވަރު ފިހާރައިން ވިއްކާ މުދާ ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ޕްރޮމޯޝަންއެކެވެ.
އެމްޓީސީސީ އިން ބުނީ މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވުނު ޕްރޮޑަކްޓްތަކުގެ ތެރޭގައި، ޔަންމާ އަދި ސުޒުކީ އިންޖީނާއި، އިންޖީނުގެ ސްޕެއަރ ޕާރޓްސް، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ކޯޓިންގްސް، ސްކޮޓް ބޭޑަރ ފައިބަރު ސާމާނު، މާރޮލް ސްޓީރިންގ ސިސްޓަމް އަދި އިންޑަސްޓްރިއަލް ގޭސް ފަދަ ޕްރޮޑަކްޓްތައް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން "ކަށަވަރު ޕްރޮމޯ 2022 " ކުރިއަށް ދިޔަ މުއްދަތުގެ ތެރޭގައި ގްރޭޓަރ މާލެ ސަރަޙައްދާއި ރާއްޖޭގެ އެކި އެކި ރަށްރަށަށް އެމްޓީސީސީގެ ޓީމުން ޒިޔާރަތްކޮށްފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. މީގެ އިތުރުން އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.