މަކުނުދޫ ދާއިރާގައި ހިމެނޭ ތިން ރަށަށް މި ސަރުކާރުން 112 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޕްރައިމަރީގެ ކެމްޕޭނަށް ކުމުންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މަކުނުދޫއަށް 40 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ނޭކުރެންދޫއަށް 37 މިލިއަން ރުފިޔާ އަދި ކުމުންދޫއަށް 35 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށެވެ. މިއީ މިހާތަަނަށް އެއްވެސް ސަރުކާރަކުން އެ ދާއިރާއަށް ކޮށްފައިނުވާ ވަރުގެ ޚަރަދެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވިގޮތުގައި އަދުގެ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި ދިނުމަށެވެ. އަދި މިހާރު ރަށްރަށަށް ދިއުމުން ކުރިން ކުރާ ޝަކުވާތައް ނުކުރާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި މި ކުދި ރަށްތަކުގެ ތަރައްގީއަށްޓަކައި މި ދާއިރާގެ ތިން ރަށަށް މިހާތަނަށް އަޅުގަނޑުމެންނަށް ކޮވިޑުގެ ދަތިކަމާއެކު އެ ދިޔަ ދެ އަހަރާ އެކުގައިވެސް 112 މިލިއަން ރުފިޔާ ޙަރަދު ކުރެވިއްޖެ. މިއީ ހަމަގައިމުވެސް މި ވޭތުވެދިޔަ ތަނުގައި ބައިވަރު ވެރިން އަތުވެއްޖެ، އެތައް އަހަރަކު ވެރިކަން ކުރެއްވި ބޭފުޅުން އެބަތިއްބެވި، ތަންކޮޅެއް އަވަހަށް ވެރިކަމާ ދުރުވި ބޭފުޅުން އެބަތިއްބެވި، އަދި ކުޑަމުއްދަތެއް ލިބުނު ވެރިންވެސް އެބަތިބި، ފަސް އަހަރު ޚިދުމަތް ކުރި ބޭފުޅުންވެސް އެބަތިބި، ހަމަ ގައިމުވެސް މި ދާއިރާއަށް މިވަރުގެ ހޭދައެއްކުރި އެއްވެސް ސަރުކާރެއް ނޯންނާނެ،ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު
ރައީސް ވިދާާޅުވީ މަކުނުދޫ ދާއިރާގެ ތިން ރަށުގައި ވެސް ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ކުމުންދޫއާއި ނޭކުރެންދޫގަައި ބަނދަރުގެ މައްސަލަ އެބައޮތް ކަމަށެވެ. އެގޮތުން، ކުމުންދޫ ބަނދަރު ބޮޑު ކުރަން ޖެހޭ ކަމަށާއި އެ މަސައްކަތަށް ބޭނުންވާ ސާމާނު ދެތިން ދުވަހު ތެރޭގައި އެ ރަށަށް ގެންދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ނޭކުރެންދޫ ބަނދަރުގެ މަސައްކަތް ވެސް މިއަހަރު ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މަކުނުދޫއަކީ އެކަހެރިކޮށް އޮންނަ ރަށަކަށްވާތީ އެ ރަށުގެ ރައްޔިތުން އެދެނީ ވައިގެ ދަތުރުފަތުރު ފަސޭހަކަމާއެކު ކުރެވޭ އިންތިޒާމެއް ހަމަޖެއްސުން ކަމަށާއި އެކަމަށް ވެސް އުއްމީދީ ޖަވާބެއް ލިބޭނެ ކަމަށެވެ.
މިއަދު ތަރައްގީގެ ގޮތުން ބޮޑެތި ބަދަލުތަކެއް ރަށްތަކަށް އައިސްފައިވާއިރު މި މަހުގެ 28 ވަނަ ދުވަހު ބާއްވާ ޕްރައިމަރީގައި ރައްޔިތުން ވިސްނަންވީ އެ ތަރައްގިއާއެކު ކުރިއަށްދާންވީތޯ ނުވަތަ ތަރައްގީ މަޑުޖެހުންތޯ ވިސްނަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާ ތަރައްޤީ އާއި ބަދަލުތައް ގެނެވޭނީ އެމަނިކުފާނަށް ކަމަށާއި ރައްޔިތުންގެ ޖަވާބު ޕްރައިމަރީން ވަރަށް ސާފުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ،