ކ. މާލެ
|
17 ޖެނުއަރީ 2023 | އަންގާރަ 15:46
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް
ރައީސް އޮފީސް
ރައީސް ޞާލިހު ކެމްޕޭން
ރައީސް ޞާލިހު ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް ހުކުރު ދުވަހުގެރޭ މާލޭގައި ބާއްވަނީ
ޖަލްސާ ބާއްވަނީ އާޓިފިޝަލް ބީޗްގައި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގެ ސްޕޯކްސްޕަރސަން އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ބައިވެރިވެވަޑައިގަންނަވާ މާލެ ޖަލްސާ 20 ވަނަ ދުވަހުގެ ރޭ 08:30 ގައި އާޓިފިޝަލް ބީޗްގައި އޮންނާނެ ކަމަށެވެ.

ރައީސް ޞާލިހު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މާލޭގައި ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު ރައީސް ޞާލިހުގެ ކެމްޕޭންގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނި މި މަހުގެ 4 ވަނަ ދުވަހު މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައެވެ. އަދި މާލޭގައި ދޮރުން ދޮރަށް ހިންގަވާ ކެމްޕޭން ވަނީ ފައްޓަވާފައެވެ.

ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސާލިހު، އަތޮޅު ތެރޭގެ ފުރަތަމަ ރަށަކަށް ވަޑައިގެންނެވީ ރ. މާކުރަތަށެވެ. އަދި ކެމްޕޭންގައި ރައީސް ވަނީ ރ. އަތޮޅާއި ނ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ބ. އަތޮޅާއި އައްޑޫ ސީޓީއަށް ވަޑައިގެންފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 28ވަނަ ދުވަހުއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައިވާއިރު މިފަހަރު ޕްރައިމަރީ އިންތިޚާބުގައި ވޯޓު ލެވޭނީ އެ ޕާޓީގެ 57،255 މެމްބަރުންނަށެވެ. މިއީ އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ރަޖިސްޓްރީ ކޮށްފައިވާ އެ ޕާޓީގެ މެމްބަރުންގެ ލިސްޓަށް ބަލައި ނެރެފައިވާ ދާއިމީ ލިސްޓެކެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައި ވާއިރު މި އިންތިޚާބުގައި ވާދަކުރައްވަނީ އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުއެވެ. ދެ ބޭފުޅުންގެ ކެންޑިޑޭޓް ނަންބަރުވެސް މިހާރު ވަނީ ފައިނަލް ވެފައެވެ. އެގޮތުން. ކެންޑިޑޭޓް ނަންބަރު 1 ރައީސް ނަޝީދަށް ލިބިވަޑައިގެންނެވިއިރު ރައީސް ސާލިހަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަންބަރު 2ވެ.

ދެ ބޭފުޅުންވެސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކެމްޕޭން ފަށާވައިވާއިރު ދެ ބޭފުޅުންވެސް ގެންދަވަނީ "ބޮޑުތަނުން" އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

- ކޮމެންޓް