ހއ. ހޯރަފުއްޓަށް ދެން ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާނީ ހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތް ނިންމަވާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވި އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިނަށް އަންގާރަ ދުވަހުގެ ހެނދުނު ހއ. ހޯރަފުއްޓަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިހިސާބަށް އައި އިރުގައި ހޯރަފުށީ ރައްޔިތުން ދެން ބޭނުންވާ ކަމަކީ އެރަށުގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކަމަށެވެ. ރައީސް ވިދާޅުވީ އަޅުގަނޑުމެންނަކީ ވައުދެއްވެފައި ދޫކޮށްލާނެ ބައެއް ނޫން ކަމަށެވެ. އެގޮތުން ހޮސްޕިޓަލުގެ މަސައްކަތް ޓެންޑަރކޮށް އެންމެ ފައިނަލް މަރުހަލާގައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އެ އަޅާނެ ރަނގަޅު ބަޔަކާއި، ފަށާގޮތަށްގޮސް ނިންމާނެ ބަޔަކާއި ހަވާލުކުރައްވާނެ ކަމަށެވެ.
މަގުހެދުން މެދުނުކެނޑި ތިބޭފުޅުން ބޭނުންވާ ގޮތަށް ހެދެމުން އެދަނީ. ވޮލީ ކޯޓުގެ މަސައްކަތް ކުރަމުން އެދަނީ. ޖުވެއިނަލް ޖަސްޓިސް ޔުނިޓުގެ ގޮފިވެސް މިރަށުގައި އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ. މިހިސާބަށް އައި އިރުގައި ތިބޭފުޅުން ދެން ބޭނުންވާ ކަމަކީ މިރަށުގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް. ޔަގީންކުރައްވައްޗޭ އަޅުގަނޑުމެންނަކީ ވައުދެއްވެފައި ދޫކޮށްލާނެ ބައެއް ނޫން. މިއަދު އެވަނީ ހޮސްޕިޓަލް ޓެންޑަރކޮށް އެންމެ ފައިނަލް މަރުހަލާގައި. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އެ އަޅާނެ ރަނގަޅު ބަޔަކާއި، ފަށާގޮތަށްގޮސް ނިންމާނެ ބަޔަކާއި ހަވާލުކުރާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިރަށަށް އައިސް ތިބޭފުޅުންނާއި ބައްދަލުކުރާނީ ހޮސްޕިޓަލްގެ މަސައްކަތް ނިންމާފައި.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސް ވިދާޅުވި ހޯރަފުއްޓާއި، ތުރާކުނާއި އުލިގަމުގެ ތަރައްގީއަށްވެސް އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގާ ތަރައްގީގެ ޕްރޮޖެކްޓުތަކަކީ ރަނގަޅަށް ޕްލޭންކުރެވި، ފައިސާ އެކަމަށް ހޯދާ ރޭވުންތެރިކަމާއެކުގައި ދުރަށް ވިސްނަވައިގެން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށެވެ.
އެއްވެސް ހާލެއްގައި ސަރުކާރުން ކުރާ އެއްވެސް މަސައްކަތަކީ ފަސް އަހަރުން ފަސްއަހަރުން ވެރިކަމަށް އައިސް ކުރަންޖެހޭނެ މަސައްކަތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެއިރުން ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ މާބޮޑުވާނެ ކަމަށާއި، މިކުރައްވާ މަސައްކަތްތަކީ ކުރިއަށް އޮތް 20-30 އަހަރަށް ބަދަލެއް ނުގެނެސް ހިދުމަތްދެވޭނެ ކަންކަން ކަމަށެވެ.