Advertisement
ކ. މާލެ
|
17 ޖެނުއަރީ 2023 | އަންގާރަ 13:40
މެކްޑޮނަލްޑްސް ޓްރެވެލް ޓީވީގައި ދިވެހިރާއްޖެ އިސްތިހާރުކުރަނީ
މެކްޑޮނަލްޑްސް ޓްރެވެލް ޓީވީގައި ދިވެހިރާއްޖެ އިސްތިހާރުކުރަނީ
އެމްއެމްޕީއާރްސީ
ޖަރުމަނުގައި ރާއްޖެ އިސްތިހާރުކުރުން
ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތަކަށް އަމާޒުކޮށް މެކްޑޮނަލްޑްސް ޓްރެވެލް ޓީވީގައި ދިވެހިރާއްޖެ އިސްތިހާރުކުރަނީ
މި ކެމްޕޭނުގައި 35 މިލިއަން މީހުނަށް ފޯރާގޮތަށް 700 މެކްޑޮނަލްޑްސް އައުޓްލެޓްތަކުގައި ދިވެހިރާއްޖެ އިސްތިހާރުކުރާނެ
މި އިސްތިހާރުގައި ދިވެހިރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކާލާނެ

ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތަކުގައި ދިވެހިރާއްޖެ އިސްތިހާރު ކުރުމަށް މެކްޑޮނަލްޑްސް ޓްރެވަލް ޓީވީއާ ގުޅިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޙާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕޭނުގައި 35 މިލިއަން މީހުނަށް ފޯރާގޮތަށް 700 މެކްޑޮނަލްޑްސް އައުޓްލެޓްތަކުގައި ދިވެހިރާއްޖެ އިސްތިހާރުކުރާނެއެވެ. މި އިސްތިހާރުގައި ދިވެހިރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކާލާނެއެވެ. މީގެ ތެރޭގައި ކަނޑުއަޑީގެ ރީތި މަންޒަރުތަކާއި، ޝިޕްރެކްތަކާއި، ރޮމޭންޓިކް ތަޖުރިބާތަކާއި، ރާއްޖޭގެ މަޝްހޫރު ބީޗްތަކާއި، ރާއްޖެއަށް ޙާއްސަ 'ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް' ހިމެނެއެވެ. މި އިޝްތިހާރު ކިއުރޭޓްކޮށްފައިވަނީ ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތައް ކަމަށްވާ ޖަރުމަނުވިލާތް، އޮސްޓްރިއާ، އަދި ސްވިޒަލޭންޑްގެ ފަތުރުވެރިން އިސްކަންދޭ ކަންކަމާއި ތަޖުރިބާތަކަށް އިސްކަންދީގެންނެވެ.

މި ކެމްޕެއިންގެ ސަބަބުން ޖަރުމަނު ބަހުން ވާހަކަދައްކާ މާކެޓްތަކުގައި ދިވެހިރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުވެ، ގިނަ އަދަދެއްގެ ބަޔަކަށް ދިވެހިރާއްޖޭގެ މަންޒަރުތައް ފޯރާނެއެވެ. ޖަރުމަނުގެ މާކެޓަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ މުހިންމު މާކެޓްތަކުގެ ތެރޭގައި ހިމެނޭ މާކެޓެކެވެ. 28 ޑިސެމްބަރު 2022 ގެ ނިޔަލަށް 132,426 ފަތުރުވެރިން ވަނީ މި މާކެޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން މިއީ ރާއްޖެއަށް 4 ވަނައަށް އެންމެ ބޮޑު މާކެޓެވެ.

Advertisement

މި އަހަރު އެމްއެމްޕީއާރުސީން ވަނީ ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓުގައި ތަފާތު ގިނަ ހަރަކާތްތައް ހިންގާފައެވެ. އޭގެ ތެރޭގައި ޓީޔޫއައި އޮސްޓްރިއާ، ޓީޔޫއައި ޖަރމަނީ، ކޮންޑޯ، އެފްޓީއައި އާއެކު ކުރިއަށް ގެންދިޔަ ކެމްޕޭންތައް ހިމެނެއެވެ. އަދި ޑޮޓްކޮމް އަރަބިއާ އާއެކު ކުރިއަށް ގެންދިޔަ އައުޓްޑޯ ކެމްޕޭންތައް ހިމެނެއެވެ. މީގެ އިތުރުން އައިއެމްއެމް ޖަރމަނީ، އައިމެކްސް 2022، އަދި އައިޓީބީ ޑިޖިޓަލް ބިޒްނަސް ޑޭގައި ވެސް އެމްއެމްޕީއާރުސީއިން މި އަހަރު ބައިވެރިވިއެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 205 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކާއި، އެތަކެއް މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2022 ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ. މިގޮތުން ރާއްޖޭގެ ތާރީޙުގައި ފުރަތަމަ ފަހަރަށް މިދިޔަ އަހަރު އެމްއެމްޕީއާރުސީއިން ވަނީ 'ވޯލްޑްސް ލީޑިންގ ޓޫރިސްޓް ބޯޑު'ގެ ލަޤަބުވެސް ހާސިލްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް