މި މަހުގެ 28 ވަނަ ދުވަހު ބާއްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާނެ މަރުކަޒުތައް އާއްމުކޮށްފިއެވެ.
ހޯމަ ދުވަހުގެ ރޭ އެމްޑީޕީން އާއްމުކޮށްފައިވާ ގޮތުގައި ޕްރައިމަރީގައި ވޯޓުލުމަށް މުޅި ޖުމްލަ 243 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެގޮތުން މާލޭގައި 49 ވޯޓު ފޮއްޓާއި ހުޅުމާލޭގައި އެއް ފޮށި އަދި ވިލިމާލޭގައި އެއް ފޮށި ބަހައްޓާއިރު އަތޮޅުތެރޭގައި 194 ވޯޓު ފޮށި ބަހައްޓާނެއެވެ.
ލިސްޓުގައި ބުނެފައިވާ ގޮތުގައި ޕްރައިމަރީގައި ވޯޓުލުމަށް މާލެ ސަރަހައްދުގައި ވޯޓުފޮށި ބަހައްޓާނީ ސީއެޗްއެސްސީ އާއި އަމީނިއްޔާ ސްކޫލާއި ޤައުމީ ޔުނިވަރސިޓީގެ މެއިންކެމްޕަހާއި އިސްކަންދަރު ސްކޫލާއި ހިރިޔާ ސްކޫލާއި ފެކަލްޓީ އޮފް ހެލްތު ސައިންސާއި އިމާދުއްދީން ސްކޫލާއި މާފަންނު މަދުރަސާއާއި، އިއްޒުދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ކަލާފާނު ސްކޫލާއި ޖަމާލުއްދީނާއި މުހިޔުއްދީން ސްކޫލް އަދި ރެހެންދި ސްކޫލުގައެވެ.
ވޯޓުލާ މަރުކަޒުގެ އިތުރުން ރިޔާސީ ޕްރައިމަރީ މޮނީޓަރު ކުރަން ބޭނުންވާ މީޑިއާތަކަށް ވެސް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އެގޮތުން، ކޮންމެ ވޯޓު ފޮއްޓެއް ކައިރީ އެއްވަގުތެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ ޕްރިންޓު އަދި އޮންލައިން މީޑިއާއަކުން އެކަކަށާއި ކޮންމެ ޓީވީ ސްޓޭޝަނަކުން 2 މީހުންނަށެވެ.
މިފަހަރު ޕްރައިމަރީ އިންތިޚާބުގައި ވޯޓު ލެވޭނީ އެމްޑީޕީގެ 57،255 މެންބަރުންނަށެވެ. ވޯޓުލުން އޮންނާނީ މި ހިނގާ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށް އެ ޕާޓިން ބުނެއެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލޙާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.