ކ. މާލެ
|
16 ޖެނުއަރީ 2023 | ހޯމަ 22:02
ނޭޕާލުގެ ފްލައިޓެއް ވެއްޓި އެތައް ބައެއްގެ ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާ
ނޭޕާލުގެ ފްލައިޓެއް ވެއްޓި އެތައް ބައެއްގެ ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާ
ރޮއިޓާސް
ނޭޕާލުގެ ފްލައިޓެއް ވެއްޓުން
ދެމަފިރިންވެސް މަރުވީ ދެމީހުން ދުއްވި ދެ ފްލައިޓް ކްރޭޝްވެގެން
އަންޖޫގެ ފިރިމީހާ ޑިޕަކް މަރުވީ 2006 ވަނަ އަހަރު ޖުމްލާއަށް ވެއްޓުނު ޔެޓީ އެއަރލައިންގެ ފްލައިޓް ދުއްވަން އިންދައި
އަންޖޫ އޭނާގެ ޕައިލެޓް ލައިސެންސް ހޯދީ، ފިރިމީހާ މަރުވުމުން ކުންފުނިން ދިން އިންޝުއަރެންސް ފައިސާ ބޭނުންކޮށްގެން
އަންޖޫ ޕައިލެޓަކަށްވީ ފިރިމީހާ މަރުވުމުން އޭނާގެ ހަނދާނުގައި
ޖެނުއަރީ 15 ވަނަ ދުވަހު ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއިން ޕޮޚަރާއަށް ދަތުރުކުރި ޔެޓީ އެއަރގެ ފްލައިޓް ވެއްޓުނު އިރު، އަންޖޫ އިނީ އޭގެ ކޯޕައިލެޓެއްގެ ގޮތުގައި

އަންޖޫ ޚަތިވަޑަ ޕައިލެޓެއްގެ ގޮތުގައި ނޭޕާލްގެ ޔެޓީ އެއަރލައިނާ ގުޅުނީ 2010 ވަނަ އަހަރުއެވެ. އެއީ އޭނާގެ ފިރިމީހާ ޑިޕަކް ޕޮޚްރެލް، 2006 ވަނަ އަހަރު މަރުވިފަހުންނެވެ.

އަންޖޫގެ ފިރިމީހާ ޑިޕަކްއަކީވެސް ޕައިލެޓެކެވެ. އޭނާ މަރުވިީ ޔެޓީ އެއަރލައިންގައި ޕައިލެޓެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށެވެ. 2006 ވަނަ އަހަރު ޖުމްލާއަށް ވެއްޓުނު އެ އެއަރލައިންގެ ޓްވިން އޮޓަރ ޕްލޭން ދުއްވަން އިނީ ޑިޕަކްއެވެ.

ޔެޓީ އެއަރލައިންގެ ތަރުޖަމާނު ރޮއިޓަރސްއަށް ކިޔައިދިންގޮތުގައި، އަންޖޫ އޭނާގެ ޕައިލެޓް ލައިސެންސް ހޯދީ، ފިރިމީހާ މަރުވުމުން ކުންފުނިން ދިން އިންޝުއަރެންސް ފައިސާ ބޭނުންކޮށްގެންނެވެ. ފިރިމީހާ މަރުވުމުން އޭނާގެ ހަނދާނުގައި ޕައިލެޓަކަށްވި އަންޖޫވެސް މިވަނީ ޔެޓީ އެއަރލައިންގެ ފްލައިޓެއް ވެއްޓުނު ހިތާމަވެރި ހާދިސާއެއްގައި މަރުވެފައެވެ.

ޖެނުއަރީ 15 ދުވަހު ނޭޕާލުގެ ވެރިރަށް ކަތަމަންޑޫއިން ޕޮޚަރާއަށް ދަތުރުކުރި ޔެޓީ އެއަރގެ ފްލައިޓް، އޭޓީއާރް 72 ވެއްޓުނު އިރު އަންޖޫ އިނީ އޭގެ ކޯޕައިލެޓެއްގެ ގޮތުގައެވެ.

އުމުރުން 44 އަހަރުގެ އަންޖޫ މަރުވިއިރު، އޭނާއަކީ ފްލައިޓް ދުއްވުމުގެ 6،400 ގަޑިއިރުގެ ތަޖުރިބާހުރި ޕައިލެޓެކެވެ. އަންޖޫ ވަނީ މީގެ ކުރިންވެސް ކަތަމަންޑޫއިން ޕޮޚަރާއަށް ދަތުރުކޮށްފައެވެ.

އޭނާއާއެކު މަސައްކަތްކުރި މީހުން ރޮއިޓަރސްއަށް ކިޔައިދިން ގޮތުގައި އަންޖޫއަކީ ހަވާލުކުރާ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ހުރި، ކެރޭ ޕައިލެޓެކެވެ.

ދެ މަފިރިންގެ ފްލައިޓްވެސް ވެއްޓިފައި ވަނީ ފްލައިޓް ޖައްސަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ. އަންޖޫގެ ފްލައިޓް ވެއްޓުމުގެ ކުރިން ފްލައިޓް ލޭންޑިންގ ކްލިއަރެންސްވެސް ވަނީ ހޯދާފައެވެ.

ފްލައިޓްގެ ކެޕްޓަން ކަމަލް ކޭ.ސީގެ ހަށިގަނޑު ފެނިފައިވީ ނަމަވެސް، އަންޖޫގެ ހަށިގަނޑު އަދި އައިޑެންޓިފައި ކުރެވިފައި ނުވާކަމަށް އޮފިޝަލުން މައުލޫމާތުދެއެވެ.

މިފްލައިޓް ވެއްޓުނުއިރު ދަތުކުރަމުންދިޔައީ 72 މީހުންނާއެކުއެވެ. އެއީ ހަތަރު ކްރޫއިންނާއި 68 ޕަސެންޖަރުންނެވެ.

ފްލައިޓުން ދަތުކުރި މީހުންގެ ތެރޭގައި ނޭޕާލުގެ 53 މީހުންގެ އިތުރުން، އިންޑިއާގެ ފަސް މީހުން، ރަޝިއާގެ ހަތަރު މީހުން، ދެކުނު ކޮރިއާގެ ދެ މީހުން، އަދި އޮސްޓްރޭލިއާ، އަޔަލޭންޑް، އާޖެންޓީނާ އަދި ފްރާންސް، މިއިން ކޮންމެ ގައުމަކުން މީހަކު ހިމެނެއެވެ. މީގެތެރޭގައި ކުޑަ ތިން ކުދިންނާއި އަހަރު ނުފުރޭ ތުއްތު ތިން ކުދިންވެސް ހިމެނެއެވެ.

ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދޭގޮތުގައި ފްލައިޓްގައި ދަތުރުކުރި 70 މީހުންގެ ފުރާނެ ނެތް ހަށިގަނޑު ވަނީ ފެނިފައެވެ. ފްލައިޓުން ދަތުކުރި އެއްވެސް މީހަކު ދިރިހުންނާނެކަމުގެ އުންމީދު ނެތްއިރު، ދެމީހުންގެ ހަށިގަނޑު އަދިވެސް ނުފެނެއެވެ.

މިހާދިސާއަކީ 1992 ވަނަ އަހަރު ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންގެ އެއަރބަސް އޭ300 ކަތަމަންޑޫއަށް ވެއްޓި، އެ ފްލައިޓުން ދަތުރުކުރަމުންދިޔަ 167 މީހުން މަރުވި ހިތާމަވެރި ހާދިސާއަށްފަހު ހިނގި މިފަދަ އެންމެ ބޮޑު ހާދިސާއެވެ.

މިފަދަ ހާދިސާތަކަކީ ނޭޕާލުގައި އާންމުކޮށް ހިނގާ ހާދިސާތަކަކަށް ވާއިރު، 2000 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ނޭޕާލްގައި މިފަދަ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 350އާ ގާތްކުރާ ކަމަށް ކަމާގުޅުންހުރި ފަރާތްތަކުން މައުލޫމާތުދެއެވެ.

ޖެނުއަރީ 15 ދުވަހު ހިނގި ހިތާމަވެރި ހާދިސާގެ ސަބަބުން، ޖެނުއަރީ 16 ވަނަ ދުވަހަކީ ގައުމީ ހިތާމައިގެ ދުވަހުގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އަދި މިހާދިސާ ތަހުގީގުކުރަން ފަސް މެމްބަރުންގެ ޚާއްސަ ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް