އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި އިމާދުއްދީން ސްކޫލް ބަލިކޮށް ގްރޫޕް އޭގެ އެއް ވަނަ އަށް ގާޒީ ސްކޫލް ޖެހިލައިފި އެވެ.
އާދިއްތަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ގާޒީ ސްކޫލް އިން ކާމިޔާބުކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ގާޒީ ސްކޫލް އިން ވަނީ ދެ ލަނޑު ޖަހައި ކުރި ހޯދައިފަ އެވެ. ގާޒީ ސްކޫލްގެ ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ޖެހީ މުޙައްމަދު އަރުޝަދު ސަލީމް އެވެ. އޭގެ 10 މިނެޓު ފަހުން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ އަޝަމް އިބްރާހީމް މުޙައްމަދު އެވެ. ދެ ވަނަ ހާފަށް ނިކުމެ ގާޒީ ސްކޫލް އިން ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު 62 ވަނަ މިނެޓުގައި ޖެހީ މުޙައްމަދު އައިހަމް އިބްރާހީމް އެވެ. އޭގެ ތިން މިނެޓު ފަހުން ގާޒީ ސްކޫލްގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ އަޙުމަދު އަޒްލާން އަލީ އެވެ. މެޗުގައި އިމާދުއްދީން ސްކޫލްގެ ހަމައެކަނި ލަނޑު ޖެހީ ޙަސަން އަމަން ޒާހިރު އެވެ.
މި ގްރޫޕްގެ އެއް ވަނައިގައި ގާޒީ ސްކޫލަށް ތިން ޕޮއިންޓު ލިބޭއިރު، ދެ ވަނައިގައި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލަށް ލިބެނީ ވެސް ތިން ޕޮއިންޓެވެ. ގާޒީ ސްކޫލް އިން ކުރި ހޯދަނީ ފައިދާ ލަނޑުންނެވެ.