މުޅި ދުނިޔެ އިނދަޖައްސާލީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އޮމިކްރޯން ސަބްވޭރިއަންޓެއް މި ދުވަސްވަރު އިންތިހާ ހަލުވި ދުވެލީގައި އެމެރިކާގައި ފެތުރެމުން ދާއިރު، ދިގު ދަތުރު ކުރާ ފަސިންޖަރުން މާސްކު ބޭނުން ކުރުމަށް ލަފާ ދިނުމާ މެދު ޤައުމުތަކުން ވިސްނަންޖެހޭ ކަމަށް، ދުނިޔޭގެ ސިއްޙައްތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ޖެނުއަރީ 10 ވަނަ ދުވަހު ބުނެފިއެވެ.
ކޮވިޑް-19 އޮމިކްރޯން ސަބްވޭރިއަންޓް ނުވަތަ އެޗްބީބީ.1.5، މަދުން ނަމަވެސް ވިލާތުގެ ޤައުމުތަކުން ފެންނަމުން ދާކަމަށް ޑަބްލިއުއެޗްއޯއާއި ވިލާތުގެ އޮފިޝަލުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.
ޑަބްލިއުއެޗްއޯގެ ސީނިއަރ އިމަޖެންސީ އޮފިސަރ ފޮރ ޔޫރަޕް، ކެތަރީން ސްމޯލްވުޑް ވިދާޅުވީ ބަލީގެ ނުރައްކާ ބޮޑު ހާލަތްތަކުގައި، މިސާލަކަށް ގިނަ ވަގުތު ހޭދަވާ ދަތުރުތަކުގައި ފަސިންޖަރުންނަށް މާސްކު ބޭނުން ކުރުމަށް އިރުޝާދު ދިނުން ފަދަ ކަންކަން ކުރަން ޖެހޭ ކަމަށެވެ. އަދި އިރުޝާދަކީ، ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އޮތް ކޮންމެ މަންޒިލަކުން ދަތުރު ކުރާ ފަސިންޖަރުންނަށްވެސް ދޭން ރަނގަޅު އިރުޝާދެއް ކަމަށް ސްމޯލްވުޑް ވަނީ ފާހަގަ ކުރައްވާފައެވެ.
ދަތުރުފަތުރާ ގުޅިގެން ފިޔަވަޅުތަކެއް އަޅާ ނަމަ އެ ފިޔަވަޅުތައް ވާންޖެހޭނީ ވަކި ބަޔަކާ މެދު ތަފާތު ނުކުރާ ފިޔަވަޅުތަކަކަށް. މި ބުނަނީ، މި ހާލަތަށް ބަލާއިރު، ހަމަ އެކަނި އެމެރިކާއިން އަންނަ ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާށެކޭއެއް ނޫން. ޓެސްޓުތައް ހެދުމުގައި ޤައުމުތަކުން ބަރޯސާވާންވީ ހެއްކަށް. ދަތުރަށް ފުރުމުގެ ކުރިން، ޓެސްޓު ކުރުމުގެ އުސޫލަށް. އެހެން ފިޔަވަޅުތަކަށް ބަލާއިރު، މިސާލަކަށް ދިގު ދަތުރުތަކުގައި މާސްކު އެޅުން ކަހަލަ ކަންކަމުގައި، ޑަބްލިއުއެޗްއޯގެ އިރުޝާދަކީ ނުރައްކާ މަންޒިލްތަކުން ދަތުރު ކުރާއިރު، ނުވަތަ ބަލި ފެތުރުމުގެ ފުރުޞަތު ބޮޑު މަންޒިލްތަކުން ދަތުރުކުރާއިރު އެފަދަ ފަސިންޖަރުން މާސްކު ބޭނުން ކުރުން.ކެތަރީން ސްމޯލްވުޑް؛ ޑަބްލިއުއެޗްއޯގެ ސީނިއަރ އެމަރޖެންސީ އޮފިސަރ
އެންމެ ހަލުވި ދުވެލީގައި ފެތުރިގެންދިޔަ އޮމިކްރޯން ވޭރިއަންޓްގެ ސަބްވޭރިއަންޓް، އެޗްބީބީ.1.5 އަކީވެސް އިންތިހާ ހަލުވި ދުވެލީގައި ފެތުރެމުންދާ ސަބްވޭރިއަންޓެކެވެ. ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ނިމުނު ހަފުތާއަށް ބަލާއިރު އެކަނިވެސް އެމެރިކާއިން އަލަށް ރިޕޯޓް ކުރި ކޮވިޑް ކޭސްތަކުގެ 27.6 ޕަސެންޓް ކޭސް ހިއްސާކޮށްފައި ވަނީ އޮމިކްރޯން ސަބްވޭރިއަންޓް ނުވަތަ އެޗްބީބީ.1.5 ކަމަށް އެމެރިކާގެ ސިއްޙަތާ ބެހޭ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
ކަން މިހެން އޮތް އިރު، އޮމިކްރޯން ސަބްވޭރިއަންޓް ނުވަތަ އެޗްބީބީ.1.5ގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ އިތުރު ރާޅެއް އުފެދިދާނެ ކަން ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ. ސިއްޙީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މިހާރު ބޭނުން ކުރަމުންދާ ވެކްސިންތަކުން، ބަލީގެ އަލާމާތްތައް ސީރިއަސްވެ ދިއުމާއި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުމާއި ފުރާނައަށް ނުރައްކާވާ ދަރަޖައަށް ނުގޮސް ވާނެ ވަރު ކުރުމަށް އެހީވެދެއެވެ.
ކޮވިޑް-19އާ ގުޅިގެން ދަތުރުފަތުރުގެ ދާއިރާގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށް، ވަރުގަދަ ކުރާ ކަމުގައި ވާނަމަ، އެކަން ކުރަން ވާނީ ވަކި ބަޔަކާ މެދު ތަފާތު ކުރުންތަކެއް ނުއޮންނަ އުސޫލަކުން ކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ފާހަގަ ކޮށްފައެވެ.