ރަށްތަކާއި ފަޅުތައް ހިމެނޭހެން ޖިއޮގްރަފިކް ތަންތަނަށް ނަންކިޔާނެ އުސޫލެއް އެކުލަވާލައިފިއެވެ.
މިއީ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އިން އެކުލަވާލާފައިވާ އުސޫލެކެވެ. މިއީ ޖިއޮގްރަފިކް ތަންތަނުގެ ތެރެއިން ވަކި ނަމެއް ކިޔުމަށް ބޭނުންވާ ތަންތަނާއި އަލަށް އުފައްދާ ތަންތަނަށް ނަން ކިޔުމާއި ވަކިނަމެއް ނުދޭ ތަނަކަށް ނަންކިޔުމުގެ އިތުރުން ވަކި ތަނަކަށް ދީފައިވާ ނަމެއް ބަދަލުކުރަމަށް ނުވަތަ އާންމުކޮށް އެތަނަކަށް ކިޔާ އުޅޭ ނަމެއް ރަސްމީކޮށް އެތަނަކަށް ކިޔުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށް އެކުލަވާލައިފައިވާ އުސޫލެކެވެ.
ބުރާސްފަތި ދުވަހު ގެޒެޓުކޮށްފައިވާ މި އުސޫލުގައި ބުނެފައިވާ ގޮތުން ރަށަކަށް ނުވަތަ ފަޅަކަށް ކިޔާފައިވާ ނަމެއް ބަދަލުކުރުމަށް ނުވަތަ އެނަމަށް ބަދަލު ގެނައުމަށް ހުށަހެޅޭނީ ސަރުކާރުގެ އިދާރާއަކަށް ނުވަތަ އެތަނެއް ކުއްޔައް ހިފާފައިވާ ފަރާތް ނޫނީ އެތަނެއް ހަވާލުކޮށްފައިވާ ފަރާތަކަށެވެ. އަދި ރަށަކަށް ނަން ކިޔުމުގައި ސަރުކާރުގެ އިދާރާއެއް ފިޔަވައި އެހެން ފަރާތަކުން ނަންކިޔުމަށް އެދޭނަމަ އެ ރަށަކީ އެފަރާތަކުން ހިއްކާފައިވާ ރަށަކަށް ވާންޖެހޭނެ ކަމަށް ވެސް އެ އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ނަންކިޔުމަށް ނުވަތަ ނަން ބަދަލުކުރުމަށް ހުށަހަޅާ ފަރާތްތަކުން އެތަނަށް ކިޔުމަށް އެދޭ ނަމެއް ނުވަތަ ނަންތަކެއް ހުށަހަޅަންޖެހޭނެއެވެ. ހުށަހަޅާ ނަންތަކުގެ ތެރެއިން ނަން ފާސްކުރުމުގައި، ކިޔާ ނަމަކީ ދިވެހި ބަހުން ކިޔާ އާންމު އިޖުތިމާއީ މިންގަނޑުތަކަށާއި އަހުލާގީ މިންގަނޑުތަކަށް ފެތޭ ނަމެއް ކަމުގައި ބަލާނެއެވެ. އަދި އެއީ ކިޔަން ފަސޭހަ ރީތި ނަމެއްތޯއާއި އެއީ އެހެންތަނަކަށް ކިޔާފައި ނުވާ ނަމެއްތޯވެސް މި އުސޫލުގެ ދަށުން ބަލާނެއެވެ. މި އުސޫލުގެ ދަށުން ރަށަކަށް އަދި ފަޅަކަށް ވެސް މީހަކަށް ނުވަތަ ތަނަކަށް ކިޔާ ނަމެއް ނުދެވޭނެއެވެ.
މި އުސޫލުގެ ދަށުން ނަން ކިޔުމަށް ނުވަތަ ނަން ބަދަލު ކުރުމަށް ނިންމާނީ ޖިއޮގްރަފިކް ނަންތަކާބެހޭ ކޮމެޓީންނެވެ. މި ކޮމިޓީގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާ ބޭފުޅަކާއި މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީއިން ކަނޑައަޅާ ބޭފުޅަކާއި ދިވެހި ބަހުގެ އެކަޑަމީ އިން ކަނޑައަޅާ ބޭފުޅަކާއި މިނިސްޓްރީ އޮފް ޓޫރިޒަމް އިން ކަނޑައަޅާ ބޭފުޅަކާއި ފިޝަރީޒް މިނިސްޓްރީ އިން ކަނޑައަޅާ ބޭފުޅަކާއި އެންވަޔަރަންމަންޓް މިނިސްޓްރީ އިން ކަނަޑައަޅާ ބޭފުޅަކާއި ޕްލޭނިން މިނިސްޓްރީ އިން ކަނޑައަޅާ ބޭފުޅަކާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން ކަނޑައަޅާ ބޭފުޅެކެވެ.
މި ކޮމިޓީން ނަމެއް ފާސްކޮށް އިއުލާނުކުރުމުން ރާއްޖޭގެ ރަސްމީ ޗާޓުގައި އެތަނެއް ފާހަގަކޮށް އެނަން އެތަނަށް ކިޔާ ނަމުގެ ގޮތުގައި ހިމަނަންޖެހޭނެ ކަމަށްވެސް އުސޫލުގައި ކަނޑައަޅާފައިވެއެވެ.