ކ. މާލެ
|
12 ޖެނުއަރީ 2023 | ބުރާސްފަތި 16:44
އޮޑިޓް ރިޕޯޓް
އޮޑިޓް ރިޕޯޓް
ރާއްޖެއެމްވީ
އޮޑިޓް ރިޕޯޓް
ކައުންސިލްތަކުން ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓް ތައްޔާރުކޮށްފައެއް ނުވޭ!
މަހިބަދޫ ކައުންސިލަށް ލިބޭ ފައިސާ ބަލަހައްޓަމުން ގެންދަނީ މުވައްޒަފެއްގެ މޭޒު ވަތްގަނޑުގައި

ސަރުކާރުން ކޮންމެ އަހަރަކުވެސް ކައުންސިލްތަކަށް ބަޖެޓް ކަނޑައަޅައެވެ. އަދި އެ އަހަރަކަށް ފާސްކޮށްފައިވާ ބަޖެޓާ އެއްގޮތަށް ކައުންސިލުން ޚަރަދުތައް ކޮށްފައިވަނީ ރަނގަޅަށްތޯ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބަލައެވެ. އެގޮތުން އެ އޮފީހުން މިއަހަރު ނެރެފައިވާ އޮޑިޓް ރިޕޯޓްތަކުން ދައްކާގޮތުގައި، ކައުންސިލްތަކުން އެންމެ ފުރިހަމައަށް ޒިންމާ އަދާކޮށްފައެއް ނުވެއެވެ. އެ އޮފީހުން ނެރެފައިވަނީ 2020 ވަނަ އަހަރާ 2021 ވަނަ އަހަރުގެ އޮޓިޑް ރިޕޯޓްތަކެވެ. ގިނަ ކައުންސިލުންތަކުން އެ އިދާރާތަކުގެ ތިޖޫރީ ބެލެހެއްޓުމުގައި އިހުމާލުވެފައިވެއެވެ.

އދ. މަންދޫ ކައުންސިލް

މިއީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ، އދ. މަންދޫ ކައުންސިލްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓެވެ. އެ އަހަރު ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާ ފައިސާއާއި ނަގާފައިވާ ނުވަތަ ބޭންކަށް ޖަމާކުރާ ފައިސާ ދުވަހުން ދުވަހަށް ރެކޯޑް ކުރުމަށް، ބާކީ ކުރާ ފޮތެއް ނުވަތަ ޝީޓެއް ބަލަހައްޓާފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ކައުންސިލްގައި ބެހެއްޓޭ ފައިސާގެ ދުވަހުގެ އަދަދު އެނގޭކަށް ނޯވެއެވެ. އަދި 2021 ވަނަ އަހަރު ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓް ކޮންމެ ހަފުތާއެއްގެ ނިޔަލަށް، އަދި ކޮންމެ މަހެއްގެ ނިޔަލަށް ތައްޔާރުކޮށްފައެއް ނުވެއެވެ.

އދ. މަހިބަދޫ ކައުންސިލް

މިއީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ، އދ. މަހިބަދޫ ކައުންސިލްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓެވެ. ކޮންމެ ކައުންސިލެއްގައިވެސް ފައިސާ ބަހައްޓާނެ ތިޖޫރީއެއް ނުވަތަ ފައިސާ ރައްކާ ކުރާނެ ފޮއްޓެއް ނުވަތަ ސްޓްރޯންގ ރޫމެއް ހުންނަން ޖެހެއެވެ. އެހެންނަމަވެސް މަހިބަދޫ ކައުންސިލްގައި ބަހައްޓަން ޖެހޭ ފައިސާ ބަހައްޓާނެ ތިޖޫރީއެއް ނުވަތަ ފައިސާ ރައްކާކުރާ ފޮއްޓެއް ނުވަތަ ސްޓްރޯންގ ރޫމެއް ނެތްކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. އޭގެ ބަދަލުގައި ކައުންސިލްގައި ފައިސާ ބަހައްޓަންޖެހޭ ހާލަތްތަކުގައި ފައިސާ ބަހައްޓާފައިވަނީ މުވައްޒަފެއްގެ މޭޒު ވަތްގަނޑުގައެވެ. އަދި އެ އަހަރު ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާ ފައިސާއާއި ނަގާފައިވާ ފައިސާ ދުވަހުން ދުވަހަށް ރެކޯޑް ކުރުމަށް، ބާކީ ކުރާ ފޮތެއް ނުވަތަ ޝީޓެއް ބަލަހައްޓާފައެއް ނުވެއެވެ.

އދ. ހަންޏާމީދޫ ކައުންސިލް

މިއީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ، އދ. ހަންޏާމީދޫ ކައުންސިލްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓެވެ. އެ ކައުންސިލްގެ އިދާރާއަށް ލިބޭ ފައިސާ ބަލަހައްޓަމުން ގެންދަނީ މުވައްޒަފެއްގެ މޭޒު ވަތްގަނޑުގައި ކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ. އެގޮތުން މިދިޔަ އަހަރު ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އޮޑިޓްކުރިއިރު 3،620 ރުފިޔާ މުވައްޒަފުގެ މޭޒުގެ ވަތްގަނޑުގައި ހުއްޓެވެ. އަދި ކައުންސިލްގެ އިދާރާގެ ބެލުމުގެދަށުގައި ބަހައްޓާފައިވާ ފައިސާއާއި ނަގާފައިވާ ފައިސާ ދުވަހުން ދުވަހަށް ރެކޯޑް ކުރުމަށް، ބާކީ ކުރާ ފޮތެއް ނުވަތަ ޝީޓެއް ބަލަހައްޓާފައެއް ނުވެއެވެ. އަދި 2021 ވަނަ އަހަރު ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓް ކޮންމެ ހަފުތާއެއްގެ ނިޔަލަށް، އަދި ކޮންމެ މަހެއްގެ ނިޔަލަށް ތައްޔާރުކޮށްފައެއް ނުވެއެވެ.

އދ. ދިގުރަށު ކައުންސިލް

މިއީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ، އދ. ދިގުރަށު ކައުންސިލްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓެވެ. އެ ކައުންސިލުން 2021 ވަނަ އަހަރު ތިޖޫރީގައި ހުރި ފައިސާގެ ހަފުތާ ރިޕޯޓް ތައްޔާރުކޮށްފައެއް ނުވެއެވެ. އަދި ރިޕޯޓް ތައްޔާރުކޮށްފައި ނެތުމުން، ތިޖޫރީ ހަވާލުކޮށްފައިވާ މުވައްޒަފުގެ އިތުރަށް އޮފީހުގެ އިސް މުވައްޒަފަކު ހިސާބުތައް ބަލައި، ފައިސާ ގުނައި، އޮފީހުގެ ވެރިޔަކު ހިސާބުތައް ބަލަމުން ނުގެންދާކަން ފާހަގަކުރެވުނު ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ. އަދި އެ މަހެއްގައި ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓް ތައްޔާރުކޮށްފައި ވީނަމަވެސް އެ ރިޕޯޓް ތައްޔާރުކޮށްފައިވަނީ ނަމޫނާއާ އެއްގޮތަކަށް ނޫނެވެ.  

ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާގެ ދަށުން ރިޕޯޓްތައް ތައްޔާރު ނުކުރާނަމަ، ތިޖޫރީގައި ހުރި ފައިސާގެ ހިސާބު ދިމާނުވުމާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދެއެވެ. ފައިސާގެ "ދުވަހު ފޮތް" އަޕްޓޭޑް ކުރުމުން، ބޭންކަށް އެ ފައިސާގެ އަދަދު ޖަމާނުކުރިިޔަސް، ތިޖޫރީގައި ފައިސާ ހުރި އަދަދު އެނގިގެންދާނެއެވެ. އަދި އެ ބޭނުމުގައި ފޮތް އަޕްޓޭޑްކުރުމަށް އޮންނައިރު، ދުވަހުން ދުވަހަށް ފައިސާ ޖަމާކުރުމުގައި ކައުންސިލްތަކަށް ބައެއް ދަތިތަކާ ކުރިމަތިވެއެވެ. ބައެއް ރަށްތަކުގައި އޭޓީއެމް ނުހުރުމުގެ ސަބަބުން ދެން ދާންޖެހެނީ ފައިސާ ޖަމާކުރުމަށް އެންމެ ކައިރީގައި ހުންނަ ރަށެއްގައި ހުންނަ އޭޓީއެމަކަށެވެ. ބައެއް މަސް ނިމިގެންދާއިރު ފައިސާ ޖަމާކުރަން ކައުންސިލްތަކުން މަޑުކުރުމުން، ކައުންސިލަށް ލިބޭ ފައިސާގެ އަދަދުތައް ބަލަހައްޓާ މުވައްޒަފު ޒިންމާވާންޖެހޭތަންވެސް އާދެއެވެ.

ކަން މިހެން އޮތްއިރު، ބައެއް ހާލަތްތަކުގައި ކައުންސިލްގެ އިދާރާގެ ބެލުމުގެދަށުގައި ބަހައްޓާފައިވާ ފައިސާއާއި ނަގާފައިވާ ފައިސާ ދުވަހުން ދުވަހަށް ރެކޯޑްކުރުމަށް، ބާކީ ކުރާ ފޮތެއް ނުވަތަ ޝީޓު ބަލަހައްޓާފައިނުވުމުން ނާޖާއިޒު ގޮތުގައި ފައިސާ ނެގުމުގެ މަގުފަހިވެގެންދެއެވެ. އަދި ދައުލަތު ފައިސާ އިންޓްރަސްޓް ފްރީ ލޯނެއްގެ ގޮތުގައި ބޭނުންކުރުމަށް ފުރުސަތު ފަހިވެގެންދެއެވެ. ކައުންސިލްތަކުން ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓް ކޮންމެ ހަފުތާއެއްގެ ނިޔަލަށް، އަދި ކޮންމެ މަހެއްގެ ނިޔަލަށް ތައްޔާރުކުރުމަކީ މުހިންމު ކަމެކެވެ. ނޫންނަމަ ތިޖޫރީގައި ހުރި ފައިސާގެ ހިސާބު ދިމާނުވުމާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް