ކ. މާލެ
|
9 ޖެނުއަރީ 2025 | ބުރާސްފަތި 21:22
އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ (ވ)
އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ (ވ)
އޮޑިޓަރ ޖެނެރަލް އޮފީސް
މައުލޫމާތު ހޯދާ ލިބިގަތުން
އޮޑިޓަރ ޖެނެރަލް އޮފީހުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ ޚިލާފުވެއްޖެ
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 9 ވަނަ މާއްދާ އާއި 12 ވަނަ މާއްދާ ގައި ބަޔާން ކުރާ އިޖުރާއަތުތައް އިދާރާއިން ފުރިހަމަ ކޮށްފައި ނުވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނޭ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޚިލާފްވެއްޖެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅައިފިއެވެ.

މައުލޫމާތު ހޯދުމަށް އެދި 7 އޮކްޓޯބަރު 2024 ގައި އޮޑިޓަރ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާ ހުށަހެޅުމަށް އެ ތަނުގެ އިންފޮމޭޝަން އޮފިސަރު އެއްވެސް ޖަވާބެއް ދީފައި ނުވާތީ ހުށަހެޅި ޝަކުވާގެ މުއްދަތު ހަމަވި އިރުވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެ ޝަކުވާ އަށް ޖަވާބެއް ދީފައެއް ނުވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފައިވަނީ "މައްސަލަ ހިނގާފައިވާ ގޮތައް ބަލާއިރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 9 ވަނަ މާއްދާ އާއި 12 ވަނަ މާއްދާ ގައި ބަޔާން ކުރާ އިޖުރާއަތުތައް އިދާރާއިން ފުރިހަމަ ކޮށްފައި ނުވާތީވެ، ގާނޫނުގެ އެމާއްދާތަކާ ޚިލާފުވެފައިވާކަން ކަނޑައަޅަމެވެ."

އެ އޮފީހުން ބުނެފައިވަނީ ހުށަހަޅާފައިވާ ޝަކުވާ އަށް ބަލާއިރު ހުށަހެޅި ލިޔެކިޔުންތަކާއި ބޭއްވުނު ބައްދަލުވުމުގައި ފާހަގަ ކުރެވުނު ކަންކަމަށް ރިއާޔަތް ކުރާއިރު ހޯދުމަށް އެދިފައިވާ މައުލޫމާތަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ނުދީ ހިފެހެއްޓޭނެ މައުލޫމާތެއް ކަމަށް އޮޑިޓް އޮފީހުން ފާހަގަ ކުރި ނަމަވެސް، ހޯދުމަށް އެދިފައިވާ މައުލޫމާތަކީ ގައުމުގެ އިގްތިސާދު ދެމެހެއްޓުމަށާއި، ހިންގުމަށް ސަރުކާރަށް ލިބިގެންވާ ކުޅެދުންތެރި ކަމަށް އުނިކަން އަތުވެދާނެ ފަދަ ނުވަތަ މައުލޫމާތެއް ހާމަކުރަން ޖެހޭ ވަގުތުގެ ކުރިން އެ މައުލޫމާތެއް ހާމަ ކުރުމުގެ ސަބަބުން ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ނޭދެވޭ އަސަރެއް ފޯރާނެ މައުލޫމާތެއް ކަމުގައި ނުބެލެވޭތީ އާއި މި ނޫންވެސް ގާނޫނުގައި ބަޔާން ކޮށްފައިވާ އެއްވެސް އިސްތިސްނާ ހާލަތަކަށް ނުފެތޭތީ ރަސްމީ ފަސްދުވަހުގެ ތެރޭގައި މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ފަރާތަށް އެ މައުލޫމާތު ދޫކުރުމަށް ޑިސެމްބަރު 26 2024 ގައި ޝަކުވާ ނިންމާ އޮޑިޓަރ ޖެނެރަލް އޮފީހަށް އަންގާ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ ގޮތައް އެންގި ނަމަވެސް އެ ނިންމުމަށް އޮޑިޓަރ ޖެނެރަލް އޮފީހުން އަމަލު ކޮށްފައި ނުވާކަން މި ނޫހަށް ވަނީ ކަށަވަރުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހޯދަން އެދުނު މައުލޫމާތަކީ އޮޑިޓަރ ޖެނެރަލް އޮފީހުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހައުސިންގ މިނިސްޓްރީ އަށް ދީފައިވާ ލަފާ ސާފުކުރުމަށެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން މައުލޫމާތު ސާފުކުރަން އެދުނު ފަރާތަށް އަންގާފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި 4000 ފްލެޓާ ބެހޭ ގޮތުން ހައުސިންގ މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް އެފަރާތުން ދެކޭ ގޮތް ވާނީ އަންގާފައި ކަމަށާއި ނަމަވެސް ތަހުގީގީ އިދާރާ އަކަށް ނޫނީ އެހެން އޮފީހަކަށް އެ ގޮތުން ފޮނުވާ މައުލޫމާތު ހިއްސާ ކުރާ ގޮތައް ހަމަޖެހިފައި ނުވާކަމަށެވެ.

- ކޮމެންޓް