ކ. މާލެ
|
12 ޖެނުއަރީ 2023 | ބުރާސްފަތި 16:01
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު
ރާއްޖެއެމްވީ
ސައީދުގެ ރައްދު ރައީސް ނަޝީދަށް
ސައީދު، ރައީސް ނަޝީދަށް: އެމްޑީޕީން އަބަދުވެސް ވަކާލާތުކުރަނީ ރައްޔިތުންނަށް ހިތްހަމަޖެހޭ ސާފުތޯހިރު ދިރިއުޅުމެއް ހޯދައިދޭން
 
ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ އެމްޑީޕީގެ ވައުދެއް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ބ. ގޮއިދޫގައި ބޭއްވި ކެމްޕޭން ބައްދަލު ކުރެއްވުމުގައި ފެނަކަ ކޯޕަރޭޝަނާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ރައްދު ދެއްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ނަޝީދު ވަނީ ރަށްރަށުގައި ފެނަކައިން ތާޖްމަހަލަށްވުރެ ބޮޑެތި އޮފީސްތައް ހަދާކަމަށް ވިދާޅުވެފައެވެ. އަދި ގިނަ ރައްޔިތުން ކަރަންޓް ބިލް ދައްކަނީ އޮންލައިންކޮށް ކަމަށާއި، ގޭގައި ތިބެގެން ކަރަންޓް ބިލް ދެއްކޭކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް ބޮޑެތި ގުއްބާ، ބޮޑެތި ސިންގާކޮށް ޖަރީކޮށްފަ އެތައް ބިއްލޫރިއެއް އެބަ ލާ. ތާޖު މަހަލެކޭ އެތަނެކޭ އެއްވަރު. އަލަތު ކައިވެންޏާއެކު އޭގެތެރޭގައި ފޮޓޯ ނަގަން ރަނގަޅު. މީން އެއްވެސް ތަނެއް ހަދައިގެން ކުޑަ ތަންކޮޅެއްވެސް އިތުރު އާމްދަނީއެއް އަންނަނީކީއެއް ނޫން. ހައްތަހާ ޚަރަދު ވަނީ ބޮޑު.
ރައީސް މުހައްމަދު ނަޝީދު

ފެނަކައިން އިމާރާތްކުރަމުންދާ ތާޖްމަހަލްތައް އިމާރާތްކުރުން ހުއްޓާލުމަށްފަހު އެތަންތަނުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ ގޮތް ހަދަން ޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އިންޖީނު ގެއެއް ހިންގުމަށް 30 މީހުން ވަޒީފާއަށް ނަގާކަމަށާއި، މީގެ ބޭނުމަކީ މީހުން އަޅުދާސްތުކުރުން ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ. އޭގެ ބޭނުމަކީ ސަރުކާރު ހިއްސާވާ ކުންފުންޏަށް މީހުން ވައްދައި، އެމީހުންގެ ބޭނުންތައް ސަރުކާރު މެދުވެރިގެން ނޫނީ ނުދުފުއްދޭގޮތް ހެދުން ކަމަށްވެސް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

ރައީސް ނަޝީދުގެ މި ތުހުމަތުތަކާ ގުޅިގެން ރާއްޖެއެމްވީއަށް ސައީދު ވިދާޅުވީ، ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ އެމްޑީޕީގެ ވައުދެއްކަމަށެވެ. އަދި މީހުން ވަޒީފާއަށް ނެގުމަކީ އެއީ މީހުން އަޅުދާސްތު ކުރުމުގެ ބޭނުމުގައި ކުރާ ކަމެއް ނޫންކަމަށެވެ.

ސައީދު ވިދާޅުވީ، އެމްޑީޕީން އަބަދުވެސް ވާކާލާތުކުރަނީ ރައްޔިތުންނަށް ހިތްހަމަޖެހޭ ސާފުތޯހިރު ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށާއި، އިންސާނީ ކަރާމާތާއި ގަދަރަށް އުނިކަމެއް ނާންނަ ގޮތަށް، ތަނަވަސް މާހައުލެއް ހޯދައިދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެގޮތުގެ މަތިން މަސައްކަތްޕުޅު ކުރައްވާ ކަމަށާއި، އެކަންތައް އެގޮތަށް ކުރިއަށްދާން ޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް