ޕާކިސްތާންގެ އިގުތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް 2022-23ގެ މާލީ އަހަރަށް ކަނޑައަޅާފައިވާ އަމާޒުތައް ހާސިލުކުރުމަށް އިންޓަނޭޝަނަލް މިނިޓަރީ ފަންޑް (އައިއެމްއެފް) އިން ކަނޑައަޅާފައިވާ ފިޔަވަޅުތައް އެގައުމުން ތަންފީޒުކުރަން ފަށައިފިކަމަށް ޕާކިސްތާންގެ ފައިނޭންސް މިނިސްޓްރު އިސްހާގް ދާރް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޕާކިސްތާންގެ ފައިނޭންސް މިނިސްޓަރު ވަނީ މިހަފުތާގެ ހޯމަ ދުވަހު ޖެނީވާގައި ކުރިއަށްދިޔަ ކްލައިމެޓް ކޮންފެރެންސެއްގެ ހަވާސާގައި އައިއެމްއެފްއާއެކު އެގައުމުން މަޝްވަރާކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
އެގޮތުން މިމަޝްވަރާގެ ތެރޭގައި އައިއެމްއެފް އިން ވަނީ އެގައުމަށް އެހީ ފޯރުކޮށްދިނުމުގެ ކުރިން ޕާކިސްތާނުން މާލީ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ފާހަގަކޮށްފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޕާކިސްތާނަށް އެހީ ފޯރުކޮށްދިނުމަށް، އަިއއެމްއެފް އިން ކުރިއަށްގެންދަން ޖެހޭ ރިވިއުގެ މަސައްކަތް ވަނީ 2022ގެ ސެޕްޓެމްބަރު މަހުން ފެށިގެން ޕެންޑިންގައެވެ.
ޕާކިސްތާންގެ ގައުމީ ރިޒަރވް ވަނީ ފަސް ބިލިއަން ޑޮލަރަށްވުރެ ވެސް ދަށަށް ގޮސްފައެވެ. މިއީ އެގައުމުގެ ތިން މަސް ދުވަހުގެ އިމްޕޯޓަށް ކިރިޔާ ޚަރަދުކުރެވޭނެ ވަރެވެ.
މަރުކަޒީ ބޭންކްގެ ރިޒަރވް އިތުރުކުރަމަށް މަސައްކަތްކުރާއިރު، ގައުމުގެ ކޮމާޝަލް ބޭންކްތަކުގެ ފޮރިން ރިޒަރވުން ފައިސާ ނެގުމުގެ ވިސްނުން ނުގެންގުޅޭކަމަށް އެގައުމުގެ ފައިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
އިސްހާގް ދާރް ވިދާޅުވީ އައިއެމްއެފްއިން ގަބޫލުކުރަނީ އެގައުމުގެ ސަރުކާރުގެ ޚަރަދުތައް ހިފޭއްޓުމަށް ފިޔަވަޅުތައް އަޅަންޖެހޭކަމަށް ކަމަށެވެ. ހާއްސަކޮށް ސަބްސިޑީއަށް ސަރުކާރުގައި ނެތް ފައިސާއިން ކުރާ ޚަރަދު ކުޑަ ކުރަން ޖެހޭ ކަމަށް އައިއެމްއެފްއިން ފާހަގަކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބަޖެޓްރީ ޓަރގެޓްތައް ހާސިލުކުރާނެ ކަމަށް ފާހަގަކުރައްވާ ޕާކިސްތާންގެ މިނިސްޓަރު ވަނީ ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ގޮންޖެހުންތަކާ ކުރިމަތިލާން ނުޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ.
އައިއެމްއެފް އިން ވަނީ ސަރުކާރުން އެކްސްޕޯޓް ސަބިސިޑީގެ ގޮތުގައި ކުރާ ޚަރަދާއި ދަނޑުވެެރިކަމުގެ ސިނާއަތައް ސަބްސިޑީގެ ގޮތުގައި ކުރާ ޚަރަދުގެ އިތުރުން ހަކަތައިގެ ދާއިރާއަށް ކުރާ ޚަރަދު ކޮންޓްރޯލްކުރަން ބުނެފައި ކަމަށް މިނިސްޓަރު އިސްހާގް ދާރް ވިދާޅުވިއެވެ.
ސަރުކާރުން މިދާއިރާތަކުން ސަބްސިޑީ ދިނުން އެއްކޮށް ހުއްޓާލާނީތޯ ނުވަނަ ދެމުންދާ ސަބްސިޑީ ކުޑަ ކުރާނީތޯ އިސްހާގް ދާރް ހާމައެއް ނުކުރެއެވެ.
މީގެ އިތުރުން ގޭހަށް ކޮށްފައިވާ ޚަރަދުގެ ސަބަބުން އިތުރުވެފައިވާ ދަރަނި ދެއްކުމަށް ކުންފުނިތަކުން ލިބިފައިވާ ޑިވިޑެން ބޭނުންކުރަން ނިންމާފައިވާކަމަށްވެސް ޕާކިސްތާންގެ ފައިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ޕާކިސްތާނުން މިހާރު މަސައްކަތްތައް ކުރަމުން މިދަނީ އައިއެމްފްއެގ ނުވަ ވަނަ ރިވިއުއިން ފާސްވުމަށެވެ. އައިއެމްއެފްއިން އެގައުމުގައި ހެދި ހަތް ވަނަ އަދި އަށް ވަނަ ރިވިއު ރަނގަޅުކަމަށް ކަނޑައަޅައި މިދިޔަ އަހަރުގެ އޮގަސްޓް މަހު އެއިދާރާއިން ވަނީ ޕާކިސްތާނަށް 1.1 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ.
މި ރިވިއުތަކަކީ އެގައުމުން އައިއެމްއެފްއައެކު 2019 ވަނަ އަހަރު ވެފައިވާ ބެއިލްއައުޓް ޕްރޮގްރާމްގެ ރިވިއުތަކެވެ.
ޕާކިސްތާނަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް އެގައުމަށް އައިއެމްއެފްގެ އެހީ ވަރަށް މުހިންމެވެ.