އިވްނިން ކެފޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ނައިބު ރައީސް ފައިސަލް ނަސީމް ޒިޔާރަތްކުރައްވައިފިއެވެ.
އިވްނިން ކެފޭގައި ރޯވެފައިވަނީ މިއަދު އިރު އޮއްސި 18:12ހާއިރު ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެެ.
އެ ކެފޭގައި ރޯވެފައިވާ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުކަން އެމްއެންޑީއެފްއިން ހާމަކުރީ ގާތްގަނޑަކަށް 19:30 ހާއިރުއެވެ.
އެ ހާދިސާގައި އެއްވެސް މީހަަކަށް އަނިޔާއެއް ވީކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް މި ހާދިސާ ހިނގި ސަރަހައްދުގައި ދުމުގެ އަސަރު ހުރިކަން ފާހަގަކޮށްލެވެއެވެ.
މި ހަފުތާގައި ނީލަން ފިހާރާގައިވެސް ބޮޑު އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. ފަހަކަށް އައިސް މި ފަދަ ހާދިސާތައް ހިނގުން ވަނީ އިތުރުވެފައެވެ.
ނީލަން ފިހާރާގައި ރޯވި ސަރަހައްދު ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށެވެ.
ސަރުކާރުގެ ވިސްނުމަކީ މީހުން ދިރިއުޅޭ ސަރަހައްދުގައި މިފަދަ ހަދިސާއެއް ހިނގުމަށް މެދުވެރިވެދާނެފަދަ ތަންތަން ވީހާވެސް ދުރުކުރުންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މި ހާދިސާއާ ގުޅިގެންވެސް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.