މާފުށީގައި އަލަށް ހިއްކާފައިވާ ބިމުން ގޯތި ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހު "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންނަ މަހު ގޯތި ދޫކުރަން އިއުލާން ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން 312 ގޯތި ދޫކުރަން ކަނޑައަޅާފައިވާއިރު އޭގެ ތެރެއިން 6 ގޯއްޗެއް ދޫކުރާނީ ވިޔަފާރި އުސޫލުން ކަމަށް އޭނާ ވިދާޅުވިއެވެ. މި 6 ގޯއްޗަށް އެހެން ރަށްރަށުގެ މީހުންނަށް ވެސް ކުރިމަތިލެވޭނެއެވެ.
ހިއްކި ބިމުން ދޫކުރާ ގޯތީގެ ތެރެއިން 306 ގޯއްޗަކީ އެ ރަށުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ދޫކުރާ ބަންޑާރަ ގޯތިތަކެވެ. މިއީ އެ ރަށުގައި ދިމާވެފައިވާ ގެދޮރުުވެރިކަމުގެ ދަތިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ހައްލެއް ކަމަށް ސަލާހު ފާހަގަކުރެއްވިއެވެ. އެގޮތުން ގޯތީގެ ގޮތުގައި ދޫކުރަނީ 2000 އަކަފޫޓުގެ ގޯތިތަކެވެ.
މާފުށީ ކައުންސިލުން އެ ރަށުގައި އަލަށް ހިއްކި ސަރަހަައްދުން ގޯތި ދޫކުރަން ނިންމާފައިވަނީ އެ ރަށުގެ ލޭންޑްޔޫސް ޕްލޭން ތައްޔާރުކޮށް ރައްޔިތުންނާ ބައްދަލުކުރުމަށްފަހު އެ ޕްލޭން ފާސްކޮށްގެންނެވެ. އެހެންކަމުން އަންނަ މަހު ގޯއްޗަށް އިއުލާން ކުރެވޭނެ ކަމަށާއި އަންނަ އަހަރު އެ ސަރަހައްދުގައި މީހުން އާބާދުކުރުމަށް ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލަށް ހިއްކި ބިން ބޭނުން ކުރާނީ ހަމައެކަނި ގޯތި ދޫކުރުމަށް އެކަންޏެއް ނޫނެވެ. މާފުށީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭންގައިވާގޮތުން ފަތުރުވެރިކަމަށް ތިން ޒޯނެއް ވެސް ވަނީ ހާއްސަކޮށްފައެވެ. މާފުއްޓަކީ މިހާރުވެސް ރާއްޖެގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ފަތުރުވެރިކަން އެންމެ ބޮޑަށް ކުރިއަރާފައިވާ ރަށެވެ.
މީގެ އިތުރުން ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ހައުސިންގ މަޝްރޫއެއް ކުރިއަށްގެންދިއުމަށް ވެސް އެ ރަށު ކައުންސިލުން ވަނީ ނިންމާފައެވެ.
މާފުށީގައި އަލަށް ހިއްކާފައިވަނީ 25 ހެކްޓަރުގެ ބިމެވެ. އެއީ މާފުއްޓާ ކައިރިން އެ ރަށު ފަޅުގައި ހިއްކި ބިމެކެވެ. މި ބިމާ މާފުއްޓާ ގުޅުވާލާނީ ކޯޒްވޭއަކުންނެވެ.
މިއީ ވަކިން އޮތް ސަރަހައްދަކަށްވުމުން މާފުށީ ކައުންސިލުން ވަނީ އެ ސަރަހައްދަށް މާފުއްޓާ ގުޅުވައިގެން އައު ނަމެއް ދޭން ނިންމާފައެވެ.
ސަލާހު ވިދާޅުވި ގޮތުގައި އެ ކައުންސިލުން ރަށުގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތުގައި ރަށުގެ ރައްޔިތުންނާއި އަމިއްލަ ވިޔަފާރިވެރިންގެ ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެއެވެ.