ކ. މާލެ
|
10 ޖެނުއަރީ 2023 | އަންގާރަ 18:35
ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު
ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު
ރާއްޖެއެމްވީ
ހުޅުމާލޭގައި ކައްކާއަކު ވެއިޓަރަކު މަރާލި މައްސަލަ
އާބިދަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ
މި އަޑުއެހުން އޮންނާނީ ބުދަ ދުވަހުގެ ހެނދުނު 10:00

އާބިދަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ތަވާލު ކޮށްފައިވާ ގޮތުގައި މި އަޑުއެހުން އޮންނާނީ ބުދަ ދުވަހުގެ ހެނދުނު 10:00 ގައެވެ. އާބިދަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުހަލާގެ މަސައްކަތެވެ. މި މައްސަލައިގައި ހިމެނޭ ގިނަ ހެކިންނަކީ ޕާކިސްތާނު އަދި ބަންގްލަދޭޝް ރައްޔިތުންކަން ފާހަގަކޮށް އެ ދައުލަތުން ވަނީ ޝަރީއަތުގެ މަރުޙަލާ ފެށުމުގެ ކުރިން ހެކިބަސް ކުރީބައިގައި ނެގުމަށް އެދިފައެވެ. ވުމާއެކު، ގާޒީ ޝަފީއު ވަނީ މި މައްސަލައިގައި ހިމެނޭ 11 މީހުންގެ ހެކިބަސް ނަގަން ފެށުމަށް ނިންމަވާފައެވެ. އެއީ ފަހަށް ރައްކާ ކުރެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ދަށުން ނަގާ ހެކިބަސްތަކެކެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ހެކިބަސް ނަގާފައިވެއެވެ.

އާބިދު ވަނީ މި ދައުވާއަށް އިންކާރު ކޮށްފައެވެ. އޭނާ ބުނާ ގޮތުގައި އޭނާއާ ކައްކާއާ ދެމެދު ހިނގި ހަމަނުޖެހުމުގައި އޭނާ އަތް ހޫރާލީ އަމިއްލަ ނަފްސުގެ ދިފާއުގައެވެ. އޭރު އެއީ ވަޅިއެއްކަންވެސް ނޭނގޭ ކަމަަށާއި، ގަސްތު މަރުގެ ދައުވާއަށް އިންކާރު ކުރާކަމަށް އޭނާ ބުނެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް