Advertisement
ކ. މާލެ
|
10 ޖެނުއަރީ 2023 | އަންގާރަ 17:38
ބަހުގައި ކޮންޓެކްޓްލެސް ކާޑުގެ ޚިދުމަތް ތައާރަފުކުރުން
ބަހުގައި ކޮންޓެކްޓްލެސް ކާޑުގެ ޚިދުމަތް ތައާރަފުކުރުން
އެމްޓީސީސީ
އާރްޓީއެލް ބަހުގެ ޚިދުމަތް
އާރްޓީއެލް މާލޭ ސަރަހައްދުގެ ބަސްތަކުގައި ކޮންޓެކްޓްލެސް ކާޑު ބޭނުންކުރެވޭ ގޮތް ހަދައިފި
އެހެން ސަރަހައްދުތަކުގައި ވެސް ޚިދުމަތް ފަށަން ވަނީ ނިންމާފައި
މި ޚިދުމަތް ތައާރަފުކުރީ މާލޭ ސަރަހައްދަށް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް ބޭނުންކުރާ ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ކޮންޓެކްޓްލެސް ކާޑު ބޭނުންކޮށްގެން މާލެ ސަރަހައްދުގެ ބަސް ދަތުރުތަކުގައި ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ، އެ ކުންފުނިން ބީއެމްއެލްގެ މާސްޓަރ ކާޑާ ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ކޮންޓެކްޓްލެސް މާސްޓަރ ކާޑާއި ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް މިހާރު ބަސް ދަތުރުތަކަށް ފައިސާ ދެއްކޭނެ ކަމަށެވެ. އެގޮތުން ދުނިޔޭގެ ކޮންމެ ބޭންކެއްގެވެސް ކޮންޓެކްޓްލެސް މާސްޓަރ ކާޑް ނުވަތަ ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑެއް އަތުގައި އޮވެއްޖެނަމަ އާރްޓީއެލް ބަހުގެ ޚިދުމަތަށް ޓެޕް އެންޑް ޕޭ މެތަޑުން ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މާސްޓަރ ކާޑާއި ވިސާ ބްރޭންޑުގެ ކޮންޓެކްޓްލެސް ކާޑު މެދުވެރިކޮށް ޓިކެޓަށް ފައިސާ ދެއްކުމަށް ބޭނުންވާ ވެލިޑޭޓަރ މާލެ ސިޓީގެ ހުރިހާ އާރްޓީއެލް ބަހެއްގައިވެސް މިހާރު ވަނީ ހަރުކޮށްފައެވެ. އެހެންކަމުން ކޮންޓެކްޓްލެސް ކާޑު، ބަހުގައި ހަރުކުރެވިފައިވާ ވެލިޑޭޓަރުގެ ސްކޭނަރގައި ޖައްސާލުމުން ވަގުތުން ފައިސާ ދެއްކޭނެއެވެ. މި އިންތިޒާމާއެކު މިހާރު މާލެ ސަރަހައްދުގައި ބަހުގެ ދަތުރުތަކަށް ތިން ގޮތަކަށް ފައިސާ ދެއްކޭނެއެވެ. އެއީ ކަރުދާސް ޓިކެޓާއި ކިޔުއާރް ޓިކެޓްގެ އިތުރުން ކޮންޓެކްޓްލެސް ކާޑުންނެވެ.

Advertisement

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މި ޚިދުމަތާއެކު އާރްޓީއެލް ބަހުގެ ޚިދުމަތް ހޯދާ ވަރަށް ގިނަ ކަސްޓަމަރުންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އެހެން ސަރަހައްދުތަކުގައި ވެސް ބަހުގެ ޚިދުމަތުގައި މި ޚިދުމަތް ތައާރަފުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވަރަށް އަވަހަށް އެމްޓީސީސީގެ ދަތުރުކާޑުގެ ބަދަލުގައި ޕްރިޕެއިޑް ކާޑު ތައާރަފު ކުރެވޭނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. މި ކާޑުތައް ތައާރަފު ކުރުމުން ދަތުރުކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން އެމްޓީސީސީން މަސައްކަތް ކުރަމުން މިދަނީ ކޮންމެ ކަމެއްގަވެސް ދާއިމީ ހައްލު ހޯދައިދެވޭތޯ. އެހެންވީމަ އިރާދަ ކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ ޕްރިޕެއިޑް ކާޑު އިންޓްރޮޑިއުސް ކުރެވިގެންދާނެ. އެއާއެކު ރޯޑްޝޯތައް ބާއްވާ، އެ ކާޑުތައް ބަދަލު ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އާޒިމް ވިދާޅުވިގޮތުގައި، ބަސް ދަތުރުތަކުގައި ކޮންޓެކްޓްލެސް ކާޑު ބޭނުންކުރުމުގެ ޚިދުމަތް ދިން ނަމަވެސް އާރްޓީއެލް ފެރީގައި އެ ޚިދުމަތް ދިނުމަކީ ދަތިކަމެކެވެ. އެއީ ބަހުގެ ދަތުރުތަކާއި ފެރީ ދަތުރުތައް ތަފާތުވެފައި، ފެރީ ޓިކެޓުތައް ކުރިން ބުކްކުރަން ޖެހޭތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާރްޓީއެލް ބަހުގެ ޚިދުމަތް 65 އަހަރުން މަތީގެ އިސްރަށްވެހިންނަށާއި 3 އަހަރުން ދަށުގެ ކުޑަކުދިންނަށް، އައިޑީ ކާޑު ދެއްކުމުން ހިލޭ ލިބޭނެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެންސްޕާއިން ދީފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރު ކުރެވޭއިރު، ޔުނީފޯމުގައި ތިބޭ ސްކޫލް ކުދިންނަށްވެސް ހިލޭ ދަތުރުކުރެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް