ކ. މާލެ
|
10 ޖެނުއަރީ 2023 | އަންގާރަ 07:29
ފްރާންސް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ލީ ގްރައެޓް
ފްރާންސް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ލީ ގްރައެޓް
ޓްވީޓަރ
ފްރާންސް ފުޓުބޯޅަ ޓީމު
ޒިދާންއާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކުގެ ސަބަބުން ހޫނު ފެނަށް ވެއްޓި އެންމެ ފަހުން ލީ ގްރައެޓް މަޢާފަށް އެދިއްޖެ
ލީ ގްރައެޓް ވިދާޅުވީ، އޭނާ ދެއްކި ވާހަކަތަކުން ގިނަ ބަޔަކަށް އޮޅުން އަރާފައިވާ ކަމަށާއި، އެކަމަށްޓަކައި މަޢާފަށް އެދެން ބޭނުންވާ ކަމަށް

ފްރާންސްގެ ތަޖުރިބާކާރު ކޯޗު ޒިނެދިން ޒިދާނާ ގުޅޭ ގޮތުން އެ ޤައުމުގެ ފުޓުބޯޅަ ފެޑެރެޝަންގެ ރައީސް ނޮއެލް ލީ ގްރައެޓް ދެއްކެވި ވާހަކަތަކުގެ ސަބަބުން ހޫނު ފެނަށް ވެއްޓި، އެންމެ ފަހުން އޭނާ މަޢާފަށް އެދިވަޑައިގަންނަވައިފި އެވެ.

ޒިދާންއާ ގުޅުވައި ލީ ގްރައެޓް ވިދާޅުވީ، ޒިދާން ބްރެޒިލަށް ހަވާލުވާކަމަށް ދެކެވޭ ވާހަކަތަކީ އޭނާއާ ބެހޭ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޒިދާން ކަންތައް ކުރާނީ ޒިދާން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި އެއީ އޭނާއާ ގުޅުމެއް އޮންނާނެ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން ލީ ގްރައެޓް ވިދާޅުވީ، އޭނާ ޒިދާންއާ ބައްދަލު ނުކުރައްވާ ކަމަށާއި، ޑެޝޯމްޕްސްގެ ބަދަލު ޒިދާން ގެންނަން އެއްވެސް ވަރަކަށް ޚިޔާލު ނުގެންގުޅުއްވާ ކަމަށެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާއާ މެދު ނުރުހުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސް ޓީމުގެ ތަރި ކީލިއަން އެމްބާޕޭ ވެސް ހިމެނެ އެވެ.

ލީ ގްރައެޓް ދެއްކެވި ވާހަކަތަކާ ގުޅިގެން ފްރާންސްގެ ސްޕޯޓްސް މިނިސްޓަރު އަމެއްލޭ އުއެޑާ ކަސްޓެރާ ވެސް ވަނީ އޭނާއާ މެދު ނުރުހުން ފާޅުކުރައްވާފަ އެވެ. ފްރާންސްގެ ސްޕޯޓްސް މިނިސްޓަރު ވިދާޅުވީ، ލީ ގްރައެޓްގެ ވާހަކަތަކަކީ ވަރަށް ހަޑި ވާހަކަތަކެއް ކަމަށާއި، އެއީ ބޭއިހުތިރާމް ކުރުން ކަމަށެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ފްރާންސްގެ ކުޅިވަރަށް ލޯބިކުރާ އެންމެންނަށް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބުނު ކަމަށާއި، ޚާއްސަކޮށް ފްރާންސްގެ ލެޖެންޑަކާ ނިސްބަތްކޮށް އެޒާތުގެ ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސްކަމުގައި ހުންނަވާ ބޭފުޅަކު އެފަދައިން އަމަލުކޮށްގެން ނުވާނެ ކަމަށާއި، އެކަމަށް މަޢާފަށް ވެސް އެދެން ޖެހޭނެ ކަމަށެވެ.

ގިނަ ބައެއްގެ ނުރުހުން އަމާޒުވުމުން ލީ ގްރައެޓް ވަނީ އޭނާ ދެެއްކެވި ވާހަކަތަކަށް މައާފަށް އެދިވަޑައިގަންނަވާފަ އެވެ. ލީ ގަރައެޓް ވިދާޅުވީ، އޭނާ ދެއްކެވި ވާހަތަކުން ގިނަ ބަޔަކަށް އޮޅުން އަރާފައިވާ ކަމަށާއި، އެކަމަށްޓަކައި މަޢާފަށް އެދިވަޑައިގަންނަވަން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން އެހެން ވިދާޅުވީ ފްރާންސް އަށް ކުޅެދީފައިވާ ކުޅުންތެރިޔަކު އަދި އެތައް ކާމިޔާބީއެއް ހޯދާފައިވާ މޮޅު ކޯޗަށް ދެރަ ބަހެއް ވިދާޅުވުމުގެ މަޤުސަދުގައި ނޫން ކަމަށެވެ.

މިވަގުތު އެއްވެސް ވަޒީފާއެއްގައި ނެތް ޒިދާން، އޭނާ އަށް ލިބެމުން އައި ގިނަ ހުށަހެޅުންތަކެއް ޤަބޫލު ނުކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ވޯލްޑް ކަޕަށްފަހު އެމެރިކާ ޓީމާ ހަވާލުވުމުގެ ހުށަހެޅުމެއް ލިބުނު ނަމަވެސް، ޒިދާން ވަނީ އެ ހުށަހެޅުން ޤަބޫލު ނުކުރަން ނިންމާފައި އެވެ. ފްރާންސް އަށް ކޯޗުކަން ކޮށްދިނުމަކީ ޒިދާން ދެކެމުން އަންނަ ހުވަފެނެއް ކަމަށް އޭނާ ވަނީ ކުރިން ބުނެފަ އެވެ. ޒިދާން އަކީ ކުލަބް ފުޓުބޯޅައިގައި ދުނިޔޭގައި ހުރި އެންމެ މޮޅު އަދި އެންމެ ކާމިޔާބު އެއް ކޯޗުކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް