ކ. މާލެ
|
9 ޖެނުއަރީ 2023 | ހޯމަ 11:30
ފްރާންސްގެ ތަރި އެމްބާޕޭ އަދި ޒިދާން
ފްރާންސްގެ ތަރި އެމްބާޕޭ އަދި ޒިދާން
ޓްވީޓަރ
ފްރާންސް ޤައުމީ ޓީމު
ޒިދާންގެ ދިފާއުގައި އެމްބާޕޭ، "ޒިދާން އަކީ ފްރާންސް، އިޙްތިރާމް ކުޑަކޮށްގެން ނުވާނެ"
އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސްކަމުގައި ހުންނަވާ، ޒިދާން ކަހަލަ ފްރާންސްގެ ލެޖެންޑަކާ ގުޅޭ ގޮތުން އެ ޒާތުގެ ވާހަކަ ދެއްކުމަކީ ހަޑި ކަމެއް

ފްރާންސްގެ ތަޖުރިބާކާރު ކޯޗު ޒިނެދިން ޒިދާނާ ގުޅޭ ގޮތުން އެ ޤައުމުގެ ފުޓުބޯޅަ ފެޑެރެޝާންގެ ރައީސް ނޮއެލް ލީ ގްރައެޓް ދެއްކި ވާހަކަތަކަށް، ފްރާންސް ޤައުމީ ޓީމުގެ ތަރި ކީލިއަން އެމްބާޕޭ ރައްދު ދީފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ އަތުން ފްރާންސް ބަލިވުމާއެކު، ފްރާންސް ޓީމުގެ ކޯޗުކަމުގެ މަޤާމުގައި ހުރި ޑިޑިއޭޝް ޑެޝޯމްޕްސް ވަކި ކުރާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުންޏެވެ. އަދި އެއަށްފަހު ފްރާންސް ޤައުމީ ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު ޒިދާން ހަމަޖެއްސުމަކީ ގާތް ކަމެއް ކަމަށް ވެސް ރިޕޯޓުތައް ބުންޏެވެ. ނަމަވެސް ފްރާންސް ފުޓުބޯޅަ އިދާރާއިން ވަނީ ޑެޝޯމްޕްސް މަޤާމުގައި ބަހައްޓަން ނިންމައި، އެއްބަސްވުން އައުކޮށްފަ އެވެ. ފްރާންސްގެ ކޯޗުކަމުގެ މަޤާމުގައި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް ޑެޝޯމްޕްސް ހުންނާނެ އެވެ. އެހެންކަމުން ޒިދާން އަށް ފްރާންސް ޓީމުގެ ކޯޗުކަން ލިބުން ގާތީ އެއަށްފަހު އެވެ.

އެކަމާ ގުޅިގެން މީޑިއާ އަކަށް ދިން އިންޓަވިޔުއެއްގައި ފްރާންސް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ލީ ގްރައެޓް ވިދާޅުވީ، ޒިދާން ބްރެޒިލަށް ހަވާލުވާކަމަށް ދެކެވޭ ވާހަކަތަކީ އޭނާއާ ބެހޭ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޒިދާން ކަންތައް ކުރާނީ ޒިދާން ބޭނުންވާ ގޮތަށް ކަމަށާއި، އެއީ އޭނާއާ ގުޅުމެއް އޮންނާނެ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން ލީ ގްރައެޓް ވިދާޅުވީ، އޭނާ ޒިދާންއާ ބައްދަލު ނުކުރައްވާ ކަމަށާއި، ޑެޝޯމްޕްސްގެ ބަދަލު ޒިދާން ގެންނަން އެއްވެސް ވަރަކަށް ޚިޔާލު ނުގެންގުޅޭ ކަމަށެވެ. ލީ ގްރައެޓްގެ އެ އިންޓަވިޔުއާ ގުޅިގެން ފްރާންސް ފުޓުބޯޅައިގައި ހަރަކާތްތެރިވާ ގިނަ ބަޔަކު އަންނަނީ އޭނާ އަށް ފާޑުކިޔަމުންނެވެ. އެގޮތުން އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސްކަމުގައި ހުންނަވާ، ޒިދާން ކަހަލަ ފްރާންސްގެ ލެޖެންޑަކާ ގުޅޭ ގޮތުން އެ ޒާތުގެ ވާހަކަ ދެއްކުމަކީ ހަޑި ކަމެއް ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ޒިދާން ބްރެޒިލާ ހަވާލުވުން؟ އަހަރެންނާ ބެހޭ ކަމެއް ނޫން. އޭނާ ކަންތައް ކުރާނީ އޭނާ ބޭނުންވާ ގޮތަކަށް، އެއީ އަހަރެންނާ ބެހެވޭ ކަމެއް ނޫން. އަހަރެން އޭނާ އަކާ ބައްދަލެއް ވެސް ނުކުރަން، އަދި ޑެޝޯމްޕްސްގެ ބަދަލު އޭނާ ގެނައުމަށް ޚިޔާލު ނުކުރަން.
ނޮއެލް ލީ ގްރައެޓް / ފްރާންސް ފުޓުބޯޅަ ފެޑެރެޝާންގެ ރައީސް

ލީ ގްރައެޓް އެފަދައިން ބުނެފައި ވަނިކޮށް، އެމްބާޕޭ ވަނީ އާދިއްތަ ދުވަހުގެ ރޭ ޓުވީޓެއްކޮށްފަ އެވެ. އެ ޓުވީޓުގައި އެމްބާޕޭ ބުނީ، ޒިދާން އަކީ ފްރާންސް ކަމަށާއި، އެކަހަލަ ލެޖެންޑަކަށް އެފަދަ ގޮތަކަށް ބޭއިހުތިރާމް ކުރުމަކީ ކޮންގެންވާނެ ކަމެއް ނޫން ކަމަށެވެ. އެމްބާޕޭ އަކީ ފްރާންސް ޓީމުގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ވެސް އެމްބާޕޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެމްބާޕޭ ވަނީ އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ވެސް ހޯދައިފަ އެވެ.

މިވަގުތު އެއްވެސް ވަޒީފާއެއްގައި ނެތް ޒިދާން، އޭނާ އަށް ލިބެމުން އައި ގިނަ ހުށަހެޅުންތަކެއް ޤަބޫލު ނުކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ވޯލްޑް ކަޕަށްފަހު އެމެރިކާ ޓީމާ ހަވާލުވުމުގެ ހުށަހެޅުމެއް ލިބުނު ނަމަވެސް، ޒިދާން ވަނީ އެ ހުށަހެޅުން ޤަބޫލު ނުކުރަން ނިންމާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ފްރާންސް އަށް ކޯޗުކަން ކޮށްދިނުމަކީ ޒިދާން ދެކެމުން އަންނަ ހުވަފެނެއް ކަމަށް އޭނާ ވަނީ ކުރިން ބުނެފަ އެވެ. ޒިދާން އަކީ ކުލަބް ފުޓުބޯޅައިގައި ދުނިޔޭގައި ހުރި އެންމެ މޮޅު އަދި އެންމެ ކާމިޔާބު އެއް ކޯޗުކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް