ސްޕެނިޝް ލީގުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅޭ މެޗުގައި އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ނުކުޅޭނެ ކަމަށް، ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
އަންޗެލޮޓީ މިހެން ބުނީ ހޮނިހިރު ދުވަހުގެ ރޭ ރެއާލް އިން ވަޔެކާނޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އަންޗެލޮޓީ ބުނީ އެ މެޗުގައި އެމްބާޕޭ ނުކުޅޭނެ ކަމަށެވެ. ނަމަވެސް އެ މެޗުގެ ފަހުން ޤަތަރުގެ ވެރި ރަށް ދޯހާގައި އޮންނަ އިންޓަކޮންޓިނެންޓަލް ކަޕްގެ ފައިނަލް މެޗަށް ރެއާލާ އެކު އެމްބާޕޭ ދަތުރު ކުރާނެ ކަމަށް އަންޗެލޮޓީ ބުންޏެވެ. އެހެން ނަމަވެސް އެ މެޗުގައި އެމްބާޕޭ ކުޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަންޗެލޮޓީ ދީފައެއް ނުވެ އެވެ. އަންޗެލޮޓީ ބުނީ އެ މެޗުގައި އެމްބާޕޭ އަށް ކުޅެވޭނެތޯ ބަލަން ޖެހޭނެ ކަމަށެވެ.
ޔުއެފާ ޗެމްޕިއަންސްް ލީގުގައި ރެއާލް އިން އެޓަލަންޓާއާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭ އަށް ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް ލިބިފައިވެ އެވެ. އަދި އެ މެޗުފެ ފަހުން އެ ޓީމުން ވަނީ އެމްބާޕޭގެ އިތުރު މެޑިކަލް ޓެސްޓުތައް ހަދައި ރިޕޯޓު އާންމުކޮށްފަ އެވެ. އެ ރިޕޯޓުގައި ރެއާލް އިން ބުނެފައިވާ ގޮތުގައި އެމްބާޕޭގެ ވާއަތު ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ. އަދި އަނިޔާގެ ސަބަބުން އެމްބާޕޭގެ ޙާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް އެ ކުލަބުން ވަނީ ބުނެފަ އެވެ.
ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށްފަހު އެމްބާޕޭ ރެއާލަށް ބަދަލުވީ މިއަހަރުގެ ތެރޭގަ އެވެ. އެ ކުލަބަށް ބަދަލުވީ ފަހުން އޭނާ ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 22 މެޗުގައި 12 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެެއިން ނުވަ ލަނޑަކީ ސްޕެނިޝް ލީގުގައި އެމްބާޕޭ ޖަހާފައިވާ ލަނޑުތަކެވެ. ރެއާލް އަށް ބަދަލުވީ ފަހުން އެމްބާޕޭ އަށް އެ ކުލަބުގައި އޭނާގެ އެންމެ މޮޅު ކުޅުން ނުދެއްކޭތީ ފާޑު ކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ. ނަމަވެސް އެމްބާޕޭ އަށް ކުރިމަތިވަމުން އަންނަ ފާޑު ކިޔުންތަކަށް އަންޗެލޮޓީ ރައްދުދެ އެވެ.