ކ. މާލެ
|
9 ޖެނުއަރީ 2023 | ހޯމަ 07:39
ރައީސް ނަޝީދު
ރައީސް ނަޝީދު
ރާއްޖެއެމްވީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ކޯލިޝަން އަކީ އެމްޑީޕީއަށް ވެވޭ ބޭއިންސާފެއް، އެތައް ބަޔަކު ބާކީވޭ: ރައީސް ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ އާއްމުން ވޯޓު ދެނީ އެމްޑީޕީގެ ސިޔާސަތުތަކަށް ކަމަށް
އެހެން ބަޔަކާއެކު އިއްތިހާދު ވާނީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ލިބުނު ގޮތަށް ބެލުމަށް ފަހުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި

ކޯލިޝަން އަކީ އެމްޑީޕީ އަށް ވެވޭ ބޭއިންސާފެއް ކަމަށާއި އެކަމުގެ ސަބަބުން އެމްޑީޕީގެ އެތައް ބަޔަކު ބާކީވެގެންދާ ކަަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގެ ތެރެއިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ އަށް ކުރިއަށް އޮތް ޕްރައިމަރީ އަކީ އަމާޒެއް ކަމަށް ވެގެން ނުވާނެ ކަަމަށާއި އަމާޒު ހިފަންވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކަމަށެވެ. ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، އިންތިޚާބުގައި ދެވަނަ ބުރަކަށް ދާން ޖެއްހިއްޖެ ހާލަތެއްގައި އެމްޑީޕީ އިން އެހެން ބަޔަކާއެކު އިއްތިހާދު ވާނީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ލިބުނު ގޮތަށް ބެލުމަށް ފަހުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ ހާލަތުގައި ނޫން ގޮތެއްގައި ބަޔަކާއި އިއްތިހާދުވުން ނުވަތަ ކޯލިޝަން ހެދުން ރަނގަޅު ނޫން ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފާއިތުވި ރިޔާސީ އިންތިޚާބަށް ފަހު، ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބޮޑު އިންސައްތައެއް އެމްޑީޕީ އަށް ލިބުނު ކަމަށެވެ. އަދި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިއްސާވާ ޕާޓީތަކަށް މަޖިލިސް އިންތިޚާބާއި ކައުންސިލު އިންތިޚާބުގައި ރަނގަޅު ކާމިޔާބެއް ލިބިފައި ނުވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ޕާޓީތަކަށް ސަރުކާރުގެ ދެބައިކުޅަ އެއްބައި ދިނުމަކީ އެމްޑީޕީގެ މެންބަރުން ވަރަށް ބޮޑަށް ބާކީވާން މެދުވެރިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

60% ގައި ތިބި ބައެއް. ހަގީގަތުގައި 100% ގައި ތިބި ބައެއް. އެބައޮތް މި އިންތިޚާބުގައި އަމިއްލަ އަށް ބައިވެރިވެ އެކަށީގެންވާ ނަތީޖާ އެއް ނެރެވެން. އެހެންތިބި ބަޔަކަށް މީގަ 40% ނަގަން ޖެހުނީމަ އެއީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ދެރައެއް. އެމްޑީޕީގެ ރައްޔިތުންނަށް ވެސް ލިބޭ ވަރަށް ބޮޑު ދެރައެއް
ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ އާއްމުން ވޯޓު ދެނީ އެމްޑީޕީ އަށް ނޫން ކަމަށާއި އާއްމުން ވޯޓު ދެނީ އެމްޑީޕީ އިން ހުށަހަޅާ ސިޔާސަތުތަކަށް ކަަމަށެވެ. އެގޮތުން ރައްޔިތުން ވޯޓުދެނީ އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އިން އެކުލަވާލި ސޯޝަލް ހައުސިން ފަދަ ސިޔާސަތުތައް ތަންފީޒު ނުކުރެވޭނެ ކަަމަށެވެ. އެގޮތުން މިއަދު ވެސް އެމްޑީޕީގެ މެނިފެސްޓޯގައި ލިޔެފައިވާ ކަންކަން ތަންފީޒު ނުކުރެވިވާ ކަމަށާއި އޭގެ ތެރޭގައި ކަންނެލި މަސްވެރިކަމާއި ރޯ މަސް ރާއްޖެއިން ބޭރުކުރުމާމެދު އެމްޑީޕީ އިން ވެފައިވާ ވައުދުތައް ނުފުއްދާ ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއީ ޕާޓީގެ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން، ކޮރަޕްޝަނަކީ ތަރައްޤީ އަށް އެޅޭ އެންމެ ބޮޑު ހުރަސް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ އަށް ޚިޔާނާތްތެރިވުމަކީ އަމިއްލަ މީހެއްގެ އަތުގައި ހުރި ފޮށްޓެއް ފަޅާލުން ފަދަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އެއީ އާއްމު ގެއަކަށް ވަގަށް ވަދެ ވައްކަން ކުރުން ކަހަލަ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެފަދަ ކަންކަން އަޅާ ނުލާ ދޫކޮށްލާ ކަަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ދެފުށް ނުފެންނަ ގޮތަށް ނުގަވާއިދުން ކަންކަަން ހިނގަމުން ދިއުމަކީ އެމްޑީޕީ އިން ކަންބޮޑުވާނެ ކަމެއް ކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

- ކޮމެންޓް