ރާއްޖެ އަށް ބޭނުންވަނީ ލިބޭ ވަރުގަދަ އިގްތިސާދެއް ކަމަށާއި އިގްތިސާދުގެ ނާރެހަކަށް ވާންވީ އަމިއްލަ ކުންފުނިތައް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ބޭއްވި ކެމްޕެއިން ބައެއްދަލުވުމެއްގައި ވާހަަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ތަރައްްޤީގެ ވަޔަރިންގަކީ ޑިމޮކްރަސީ ކަމަށެވެ. އެ ތަރައްޤީ ގެނެވޭނީ ޕްރޮޖެކްޓުތައް ރަނގަޅަށް ކުރިއަށް ގެންގޮސްގެން ކަމަށާއި އެ މަސައްކަތް ކުރަން އެންމެ ރަނގަޅީ އަމިއްލަ ކުންފުނިތަކުން ކަމަށެވެ. އެގޮތުން އަމިއްލަ ކުންފުނިތަކުން މަސައްކަތް ކުރާ ނިސްބަތް ސަރުކާރު ކުންފުނިތަކަށް ވުރެ އެތައް ގުނައެއް އަވަސް ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އަމިއްލަ ކުންފުނިތަކުން 200 މިލިއަން ޑޮލަރުގެ ރިސޯޓު ޕްރޮޖެކްޓު ދޮޅު އަހަރު ދުވަހުން ނިންމާލާ ކަމަށެވެ. އަދި އަމިއްލަ ކުންފުނިތަކުން ނަރުދަމާ އަޅަން ނަގަނީ ދެ މަހެއްހާ ދުވަސް ކަމަށެވެ. އެހެންކަމުން ސަރުކާރު ކުންފުނިތަކާއި ހަވާލުކުރާ މަސައްކަތްތައް ނުނިމި ދިގުލައިގެން ދިއުމާއި ތަކުރާރުކޮށް އެއް މަސައްކަތެއް ކުރަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫޢުތައް ރަނގަޅަށް މޮނީޓަރު ނުކުރެވޭ ކަަމަށެވެ. އެގޮތުން ސަރުކާރުގައި ނެތް ފެންވަރުން ތަރައްގީގެ މަޝްރޫއުތައް ހިންގަން މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެއީ އެކަން ކުރަންޖެހޭ ގޮތް ނޫން ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން މަޝްރޫޢުތައް ހިންގާ އިރު އެއްފަހަރާ ހުރިހާ ރަށެއްގައި މަޝްރޫޢުތައް ހިންގާ ވަރަށް ރާއްޖޭގައި ވަސީލަތް ނެތް ކަަމަށާއި މަޝްރޫޢޫތައް ލަސްވަނީ އެހެންވެގެން ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ބޭނުންވަނީ ގައުމަށް ލިބޭ އާމްދަނީ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނެ ވަރުގަދަ އިގްތިސާދެއް ކުރިއަރުވަން ކަމަށާއި އެކަން ކުރެވޭނީ އަމިއްލަ ކުންފުނިތަކަށް ފުރުސަތު ހޯދައިދީގެން ކަަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުންޏަކުން ފްލެޓެއް އެޅީމައި އަގު ބޮޑުވެގެންދޭ ދެ ގުނަ އަށް އަމިއްލަ ކުންފުންޏަކުން ތަނެއް އިމާރާތްކުރީމަ ދާ އަގަށް ވުރެ. ސަރުކާރު ހިއްސާވާ ކުންފުންޏަކުން ފްލެޓެއް އަޅަން 10-15 އަހަރު އެބަދޭ. އެ މީހުން އެތަން ހެދީމަ 2000 ރުފިޔާ އަށް އަކަފޫޓަކަށް ވުރެ ތިރިންނެއް ނުހެދޭ. އަމިއްލަ މީހަކު އަނެއްކާވެސް 10 ބުރީގެ އިމާރާތެއް ދޮޅު އަހަރުން ނިންމާ. އެންމެ ރީތިކޮށް ނިންމާއިރު 1200 އަކަފޫޓަކަށް މިދަނީ. މިހާރު އެކަން ކުރީމާ އެންމެ ކުޑަކޮށް ދެކޮޅުޖެހޭ ރެންޓުގެ ގޮތުގައި 15000 އެބަ އަރާ. ދެން ސަރުކާރުން ޓެކްސްގެ ފައިސާ އިން އަނެއް ބައި ދައްކައިދޭންވީރައީސް ނަޝީދު
ވަޒީރެއްގެ ނޫނީ ވެރިއެއްގެ ގޭގެ ކައިރީގައި މުގޯލި އަޅައިގެން ނޫނީ ތަރައްޤީ ނުވެވޭ ކަމަށް ބައެއް ބޭފުޅުންނަށް ހީވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ އަޅުވެތިކަން ކަމަށާއި އެ ވިސްނުމަކީ ގޯސް ވިސްނުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުން އިންތިޚާބާއި ދިމާކޮށް ނުފޫޒު ފޯރުވާކަމަށް ބުނާ ވާހަކަތައް ވެސް އެމަނިކުފާނު ވަނީ ތަކުރާރު ކުރައްވާފައެވެ. އެގޮތުން ވަޒީފާ އިން ސަސްޕެންޑުކުރުމާއި ވަޒީފާ ބަދަލުކުރުން ފަދަ ކަންކަން ކުރަމުންދާ ކަމަށް ތުހުމަތުކުރެއްވިއެވެ. އެ ކަންކަމަކީ "މައުމޫނީ" ސިފަތަކެއް ކަަމަށް ވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ދިވެހި ރައްޔިތުންގެ ޕާޓީ އުފެދިގެން އައީ ވަކި ކަންތައްތަކެއް، ވަކި ފަލްސަފާތަކެއް އަށަގެންނެވުމުގެ ބޭނުމުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީ އިން އަބަދުވެސް ޤަބޫލުކުރަމުން ދިޔައީ ޑިމޮކްރަސީގެ ބޭނުމަކީ ތަރައްޤީ އަށް މަގުފަހިވުމުގެ ގޮތުގައި ކަމަށާއި ޑިމޮކްރަސީގެ ބޭނުމަކީ އާއްމު ޙާލަތު ރަނގަޅުވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ޑިމޮކްރަސީ އަކީ ވަކި ކަންތައްތަކެއް އަދި ހަމަތަކެއްގެ މަތިން ކުރުން ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރު އެކުލަވާލެވުނު އިރު އާމްދަނީ އަކީ 4 ބިލިއަނެއްހާ ރުފިޔާ ކަމަށާއި އެންމެ ފަހުން ފާސްކުރި ބަޖެޓަކީ 42 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެފަދައިން ބަޖެޓު ބޮޑުވެގެން ދިޔައީ ޑިމޮކްރަސީގެ ނަތީޖާއެއްގެ ގޮތުން ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދެވެނީ ވެސް ޑިމޮކްރަސީ ޤާއިމްވެ ހިނގަމުންދާތީ ކަމަށް ވިދާޅުވިއެވެ. މެދު އާމްދަނީގެ ޤައުމަކަށް ރާއްޖެ ބަދަލުވެގެން ދިޔައީ ވެސް ހަމަ ޑިމޮކްރަސީގެ ސަބަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ.