Advertisement
ކ. މާލެ
|
8 ޖެނުއަރީ 2023 | އާދީއްތަ 17:40
ރައީސް ސާލިހުގެ ކެމްޕޭން ދަތުރުފުޅުގައި ކުރެންދޫއަށް ވަޑައިގެންނެވުން
ރައީސް ސާލިހުގެ ކެމްޕޭން ދަތުރުފުޅުގައި ކުރެންދޫއަށް ވަޑައިގެންނެވުން
އެމްޑީޕީ
ރިޔާސީ ޕްރައިމަރީ ކެމްޕޭން
ޕީއެސްއެމްއިން ރައީސް ސާލިހުގެ ކެމްޕޭން ހޭޝްޓެގް ބޭނުންކުރި ކުރުން ޓްރާންސްޕޭރެންސީން ކުށްވެރިކޮށްފި
ކެމްޕޭންތަކާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރާކަން ފާހަގަކުރި
ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން މަނާކުރާ ގާނޫނެއް ވުޖޫދަށް ގެނައުމަށް ވަނީ ގޮވާލާފައި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ބާއްވާ ޕްރައިމަރީގެ ކެމްޕޭންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބޭނުންކުރައްވާ ހޭޝްޓެގް، ކެމްޕޭނަށް ހިތްވަރުދޭގޮތަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ސޯޝަލް މީޑިއާ ޓްވީޓްތަކުގައި ބޭނުންކުރިކުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކުށްވެރިކޮށްފިއެވެ.

މިކަމާއި ގުޅިގެން ޓްރާންސްޕޭރެންސީން ނެރުނު ބަޔާނުގައި ވަނީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 46 އަދި 47 ވަނަ މާއްދާގައި ވާގޮތުގެ މަތިން، ދައުލަތުގެ އެއްވެސް އިމާރާތެއް ނުވަތަ މުދަލެއް ނުވަތަ ވަސީލަތެއް ވަކި ސިޔާސީ ޕާޓީއެއްގެ ބޭނުމަށް، ނުވަތަ، ޕާޓީގެ ފައިދާއަށްޓަކައި ބޭނުންކުރުމަކީ މަނާކަމެއްކަން ފާހަގަކޮށްފައެވެ. މިފަދައިން ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމަކީ އިންތިޚާބުގެ ނަޒާހަތްތެރިކަން ގެއްލި، ވޯޓުލާ ފަރާތްތަކަށް ނުފޫޒުން އެއްކިބާވެ، މިނިވަންކަމާއެކު ކެންޑިޑޭޓެއް އިޚްތިޔާރުކުރުމުގެ ހައްގަށް ބުރޫއަރާ ކަމެއް ކަމަށް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ.

ކެމްޕޭންތަކުގައި ވަކި ފަރާތަކަށް ފައިދާވާނެހެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ކޮންމެ އިންތިޚާބަކާ ގުޅިގެން އެ ޖަމްއިއްޔާއަށް ފާހަގަވަމުންދާ ކަމެއް ކަމަށާއި، އަދި މިކަން އެ ޖަމްއިއްޔާއިން ތަކުރާރުކޮށް ކުށްވެރިކުރަމުންދާކަމަށެވެ. މިކަން ހައްލުކުރަން ކުރަންޖެހޭ ކަންކަން ކުރުމަށް އެ ޖަމްއިއްޔާއިން ވަކާލާތުކުރަމުންދާކަމަށާއި، އެހެންނަމަވެސް ކޮންމެ ސަރުކާރަކުންވެސް މިކަމަށް ބީރު ކަންފަތެއް ދީ، މިނިވަން އިންސާފުވެރި އިންތިޚާބީ މާހައުލެއް ގާއިމްކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރަން ވަނީ ފަސްޖެހިފައިކަމަށް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ.

Advertisement

މި ސަރުކާރު އިންތިޚާބުވީ "ޒީރޯ ޓޮލަރަންސް ޓު ކޮރަޕްޝަން"ގެ ސިޔާސަތާއެކު ކަމުގައި ވީނަމަވެސް، ކޮންމެ އިންތިޚާބެއްގައިވެސް ފެންނަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރަމުންދާ މަންޒަރު ކަމަށް އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

އެހެންކަމުން ޓްރާންސްޕޭރެންސީން ވަނީ، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން މަނާކުރާ ގާނޫނެއް އެކުލަވާލުމާއެކު، އެގާނޫނު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ފުރިހަމައަށް ތަންފީޒުކުރަން ފެށުމަށް ގޮވާލާފައިވެއެވެ.

އަދި އިލެކްޝަންސް ކޮމިޝަން، އެންޓި-ކޮރަޕްޝަން ކޮމިޝަން، އެޓަރނީ ޖެނެރަލްގެ އޮފީސް، އަދި ދިވެހި ފުލުހުންގެ ޚިދުމަތްފަދަ ކަމާގުޅޭ ދައުލަތުގެ މުއައްސަސާތަކުން ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރާ ފަރާތްތައް ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވުމަށްވެސް ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް