Advertisement
ކ. މާލެ
|
7 ޖެނުއަރީ 2023 | ހޮނިހިރު 18:43
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު
ރާއްޖެއެމްވީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ޤައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ގިނަ ފިކުރުތައް އެއްތަނެއްގައި ތިބެގެން މަޝްވަރާ ކުރުން: ރައީސް
ސިޔާސީ މަސްރަހު އޮތްގޮތުން އެންމެ ޕާޓީއަކަށް ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ
ރައްޔިތުން ވެސް ބޭނުންވަނީ ގިނަ ފިކުރުތައް އެކުލެވޭ އަދި ގިނަ ޕާޓީތައް އެކުލެވޭ ސަރުކާރެއް
ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ވެރިކަން ކުރެވޭނެ ބޭފުޅަކަށް އަދި ކެންޑިޑޭޓަކަށް އެމްޑީޕީގައި ހުންނެވީ އެމަނިކުފާނު އެކަނި

ޤައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ގިނަ ފިކުރުތައް އެއްތަނެއްގައި ތިބެގެން މަޝްވަރާ ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ނ. މަނަދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން، ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން އެންމެ ޕާޓީއަކަށް ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި ރައްޔިތުން ވެސް ބޭނުންވަނީ ގިނަ ފިކުރުތައް އެކުލެވޭ އަދި ގިނަ ޕާޓީތައް އެކުލެވޭ ސަރުކާރެއް އެކުލަވާލަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ ގިނަ ޕާޓީތަކާއި ތަފާތު ޚިޔާލުތައް އެކުވެގެން ވެރިކަމެއް އެކުލަވާލުމަކީ ޑިމޮކްރަސީއެއް ފައްކާވަމުން އަންނައިރު އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ކަންތައްތައް ހަމަޖެހި ތަރުތީބުވަންދެން ގިނަ ފިކުރުތައް އެއްތަނެއްގައި ތިބެ، މަޝްވަރާ ކޮށްގެން ނިންމުމަކީ ޤައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސިފަކުރައްވާ ގޮތުގައި ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ވެރިކަން ކުރެވޭނެ ބޭފުޅަކަށް އަދި ކެންޑިޑޭޓަކަށް އެމްޑީޕީގައި ހުންނެވީ އެމަނިކުފާނު އެކަންޏެވެ.

ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ ޕްރައިމަރީގައި ވޯޓު ދެއްވާއިރު ތިބޭފުޅުން ވިސްނުމާއި ފިކުރު، ފުންކޮށް އެބަ ހިންގަން ޖެހޭ. ސާފުކޮށް ފެންނަން އޮތް ހަގީގަތަކީ ކުރިންވެސް ދެންނެވި ފަދައިން ރައްޔިތުންގެ ވިސްނުމާއި އެކީގައި ރިޔާސީ އިންތީޚާބު ކާމިޔާބު ކުރެވޭނެ މީހެއްގެ ގޮތުގައި ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގައި މިވަގުތު ހުރި މީހަކީ އަޅުގަނޑު،
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ރައީސް ވިދާޅުވީ މިފަހަރު ބޭނުންވަނީ ހުރިހާ ދާއިރާއެއްގެ އަދި ހުރިހާ ރަށެއްގެ އަގުލަބިއްޔަތާއެކު އިންތިޚާބު ކާމިޔާބު ކުރުމަށް ކަަމަށެވެ. އެހެންކަމުން މަނަދޫ ދާއިރާވެސް އޭގެ ތެރޭގައި ބައިވެރިވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު ނިމިގެން އެމްޑީޕީ އޮތީ މަގުުމަތިވެފައި ކަމަށެެވެ. އަދި 2013 އިން 2018 އަށް އައި ވެރިކަމަކީ ޚުދުމުހުތާރު އަދި އަނިޔާވެރި ވެރިކަމެއް ކަމަށާއި އަންނަ ރިޔާސީ އިންތިޚާބުގައި ވިސްނަންވީ އެ އަނިޔާވެރިކަން އެނބުރި ގެނައުންތޯ ނުވަތަ މިހާރު އޮތް އަމާންކަން ދެމިގެންދިއުންތޯ ސުވާލު ކުރައްވައި ރައީސް ވިދާޅުވީ މިފަހަރުގެ ޕްރައިމަރީގެ ނަތީޖާ ނުކުންނަ ގޮތަކުން އަނެއްކާވެސް އެމްޑިޕީ މަގުމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް