ކ. މާލެ
|
7 ޖެނުއަރީ 2023 | ހޮނިހިރު 16:24
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް
ރޮއިޓާސް
ފްރާންސްގެ ގައުމީ ޓީމު
ޑެޝޯމްޕްސްގެ އެއްބަސްވުން އައުކޮށްފި
ފްރާންސްގެ ފުޓުބޯޅަ އިދާރާއިން ނިންމީ 2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕް މުބާރާތާ ހަމައަށް ޑެޝޯމްޕްސްގެ އެއްބަސްވުން އައުކުރުމަށް

ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ އެއްބަސްވުން އައުކޮށްފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގަތަރުގައި ނިމުނު ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ އަތުން ބަލިވުމުން ޑެޝޯމްޕްސް ބުނީ، ކުރިމަގާމެދު ގޮތެއް ނިންމާނީ އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. ފްރާންސްގެ ފުޓުބޯޅަ އިދާރާއިން ނިންމީ 2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕް މުބާރާތާ ހަމައަށް ޑެޝޯމްޕްސްގެ އެއްބަސްވުން އައުކުރުމަށެވެ. ފްރާންސް ގައުމީ ޓީމުގެ ކޯޗުކަމާ އޭނާ ހަވާލުވީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން ޑެޝޯމްޕްސް ވަނީ ފްރާންސްއާއެކު ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާއި، 2020-21ގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކުރިއެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕްކަމާއި، 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ރަނަރަޕްކަންވެސް ހޯދިއެވެ.

ފްރާންސަކީ އެންމެ ފަހުން ފީފާއިން ނެރުނު ރޭންކިންގައި ދުނިޔޭގެ ތިންވަނަ ގައުމެވެ. ފާއިތުވި ފަސް އަހަރުގެ ތެރޭގައި ފްރާންސް އަންނަނީ ރޭންކިންގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިފަހައްޓަމުންނެވެ. ފްރާންސުން ޑެޝޯމްޕްސްގެ އެއްބަސްވުން އައުކުރުމާއެކު، އޭނާގެ އަމާޒަކީ އަންނަ އަހަރު އޮންނަ ޔޫރޯ މުބާރާތާއި، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބުކޮށްދިނުމެވެ. ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސް ވަނީ މިހާތަނަށް 139 މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 89 މެޗުން މޮޅުވެ، 22 މެޗުން އެއްވަރުވެފައެވެ. ފްރާންސް ބަލިވީ 28 މެޗުންނެވެ.

ޑެޝޯމްޕްސް ވަނީ ފްރާންސާއެކު ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ފްރާންސުން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަނަކީވެސް އޭނާއެވެ.

- ކޮމެންޓް