ވެމްކޯއިން ގޭބެސީ ތަކުން ނަގަމުން އަންނަ ކުންޏަށް ޚިދުމަތް ހޯދާ ކަސްޓަމަރުން ފައިސާ ނުދައްކާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ކަރަންޓް ބިލުގެ ތެރެއަށް ވެމްކޯގެ ކުނި ނެގުމުގެ ބިލު މިއަހަރުގެ ފުރަތަމަ ކުއާޓަރ ނިމުމުގެ ކުރިން އެއްކުރެވޭނެކަމަށް އުންމީދުކުރައްވާކަމަށް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖު ވިދާޅުވެއްޖެއެވެ.
ދާދިފަހުން ތަސްދީގުކޮށްފައިވާ ކުނިމެނޭޖު ކުރުމުގެ ގާނޫނުގެ ދަށުން މިގޮތަށް ބިލު އެއްކުރުމުގެ އިޚުތިޔާރު ލިބިދެއެވެ. އެގޮތުން އެގާނޫނުގެ 27 ވަނަ މާއްދާގައިވާ ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކަށް ލިބިގެންވާ ބައެއް އިޚްތިޔާރުތަކުގެ ތެރޭގައި އެމާއްދާގެ ނ ގައި ބުނެފައިވަނީ އާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތަކުން ޚިދުމަތަށް ފީ ނެގުމުގައި، ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތުން އަމިއްލައަށް ފީ ނަގައިގެން ނުވަތަ ޢާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދޭ އެހެން ޚިދުމަތެއްގެ ބިލުގައި ހިމަނައިގެން އަގު ނެގިދާނެކަމަށެވެ.
އެހެންކަމުން ކަރަންޓް ބިލުގެ ތެރެއަށް ވެމްކޯގެ ކުނިނެގުމުގެ ބިލު އެއްކުރުމުގެ މަޝްވަރާތައް ވަނީ ފަށާފައެވެ. އެމަސައްކަތްތައް ކުރިޔަށްދާ ގޮތާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވެމްކޯގެ އެމްޑީ ޔޫސުފް ސިރާޖު ވިދާޅުވީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ވެމްކޯއާއެކު މަސައްކަތްކުރެވެމުންދަނީ ޔޫޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) މެދުވެރިކޮށް ބިލް ޓައިކުރުމުގެ މަސައްކަތްކަމަށެވެ. އެކަމުގެ މަޝްވަރާތައް ކުރިޔަށްދާކަމަށާއި މިކަން ސީދާ ކުރެވޭނެ ތާރީޚެއް ވިދާޅުވަން ދަތިކަމަށެވެ.
މިވަގުތު ސީދާ ޓައިމް ބުނަން ދަތި އެއީ ހަމައެކަނި ވެމްކޯ އިން ކުރާ ކަމެއްނޫން. ކަރަންޓް ބިލް ވީމާ ސްޓެލްކޯ އާއި ފެނަކާއި މަޝްވަރާކުރަމުންދާންޖެހޭ. އެބޭފުޅުންނަށް ދިމާވާ ދަތިތައް އެބަޖެހޭ ބަލަން. އެބޭފުޅުންގެ ސިސްޓަމަށް އަންނާނެ ބަދަލުތަކަކީ ކޮބައިތޯ. އެހެންވީމާ މަޝްވަރާއަށް ވަގުތުތަކެއްނަގާނެ. އުންމީދުކުރަނީ ފުރަތަމަ ކުއާޓަރ ނިމުމުގެކުރިން ބިލްތައް ޓައި ކުރެވިގެންދާނެކަމަށް.ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖު
މާލޭގައި 50،000 ގޭބިސީ އޮންނައިރު ވެމްކޯގައި ރަޖިސްޓަރ ކޮށްގެން ޚިދުމަތް ހޯދަމުން އަންނަނީ 16،000 ގޭބިސީކަމަށް ސިރާޖު ވިދާޅުވިއެވެ. ރަޖިސްޓްރީކޮށްފައިވާ ގޭބެސީތަކުގެ ތެރެއިން 85 އިންސައްތަ ގޭބިސީން ބިލު ދައްކާކަމަށް ސިރާޖު ވިދާޅުވިއެވެ. އެއީ މުޅި އާބާދީއަށް ބަލާއިރު ވަރަށްކުޑަ މިންވަރެއްކަމަށާއި އެކަމުގެ ސަބަބުން ވެމްކޯގެ ޚަރަދުތައް ބެލެހެއްޓުމުގައި ދަތިތައް ދިމާވާކަމަށް ވިދާޅުވިއެވެ.
ނަމަވެސް ވެމްކޯގެ ކުނިނެގުމުގެ ބިލާއި ކަރަންޓް ބިލު އެއްކޮށްލުމުން ކުނި ބިލް ދެއްކުމަށް މަޖުބޫރުވެގެންދާއިރު ގިނަ ފަރާތްތަކުން ކުނި ބިލް ދައްކާނެކަމަށް ގަބޫލުކުރެވޭކަމަށް ވިދާޅުވިއެވެ. އަދި މިހާރު ކުންފުންޏަށް ވަމުންދާ ގެއްލުންވެސް ކޮންމެސް ވަރަކަށް ފޫބެއްދޭނެކަމަށް ވިދާޅުވިއެވެ.