ކ. މާލެ
|
6 ޖެނުއަރީ 2023 | ހުކުރު 12:09
އާދަމް އާޒިމް
އާދަމް އާޒިމް
އެމްޓީސީސީ
އަލިފުށީ އެއަރޕޯޓް
މިއަހަރު ތެރޭގައި އަލިފުށީ އެއަރޕޯޓަށް ބޯޓު ޖެއްސޭނެ ކަމުގެ އުއްމީދު އެބައޮތް: އާޒިމް
 
ކިތަންމެ ދަތިވަގުތެއް އައި ނަމަވެސް ކޮންމެވެސް ގޮތެއް ހޯދައިގެން އެ ކުންފުނީގެ މުވައްޒަފުން މަސައްކަތް ހުއްޓުނަ ނުދީ ކުރިއަށްގެންދާނެ
 
އެމްޓީސީސީއާ ހަވާލުކޮށްފި ކޮންމެ މަސައްކަތެއްވެސް އަމާނާތްތެރިކަމާއެކު ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރާނެ ކަމަށް ވިދާޅުވި

ރ. އަލިފުށީގައި ތަރައްގީ ކުރަމުން އަންނަ އެއަރޕޯޓަށް މިއަހަރު ތެރޭގައި ފްލައިޓު ޖެއްސޭވަރު ވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ އަލިފުށީ އެއަރޕޯޓް ޓަރމިނަލްގެ ބިންގާ އެޅުމަށް ބުރާސްފަތި ދުވަހު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން، އެމްޓީސީސީއާ ހަވާލުކޮށްފި ކޮންމެ މަސައްކަތެއްވެސް އަމާނާތްތެރިކަމާއެކު ކުރެވެން އޮތް އެންމެ ރަނގަޅަކަށްކޮށް، ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މި ސަރުކާރުންނާއި އެ ކުންފުނިން ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަލިފުށީގެ ބިން ހިއްކައި އެއަރޕޯޓު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު އެންމެ އުނދަގޫ އެއް މަސައްކަތަކީ ޓަރމިނަލް މަސައްކަތް ކަމަށާއި އެ މަސައްކަތަށް ބޭނުންވާ 17 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. ދެން ފަށާނީ އެއަރޕޯޓުގެ ރަންވޭއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކަމަށާއި އެހެންކަމުން މިއަހަރު ތެރޭގައި އެއަރޕޯޓަށް ބޯޓު ޖެއްސޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް އާޒިމް ވިދާޅުވިއެވެ.

އަޅުގަނޑަށް އަދިވެސް ހަމަ ވަރަށް ބޮޑު އުއްމީދެއް އެބައޮތް މިއަހަރު ތެރޭގައި މި ރަށަށް ބޯޓު ޖެއްސޭނެ ކަމުގެ. އަޅުގަނޑުމެން އުއްމީދު ކުރަންވާނެ އަބަދުވެސް ކިތަންމެ ދަތިވިޔަސް ކަންތައްތައް ކުރަން. އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނެ އަޅުގަނޑުމެންނަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ރައްޔިތުންނަށް ކޮށްދޭން.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އާޒިމް ވިދާޅުވީ އެމްޓީސީސީން މަސައްކަތްތައް ތާރީހަށް ނިންމަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަނީ ރައްޔިތުން ތަރައްގީ ބޭނުންވެފައި ތިބޭތާ އެތައް ސަތޭކަ އަހަރެއް ވެފައިވާތީ ކަމަށެވެ. އެގޮތުން، ރައްޔިތުންގެ އުއްމީދާއެއްކޮށް ބާރު ސްޕީޑުގައި ތަރައްގީ ގެންނަން ފެށިގެންގޮސްފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކިތަންމެ ދަތިވަގުތެއް އައި ނަމަވެސް ކޮންމެވެސް ގޮތެއް ހޯދައިގެން އެ ކުންފުނީގެ މުވައްޒަފުން މަސައްކަތް ހުއްޓުނަ ނުދީ ކުރިއަށްގެންދާނެ ކަމަށާއި މަސައްކަތްތައް ބޭނުންވާ ފެންވަރުގައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން އާޒިމް ވަނީ ދެއްވާފައެވެ.

އަލިފުށީ އެއަރޕޯޓުގެ މަސައްކަތަކީ އެމްޓީސީސީގެ ތާރީޚުގައި ވެސް ހަވާލުކުރެވުނު އެންމެ ބޮޑު ޢުމްރާނީ ތަރައްގީގެ މަޝްރޫއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން، އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ބިމުގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ޚާއްސަކުރެވިގެން ހިއްކޭ ބިމެކެވެ. އަދި ބާކީ 40.5 ހެކްޓަރު ބިމަކީ އެއަރޕޯޓް ތަރައްގީކުރުމަށް ހިއްކޭ ބިމެވެ.

އެއަރޕޯޓް މަޝްރޫއުގެ ދަށުން، 1200 މީޓަރުގެ ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑު ހެދުމުގެ މަސައްކަތްވެސް ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމަންޓަކާއި، 480 މީޓަރުގެ ގްރޮއިންއެއް ވެސް ގާއިމުކުރާނެއެވެ.

އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 451.6 މިލިއަން ރުފިޔާއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި