ކ. މާލެ
|
5 ޖެނުއަރީ 2023 | ބުރާސްފަތި 08:28
މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރި ދެ ބޯޓު
މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރި ދެ ބޯޓު
ރައީސް އޮފީސް
މޯލްޑިވިއަންގެ ފްލީޓް
މޯލްޑިވިއަންގެ ފްލީޓަށް އައު 2 ބޯޓު އިތުރުކޮށްފި
މިއީ އޭޓީއާރު 72 މަރުކާގެ 2 ބޯޓު
މިއީ މުޅިން އައު ދެ ބޯޓު
މޯލްޑިވިއަނުން މަސައްކަތްކުރަނީ އެ އެއާލައިންގެ ފްލީޓަކީ އޭޓީއާރު ފްލީޓަކަށް ހެދުމަށް

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓަށް މުޅިން އައު ދެ ބޯޓު އިތުރުކޮށްފިއެވެ.

މި ދެ ބޯޓު ރާއްޖެ ގެނެސްފައިވަނީ ބުދަ ދުވަހުއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ވޯޓަރ ސެލިއުޓަކާއެކު މި ދެ ބޯޓަށް ވަނީ މަރުހަބާ ކިޔާފައެވެ. މި ރަސްމިއްޔާތުގައި ނާއިބުރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.  

މޯލްޑިވިއަންގެ ފްލީޓަށް މުޅިން އައު ދެ ބޯޓު އިތުރުކޮށްފައިވާއިރު މިއީ އޭޓީއާރު 72 މަރުކާގެ 2 ބޯޓެވެ. މި ދެ ބޯޓު މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރުމާއެކު މިހާރު އެ އެއާލައިންގެ ޚިދުމަތްތަކަށް ބޭނުންކުރާ ބޯޓުތަކުގެ އަދަދު ވަނީ 14 އަށް އަރާފައެވެ.

މި ދެ ބޯޓު ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކުގައި ކަމަށް މޯލްޑިވިއަނުން ބުނެއެވެ. މި ދެ ބޯޓުގެ ދަތުރުތައް ފެށުމުން މިހާރު ދިމާވަމުން އަންނަ އެތައް މައްސަލައަކަށް ހައްލު އަންނާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. މިގޮތުން ޑިލޭތައް އައުން މަދުވުމާއި، މަރާމާތުތައް މަދުވާނެ ކަމަށް ބުނެފައިވެއެވެ.

މިއަހަރު ތެރޭގައި އޭޓީއާރު 42 މަރުކާގެ ބޯޓެއް ގެނައުމަށްވެސް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ. 50 މީހުންގެ ޖާގައިގެ މި ބޯޓުވެސް ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށް ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ހުރި ގިނަ ބޯޓުތަކަކީ ޑޭޝް-8 ގެ ބޯޓުތަކެވެ. މޯލްޑިވިއަންގެ ފްލީޓަކީ އޭޓީއާރު ފްލީޓަކަށް ހެދުމަށް އެކުންފުނިން އަމާޒު ހިފާފައިވާއިރު، ކުރިއަށް އޮތް 8 އަހަރުގެ ތެރޭގައި ޑޭށް-8 ގެ 9 ބޯޓު ވިއްކާލުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. އަދި މި ބޯޓުތައް ގަންނާނެ ބަޔަކު ހޯދަން ވަނީ އިއުލާނުކޮށްފައެވެ.

މީގެ ކުރިން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވީ މި ބަދަލާއެކު މިހާރު ދިމާވަމުން އަންނަ ގިނަ މައްސަލަތަކަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. ޓެކްނިކަލް ޑިލޭތައް އައުން ހުއްޓުމާއި، މެއިންޓެނެންސް ޚަރަދު ކުޑަވެ، ތެލަށް ކުރާ ޚަރަދުވެސް ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް