ބޮލީވުޑްގެ ތަރި ޝާހުރުކް ޚާން އޭނާގެ ފިލްމީ ހަޔާތް ފަށާފައި ވަނީ 1992 ވަނަ އަހަރުއެވެ.
ޝާހުރުކް ޚާން އުފަންވެފައި ވަނީ 2 ނޮވެމްބަރު، 1965 އެވެ. ޝާހުއަކީ މަޝްހޫރު ހިންދީ ފިލްމީ ތަރިއެކެވެ. އަދި ފިލްމް ޕްރޮޑިއުސަރެއް ވެސް މެއެވެ. އަދި ޓެލެވިޒަން ހޮސްޓް ކުރާ ފަރާތެއް ވެސް މެއެވެ.
މިމަހުގެ 25 ވަނަ ދުވަހު ޝާހުރުކް ޚާން އޭނާގެ ފިލްމީ ދުނިޔެއަށް ވަންތާ 25 އަހަރު ވަނީ ފުރިފައެވެ. އޭނާ ވަނީ ހުރިހާ ސަޕޯޓަރުންނަށް އޭނާއަށް ސަޕޯޓުކުރާތީ ޝުކުރު އަދާކުރާ ކަމަށް ބުނެފައެވެ. އަދި ސަޕޯޓަރުންނާ ނުލައި އޭނާއަށް މިހާ ހިސާބަށް ނާދެވޭނެ ކަމަށާއި ސަޕޯޓަރުން އެގޮތުގައި ތިބުމަށް ޝާހު ވަނީ އެދިފައެވެ.
އުމުރުން 51 އަހަރުގެ ޝާހު ބޮލީވުޑްގައި މަޝްހޫރުވެފައި ވަނީ "ކިންގް އޮފް ބޮލީވުޑް" ނުވަތަ "ކިންގް ޚާން" ގެ ނަމުންނެވެ. އޭނާ ވަނީ މިހާތަނަށް 80 އަށްވުރެ ގިނަ ހިންދީ ފިލްމު ކުޅެފައެވެ. އޭނާއަށް ވަނީ 14 ފަހަރު ފިލްމު ފެއާއެވޯޑް ލިބިފައެވެ.
ޝާހު ޚާން ހިމެނެނީ ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން އެންމެ މުއްސަނދި ތަރީގެ ގޮތުގައެވެ. މީގެ އިތުރުން އޭނާއަށް 2016 ވަނަ އަހަރު ވަނީ ޑޮކްޓަރުގެ ދަރަޖަ ލިބިފައެވެ.
އޭނާއަށް އެ ލަގަބު ލިބުނީ އުރުދޫ ބަހަށް ޚިދުމަތްކޮށްދީ އެބަހުގެ އިތުރުން އުރުދޫ ސަގާފަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކޮށް އާލާކޮށް ދިރުވައިދިނުމުގެ ސަބަބުންނެވެ.
ޝާހުރުކް ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި "ޑަރް" (1993)، "ބާޒީގަރް" (1993)، "ދިލްވާލޭ ދުލްހަނިޔާ ލޭޖާއިގޭ" (1993)، "ބާޒީގަރް" (1993)، "ދިލްތޯ ޕާގަލްހޭ" (1997)، "ކުޗް ކުޗް ހޯތާހޭ، (1998)، "ކަބީ ޚުޝީ ކަބީ ގަމް" (2001) ހިމެނެއެވެ. އަދި މީގެ އިތުރުން "މައިނޭމް އިޒް ޚާން" (2010)، "ޗެންނާއީ އެކްސްޕްރެސް" (2013) އަކީ ޝާހު ކުޅެފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެވެ.
ޝާހުރުކް އަށް ވަނީ 2015 ވަނަ އަހަރު އިންޑިއާގެ ފިލްމު ހަދާ ކުންފުންޏެއް ކަމަށްވާ "ރެޑް ޗިލީސް އެންޓަޓެއިންމަންޓް" ގެ ކޯ ޗެއާކަން ލިބިފައެވެ.
ނިއުސްވީކުން ވަނީ 2008 ވަނަ އަހަރު ދުނިޔޭގެ އެންމެ ނުފޫޒު ގަދަ މީހުންގެ ލިސްޓުގައި ވެސް ޝާހު ހިމަނާފައެވެ.
ޝާހުރުކް ޚާން އެންމެ ފުރަތަމަ ބޮލީވުޑަށް ވަދެފައި ވަނީ ފިލްމު "ދީވާނާ" އިން 1992 ވަނަ އަހަރުގައެވެ.
ޝާހު މިހާރު ޝޫޓްކުރަމުންދަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ޖަބް ހެރީ މެޓް ސޭގަލް" އެވެ. މި ފިލްމް ޑައިރެކްޓް ކޮށްފައި ވަނީ އިމްތިޔާޒު އަލީއެވެ. މި ފިލްމުގައި ޝާހުގެ އިތުރުން ފެނިގެންދާނީ އަނުޝްކާ ޝަރުމާއެވެ. އެހެންކަމުން މިއީ ޝާހު އާއި އަނުޝްކާ އާއި ދެ މީހުން އެކުގައި ފެނިގެންދާނޭ ތިން ވަނަ ފިލްމެވެ.