ރާއްޖޭގެ އިްގތިސާދީ ތަރައްގީގެ އަމާޒުތަކާއި މާލީ ހާލަތު ވަޒަން ކުރުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އެކުލަވައިލި ރިޕޯޓު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގެންފިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއަށް އީވާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ 20 ޑިސެމްބަރު 2022 ގައި އައިއެމްއެފް އިން ނެރުނު ނޫސްބަޔާނުން އެނގޭގޮތުގައި އެ ފަންޑުގެ ފަންނީ މުވައްޒަފުންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި ދައުލަތުގެ މާލީ މައުލޫމާތު ހޯދައި، ރާއްޖޭގެ ކަމާ ބަހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު ރިޕޯޓެއް އެކުލަވާލާފައިވާ ކަމަށެވެ. އެ ރިޕޯޓު އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން އެސެސްކޮށްފައިވާއިރު ދައުލަތުގެ ދަރަނީގެ މިންވަރު ކަންބޮޑުވާވަރަށް އިތުރުވެފައިވާކަން ފާހަގަކޮޮށް "ސަސްޓެއިންޑް ފިސްކަލް ކޮންސޮލިޑޭޝަން" އެންމެ އިސްކަން ދޭން ޖެހޭ ކަން ކަމަށް ފާހަގަކޮށްފައިވާކަން އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ އެ ރިޕޯޓަކީ ރިޕޯޓު ރައްދުވާ ޤައުމެއްގެ ސަރުކާރުގެ ރުހުމާއެކު އާއްމު ކުރެވޭ ރިޕޯޓަކަށްވާއިރު 2020 ވަނަ އަހަރުގެ ފަހުން އައިއެމްއެފް އިން ރާއްޖެއާ ގުޅޭގޮތުން އެކުލަވައިލި އެފަދަ ރިޕޯޓުތައް އާއްމުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތާ ގުޅޭގޮތުން ސަރުކާރުގެ އަމާޒުތައް ބައްޓަން ކުރެވައިވާ ގޮތާމެދު އައިއެމްއެފްއިން ދެކޭގޮތް ދެނެގަނެވޭނީ އެ ރިޕޯޓުން ކަމަށްވާއިރު އެ ރިޕޯޓުގެ ކޮޕީއެއް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
2020 ވަނަ އަހަރުގެ ކުރިން ވޭތިވެދިޔަ 10 އަހަރުގެ ތެރޭގައި އެ ރިޕޯޓު ހާމަކުރަމުން އައި ކަން ވެސް އީވާ ފާހަގަކުރެއްވިއެވެ.
ސިޓީ ހުށަހެޅުއްވިކަން ހާމަކުރައްވައި އީވާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިޤްތިޞާދީ އަދި މާލީ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަށް މަޢުލޫމާތު ހިއްސާނުކުރުމަކީ ނުރައްކާ ކަމެއް ކަމަށެވެ.