Advertisement
ކ. މާލެ
|
3 ޖެނުއަރީ 2023 | އަންގާރަ 12:44
އިލެކްޝަން ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު
އިލެކްޝަން ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު
ރާއްޖެއެމްވީ
އެމްޑީޕީގެ ދަފްތަރު
އީސީގެ ރައްދު: ރައީސެއްގެ އަނބިކަނބަލެއް ނަމަވެސް، އިނގިލީގެ ނިޝާން ނުޖަހައި ފޯމު ހުށަހަޅާފައިވާނަމަ ބަލައެއް ނުގަންނާނަން!
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް 2015 ވަނަ އަހަރުގެ ތެރޭގައި އިސްލާޙެއް ގެނަ
ޕާޓީން ވަކި ކުރުމުން، އޭރު ނައީސް ނަޝީދާއި، ރައީސް ސޯލިޙުވެސް އަލުން ޕާޓީއަށް ވަދެވަޑައިގަތުމަށް ފޯމު ހުށައެޅުއްވި
ރައީސެއްގެ އަނބިކަނބަލެއް ނަމަވެސް، މުއްދަތުގައި ފޯމު ހުށައަޅާފައި ނުވާނަމަ، މެމްބަރުކަމުން ވަކިވާނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކުރީގެ އަނބިކަނބަލުން ލައިލާ އަލީ އެމްޑީޕީގެ ދަފްތަރުން ވަކިކޮށްފައިވާކަމަށް ވިދާޅުވި ވާހަކައަށް އިލެކްޝަންސް ކޮމިޝަނުން ރައްދު ދީފިއެވެ.

ރައީސް ނަޝީދުގެ ކުރީގެ އަނބިކަނބަލުން ލައިލާ އަލީ އެމްޑީޕީގެ ދަފްތަރުން ވަކިކޮށްފައިވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ މެންބަރުން އެ ޕާޓީން ވަކިކޮށް އޮޅުވާލައިގެން އެހެން ޕާޓީތަކަށް ވައްދާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި އެކަން ކުރަނީ އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނާއި ސަރުކާރާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ގުޅިގެންނެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް 2015 ވަނަ އަހަރުގެ ތެރޭގައި އިސްލާޙެއް ގެނެސްފައިވާ ކަމަށެވެ. އެ އިސްލާޙުގެ ދަށުން، އިނގިލީގެ ނިޝާން ނުޖަހައި ފޯމު ލާފައިވާ ފަރާތްތަކަށް، އަލުން ނިޝާން ޖެހުމަށްފަހު ފޯމު ހުށަހެޅުމަށް ފުރުސަތު ދެވިފައިވާކަމަށް ފުވާދު ވިދާޅުވއެވެ.

Advertisement

އެގޮތުގެ މަތިން ޕާޓީން ވަކި ކުރުމުން، އޭރު ރައީސް ނަޝީދާއި، ރައީސް ސާލިޙުވެސް އަލުން ޕާޓީއަށް ވަދެވަޑައިގަތުމަށް ފޯމު ހުށަހެޅުއްވިކަން ފާހަގަ ކުރައްވައި ފުވާދު ވިދާޅުވީ، އެބޭފުޅުންގެ އަނބިކަނބަލުން އޭރު އެގޮތުގެ މަތިން ފޯމު ހުށަހަޅާފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް، އެ ޤާނޫނުގެ ދަށުން ދިން ފުރުސަތަށްފަހު، އެގޮތުގެ މަތިން ފޯމު ހުށަނާޅާ ފަރާތްތަކުގެ ފޯމުތައް އޭރު ކެންސަލު ކޮށްފައިވާކަން ފާހަގަ ކުރައްވައި ފުވާދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އެ ޤާނޫނު ތަސްދީޤު ކުރެއްވުމުން، ޤާނޫނަށް އަމަލު ކުރުމަކީ އީސީން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ބަލާއިރު، އެމްޑީޕީއަށް އެންމެ ފުރަތަމަ ސޮއި ކުރި މީހެއް ނަމަވެސް، ނުވަތަ ރައީސެއްގެ އަނބިކަނބަލެއް ނަމަވެސް، އެ މުއްދަތުގައި ފޯމު ހުށަހަޅާފައި ނުވާނަމަ، މެންބަރުކަމުން ވަކިވާނެކަމަށް ފުވާދު ވިދާޅުވިއެވެ. އެގޮތުގެ މަތިން މިހާރުގެ ފަސްޓްލޭޑީ ފަޒްނާގެ ނަންވެސް އޭރު އުނި ކުރެވިފައިވާކަމަށް ފުވާދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޤާނޫނު ތަސްދީޤު ކުރާ ހިސާބުން އީސީއަށް ލާޒިމުވާނެ ޤާނޫނަށް އަމަލުކުރަން، އެހެންވެ އެ ޤާނޫނު ތަސްދީޤު ކުރި ހިސާބުން، އޭރު ހަމަ އެގޮތުގެ މަތިން ތިއްބެވި ހުރިހާ ފަރާތްތައް ދިޔައީ އިނގޭތޯ ވަކި ކުރެވިގެން، އެ ވަކި ކުރެވުނު ބޭފުޅުންގެ ތެރެއިން އަލުން ވަދެވަޑައިގަތުމަށް ފޯމު ފުރުއްވި ބޭފުޅުން އޮންނާނީ ވައްދާފައި، އެކަމް މެޑަމް ލައިލާ، ފަޒްނާމެން ބޭފުޅުން އެގޮތުގެ މަތިން ފޯމު ފުރުއްވާފައި ނުލައްވާތީ އިނގޭތޯ އެބޭފުޅުންގެ ނަންފުޅު ނެތިގެން އެ އުޅެނީ
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤު

ފުވާދު އިތުރަށް ވިދާޅުވީ، އީސީން އަމަލުކުރާނީ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، އީސީން އަމިއްލައަށް ޕާޓީތަކަށް މެންބަރުން ވައްދައި، ނުވަތަ ވަކިކޮށް ނުހަދާނެ ކަމަށެވެ.

އީސީގެ ލިއެކިއުންތަކުންވެސް އެ ކަންކަން ސާފުކޮށް ފެންނަން ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެމްޑީޕީ ދަފްތަރުގައި ނަން އޮތް މެމްބަރުންނަށް އެކަނިކަމަށް, އިންތިޚާބާބެހޭ ކޮމިޓީން ވަނީ ބުނެފައެވެ.

އެމްޑީޕީން މިދިޔަ އަހަރު ބޭއްވި ކޮންގްރެސްގެ ކުރިން ބޭއްވި ގައުމީ މަޖިލީހުންވެސް ފާސްކޮށްފައިވަނީ އީސީގެ ދަފްތަރުގައި ނެތް މީހުން އެމްޑީޕީގެ ލިސްޓުން ވަކިކުރުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް