ކ. މާލެ
|
2 ޖެނުއަރީ 2023 | ހޯމަ 15:01
މީރާ
މީރާ
ޔޫސުފް ސޮފްވާން ރަޝީދު
ޖީއެސްޓީ އިތުރުކުރުން
ޓެކްސްގެ ނަމުގައި މުދަލުގެ އަގު ބޮޑުކޮށްގެން ޝަކުވާ ހުށަހަޅައިފިނަމަ އެކަމެއް ބަލާނަން: މީރާ
ޝަކުވާއޮތް ނަމަ މީރާއަށް ހުށަހެޅުމަށް ވަނީ އެދިފައި

ޓެކްސްގެ ނަމުގައި ނަގަންޖެހޭ މިންވަރަށްވުރެ އިތުރަށް ފައިސާ ނަގައިގެން އެފަދަ ޝަކުވާ އެއް ހުށަހަޅައިފިނަމަ އެޝަކުވާއެއް ބަލާނެކަމަށް މީރާއިން ބުނެފިއެވެ.

1 ޖެނުއަރީން ފެށިގެން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) 6 އިންސައްތައިން 8 އިންސައްތައަށް ވަނީ ބޮޑުކޮށްފައެވެ. އެއާއެކު ތަކެތީގެ އަގު ބޮޑުވުމުގެ ޝަކުވާ އާންމުން ވަނީ ކުރަން ފަށާފައެވެ. އަދި ނަގަންޖެހޭ މިންވަރަށްވުރެ އިތުރަށް ޓެކްސް ނެގުމާއި ޖީއެސްޓީ ނުނަގާ މުދަލުގެ އަގު ބޮޑުކޮށްފައިވާކަމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ.

މިޝަކުވާތައް އިތުރުވެފައިވާތީ އެކަންކަން މޮނިޓަރ ކުރާނެތޯ "ރާއްޖެއެމްވީ"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް އަހުމަދު ޝަރީފް ވިދާޅުވީ މުދަލުގެ އަގު ބޮޑުވެގެން އެކަން މީރާއަށް ނުބެލޭނެކަމަށެވެ. ނަމަވެސް ޓެކްސްގެ ނަމުގައި ނަގަންޖެހޭ މިންވަރަށްވުރެ އިތުރަށް ނަގާނަމަ އެފަދަ ޝަކުވާއެއް ހުށަހަޅައިފިނަމަ މީރާއިން އެފަދަ ޝަކުވާއެއް ބަލާނެކަމަށް ވިދާޅުވިއެވެ. އެގޮތުން އެފަދަ ޝަކުވާއެއް އޮތްނަމަ [email protected]ށް މެއިލްކުރުމަށް ވަނީ އެދިފައެވެ.

އަދި ކާކުކަން ނޭންގޭ ގޮތަށް އެފަދަ ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މީރާގެ ވެބްސައިޓް ގައިވާ ވިސްލްބްލޯވަރ އިން އެއީ ކާކުކަން ނޭންގޭގޮތަށް ޝަކުވާ ހުށަހެޅޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

2023ގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ޖީ.އެސްޓީ ރޭޓް ބޮޑުކުރުމާ ގުޅިގެން ވިޔަފާރިތައް އަހުލުވެރިކުރުމަށާއި އެ ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން ވިޔަފާރިތަކުން ސަމާލުކަންދޭންޖެހޭ ކަންތައްތައް ހިމަނައިގެން 'ފެކްޓް ޝީޓް'އެއް ތައްޔާރުކޮށް, މީރާގެ ވެބްސައިޓްގައި މީރާއިން ވަނީ ޝާއިރުކޮށްފައެވެ.

މީގެއިތުރުން، މި ބަދަލަށް ތައްޔާރުވުމަށް ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން ހޭލުންތެރިކުރުމުގެ ގޮތުން މީރާއިން ވަނީ ޚާއްސަ މަސައްކަތްތަކެއް ކޮށްފައެވެ. މީރާއިން ވަނީ އެކަމަށްޓަކައި ޚާއްސަ ކެމްޕެއިނެއްވެސް ހިންގާފައެވެ. މި ކެމްޕެއިންގެ ދަށުން މީރާގެ ޓީމުތަކުން ވަނީ މާލޭގެ އިތުރުން އަތޮޅުތަކަށް ޒިޔާރަތްކޮށް, ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ މުހިންމު މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

- ކޮމެންޓް
2 ޖެނުއަރީ 2023 | ހޯމަ 23:35
ބުނެދީބަލަ
28 ޑިސެމްބަރ ގައި ޓެކްސީން ހުޅުމާލެއަށް ނެގީ -/80ރ. މިއަދު ނެގީ _/85ރ. އެ -/5ރ އެއީ ކޮން އެއްޗެއްބާ. ޓެކްސްބާ؟؟؟؟