ކ. މާލެ
|
31 ޑިސެންބަރ 2022 | ހޮނިހިރު 17:47
އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާ
އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާ
ޕީޕީއެމް
އާރަށު ހިޔާނާތުގެ މައްސަލާގައި ކުރި ހުކުމް
ކޯޓުގެ ހުކުމަށް "ހަރާމް ހުކުމް" ކިޔުމާގުޅިގެން އީސީއާއި ބްރޯޑްކޮމްއަށް މައްސަލައެއް ހުށަހަޅާފައެއް ނެތް
އިދިކޮޅު ފަރާތްތަކުން ވަނީ "ހަރާމް ހުކުމް"ގެ ނަމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މުޒާހަރާކޮށްފައި
އީސީއާއި ބްރޯޑްކޮމްއަށް މައްސަލަ ހުށަހަޅާނެކަަމަށް ޑީޖޭއޭއިން ބުނޭ

ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ "ހަރާމް ހުކުމެއް"ކަމަށް ބުނަމުންދާތީ އެކަމާމެދު ފިޔަވަޅު އަޅާނެކަަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނިނަމަވެސް، އަދި އެފަދަ މައްސަލައެއް ކަމާބެހޭ އިދާރާއަކަށް ހުށަހަޅާފައި ނުވާކަމަށް ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

އާރަށުގެ މައްސަަލާގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ހަރާމް ހުކުމެއް ކަަމަށާއި، އެ ހުކުމް ބަލައިނުގަންނަކަމަށް، އިދިކޮޅު ސިޔާސީ ޕާޓީގެ އިތުރުން، އިދިކޮޅު ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.

ޝަރުއީ ކޯޓަކުން ނިންމާ ނިންމުމަކަށް އަމަލުކުރުން ފަސްކުރުމަށް، އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު، ކޯޓުތަކުން ނިންމާ ނިންމުންތަކަކީ ދައުލަތުގެ 3 ބާރުންނާއި މުސްތަގިއްލު މަގާމުތަކާއި ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ އިތުރުން، ސަލާމަތީ ބާރުތަކާއި އެންމެހާ ރައްޔިތުންވެސް އެއަށް ތަބާވުން ލާޒިމު ނިންމުމެއްކަމަށް، ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނުގެ 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއެކު، "ހަރާމް ހުކުމް"ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ވަނީ މުޒާހަރާތައް ރާވައި އިންތިޒާމް ކުރަން ފަށާފައެވެ. އަދި މީޑިއާގެ ބައެއް ވަސީލަތްތައް މެދުވެރިކޮށް އެ ފަރާތްތަކުން ގެންދަނީ "ހަރާމް ހުކުމް"ގެ ނަމުގައި ހަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގަމުންނެވެ.

މީގެ ކުރިން މި މައްސަލާގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ވަނީ، ޝަރުއީ ކޯޓުތަކުގެ ހުރުމަތް ކެނޑޭފަދަ ގޮތަށް އާންމު ތަންތަނުގައި ހިންގާ ހަރަކާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ. އަދި އެ މޭރުމުން ބައެއް މީޑިއާތަކުގައި ގެނެސްދޭ މައުލޫމާތާއި ޝާއިއުކުރާ ލިޔެކިޔުންތައް ކުށްވެރިކުރާ ކަމަށްވެސް އެ ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ. އެފަދަ އަމަލުތައް ބަލައިނުގަންނާނެ ކަމަށާއި އެކަމާމެދު ފިޔަވަޅު އަޅާނެކަމަށް ޑީޖޭއޭއިން ވަނީ ބުނެފައެވެ.

ޝަރުއީ ކޯޓުތަކުގެ ހުރުމަތް ކެނޑޭފަދަ ގޮތަކަށް މީޑިއާތަކުން މައުލޫމާތު ގެނެސްދޭނަމަ، އެ ޑިޕާޓްމަންޓުގެ ފަރާތުން އެފަދަ މައްސަލަތައް މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ފަދަ ކަމާގުޅުންހުރި މުއައްސަސާތަކުގެ ސަމާލުކަމަށް ގެންނާނެކަމަށްވެސް ޑީޖޭއޭއިން ވަނީ އޭރު ބުނެފައެވެ. ފަނޑިޔާރުންނާއި ކޯޓުތަކަށް އަމާޒުކޮށްގެން، ކޯޓުގެ ހުރުމަށް ކެނޑޭފަދަ އަމަލުތައް ހިންގާނަމަ، "ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދު"ގެ ދަށުން އެކަންކަމަށް ވަގުތުން ފިޔަވަޅު އަޅާނެ ކަމަށްވެސް ޑީޖޭއޭއިން ވަނީ ބުނެފައެވެ. ޑީޖޭއޭއިން މިގޮތަށް އަންގާފައި ވަނިކޮށް ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ވަނީ "ހަރާމް ހުކުމް"ގެ ނަމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މުޒާހަރާކޮށްފައެވެ. އަދި އެ ޝިއާރުގެ ދަށުން ބައެއް ޕްރޮގްރާމްތަކާއި އިވެންޓުތައް މީޑީއާގައި ހިއްސާކޮށްފައިވެއެވެ.

ރާއްޖެ އެމްވީއަށް އިތުބާރުހުރި ގޮތަކަށް އެނގިފައިވާގޮތުގައި، އާ އަހަރާ ގުޅިގެން މިހާރު ކުރިއަށްދާ ރަސްމީ ބަންދު ދުވަސްތައް ފެށުމާހަމައަށް އެފަދަ މައްސަލައެއް ބްރޯޑްކޮމްއަށް ހުށަހަޅާފައެއް ނުވެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވަނީ އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާކަން ޔަގީންކޮށްދީފައެވެ.

ޑީޖޭއޭއިން ވަނީ ފަނޑިޔާރުންނާއި ކޯޓުތަކަށް އަމާޒުކޮށްގެން އާންމު ތަންތަނުގައި ހިންގާ، ކޯޓުގެ ހުރުމަތް ކެނޑޭފަދަ އަމަލުތައް ތަހުގީގު ކޮށްދެއްވުން އެދި އެ ޑިޕާޓްމަންޓްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާނެ ކަމަށްވެސް ބުނެފައެވެ. އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވޭތޯ ބެލުމަށް ކުރި މަަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. އެހެންކަމުން ފުލުހުންނަށް އެފަދަ މައްސަލައެއް ހުށަހެޅިކަން ނުވަތަ ނޫންކަން ޔަގީންކުރެވިފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން "ރާއްޖެ އެމްވީ"އަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާ ޚިލާފުވެގެން އެއްވެސް މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލައެއް ބަަލަން ތައްޔާރަށް އޮތްކަަމަށެވެ.

- ކޮމެންޓް
31 ޑިސެންބަރ 2022 | ހޮނިހިރު 18:07
ރާޑަރު
ކޯޓުގެ ހުރުމަތް ކެނޑޭނީ އެހާވަރަކަށް ދެން......މިކަން ކަމަކަން ނުވަންޏާ ކޯޓުގެ ހުރުމަތޭ ކިޔައިގެން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. ވަރަށް ފާޅުކޮށް ކޯޓުގެ ހުކުމްތަކަން ޗެލެންޖު އެކުރަނީ އެއްވެސް ހަމައެއްލަމައެއް ނެތި