މާލީ ރިޕޯޓް ހުށަހަޅަންޖެހޭ ގޮތަށް، ހުށަހަޅަންޖެހޭ ތާރީޚަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާފައި ނުވާތީ، ހަތް ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފައިވާއިރު އެ ޕާޓީތަކުން ޖޫރިމަނާ ފައިސާ ދައްކަން ޖެހޭނީ އަންނަ މަހުގެ ނިޔަލަށް ކަމަށް އީސީ އިން ބުނެފިއެވެ.
ޖޫރިމަނާކޮށްފައިވާ ހަތް ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ހޯމް މިނިސްޓަރު އައްޝެއިޚް އިމްރާން އަބްދުﷲގެ އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްޣައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރުއެމް)އެވެ. އަދި މިހާރު ސަރުކާރާއި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރާ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ މޯލްޑިވްސް ނޭޝަނަލް ޕާޓީ(އެމްއެންޕީ) އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޑީއާރުޕީ އާއި އިދިކޮޅު ޕީއެންސީ އެވެ. މީގެއިތުރުން އެމްއެސްއެލްޑީޕީ އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތަރޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އެވެ.
އީސީން ބުނީ މިއިން ކޮންމެ ޕާޓީއެއް ވިހިހާސް ރުފިޔާ އިން ޖުރުމަނާކޮށް އެކަން އެޕާޓީތަކަށް އަންގާފައިވާކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބްރައީސް އިސްމާޢިލް ޙަބީބް ވިދާޅުވީ މެމްބަރުން ހަމަކުރުމުން ޕާޓީތަކަށް އީސީން ދޭ ފައިސާގެ ތެރެއިން އެމްއެންޕީ އާއި އަދާލަތު ޕާޓީއަށް ފައިސާ ދޭނީ، ޖޫރިމަނާ ފައިސާ އުނި ކުރުމަށްފަހު ކަމަށެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނެފައިވަނީ އެއްވެސް ޕާޓީއަކުން ޤާނޫނާ އެއްގޮތަށް ހިސާބުގެ ލިޔެކިޔުންތައް ބަލަހައްޓާފައިނުވާނަމަ، ނުވަތަ ޤާނޫނުގެ ދަށުން ކޮމިޝަނަށް ހުށަހަޅަންޖެހޭ އެއްވެސް މާލީ ރިޕޯޓެއް ހުށަހަޅާފައިނުވާނަމަ، ވިހިހާސް ރުފިޔާ އާއި ފަންސާސް ހާސް ރުފިޔާއާ ދެމެދުގެ ޢަދަދަކުން އެ ޕާޓީއެއް ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާކަމަށެވެ.
މީގެކުރިންވެސް މާލީ ރިޕޯޓް ހުށަނާޅައިގެން އީސީން ސިޔާސީ ޕާޓީތައް ޖޫރިމަނާކޮށްފައިވެއެވެ.