ކ. މާލެ
|
31 ޑިސެންބަރ 2022 | ހޮނިހިރު 06:55
އެވިޑް ކޮލެޖް
އެވިޑް ކޮލެޖް
ސޯޝަލްމީޑިއާ
އެމްކިޔުއޭ އިން އެކްރެޑިޓްނުކުރާ ކޯސްތަކެއް
އެކްރެޑިޓް ނުކުރާކަމަށް އެމްކިޔުއޭއިން ބުނި ކޯސްތަކުގެ އިޝްތިހާރުގައި އޮތީ ކުށް ގޮތަށް: އެވިޑް ކޮލެޖް
ޕްރޮގްރާމްތަކުގެ އިޝްތިހާރުގައި ކުށް ލިޔެފައިވަނީ އިޝްތިހާރު ނަކަލުކުރުމުގައި އޮޅުމަކުން

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ(އެމްކިޔުއޭ)ގެ އެކްރެޑިޓޭޝަނާ ހިލާފަށް އެވިޑް ކޮލެޖުން ކޯސް ތަކެއް އިޝްތިހާރު ކުރާތީ އެކަން އެމްކިއުއޭއިން އާންމުންގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ.

އެކަމާއި ގުޅިގެން އެމްކިޔުއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެވިޑް ކޮލެޖުގެ އިންސްޓަގްރާމް ޕޭޖުގައި އިޝްތިހާރު ކޮށްފައިވާ ދެ ކޯހެއް، އެ އިޝްތިހާރުކޮށްފައިވާ ގޮތަށް އެމްކިއުއޭއިން ހުއްދަ ދީފައި ނުވާނެ ކަމަށެވެ.

އެމްކިއުއޭ އިން ބުނާ ފުރަތަމަ ކޯހަކީ ހަތަރުމަސް ދުވަހުގެ ތެރޭގައި ލެވެލް 5 ގެ ސެޓްފިކެޓް ލިބޭ ކަމަށް އިޝްތިހާރުކޮށްފައިވާ "އޭސީސީއޭ އެޕްލައިޑް ނޮލެޖް" ކޯހެވެ. ދެވަނަ ކޯހަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގަން އިޝްތިހާރުކޮށްފައިވާ ލެވެލް 8 ގެ "އޭސީސީއޭ ސްޓްރެޓެޖިކް ޕްރޮފެޝަނަލް" ކޯހެވެ. އެމްކިއުއޭ އިން ނެރުނު ބަޔާނުގައި ބުނީ މިދެކޯސް އެކްރެޑިޓް ނުކޮށްދޭ ކަމަށެވެ. އެމްކިއުއޭގެ ގަވައިދުގައި އޮންނަ ގޮތުން ކޯސްތަކުގެ މުއްދަތު ކަނޑައަޅަންވާނީ، އެމްކިއުއޭ އިން ޝާއިއު ކޮށްފައިވާ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވާކްއާ އެއްގޮތްވާ ގޮތަށެވެ. ކޮލިފިކޭޝަން ފްރޭމް ވޯކުގައި، ލެެވެލް ފަހެއްގެ ކޯހެއް ހަތަރު މަސްދުވަހުން ހެދޭގޮތަކަށް ނޯވެއެވެ.

މިކަމާއި ގުޅިގެން އެވިޑް ކޮލެޖުން ނެރުނު ނޫސްބަޔާނުގައި ވަނީ އެ ދެ ޕްރޮގްރާމް ކޮލެޖުގެ އިންސްޓަގްރާމް ޕޭޖުގައި އިޝްތިހާރުކުރިއިރު ޕްރޮގްރާމްގެ މުއްދަތާއި ލެވެލް ބަޔާންކުރުމުގައި ކުށް ލިޔެފައިވާތީ އެކަން އިސްލާހުކުރާކަމަށެވެ. އެގޮތުން އޭސީސީއޭ އެޕްލައިޑް ނޮލެޖް މި ޕްރޮގްރާމްގެ މުއްދަތަކީ 1 އަހަރު ކަމަށާއި ލެވެލްއަކީ 5 ކަމަށް ބުނެފައިވެއެވެ. އަދި އޭސީސީއޭ ސްޓްރެޓެޖިކް ޕްރޮފެޝަނަލް ޕްރޮގްރާމްގެ މުއްދަތަކީ 3 އަހަރު ކަމަށާއި ލެވެލަކީ 7 ކަމަށް އެކޮލެޖުން ބުނެއެވެ.

މީގެއިތުރުން މި ދެ ޕްރޮގްރާމަކީ އެމްކިޔުއޭއިން އެކްރެޑިޓްކޮށްފައިވާ ދެ ޕްރޮގްރާމްކަމަށާއި އެ ދެ ޕްރޮގްރާމް ހިންގުމުގެ ހުއްދަ އެވިޑް ކޮލެޖަށް ދީފައިވާކަމަށްވެސް ބުނެފައިވެއެވެ. އަދި ޕްރޮގްރާމްތަކުގެ އިޝްތިހާރުގައި ކުށް ލިޔެފައިވަނީ އިޝްތިހާރު ނަކަލުކުރުމުގައި އޮޅުމަކުން ކަމަށް ބަޔާނުގައި އެވިޑް ކޮލެޖުން ބުނެފައިވެއެވެ.

މީގެއިތުރުން މި ދެ ޕްރޮގްރާމަކީ އަދި އަލަށް ފަށާ ދެ ޕްރޮގްރާމްކަމަށް އެވިޑް ކޮލެޖުން ބުނެއެވެ.

- ކޮމެންޓް