މަސައްކަތް ކުރައްވަމުން ގެންދަވަނީ އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން 3.2 ބިލިއަން ރުފިޔާގެ ސޭވިންގ ހޯއްދެވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމާ ގުޅޭގޮތުން ރައީސް ސާލިހް ވިދާޅުވީ، ރިޔާސީ އިންތިހާބެއް ކުރިމަތީގައި އޮއްވައި ޓެކްސް ބޮޑުކުރާނީ ސިޔާސީ ބޭނުމެއް އޮވެގެން ނޫންކަމަށެވެ. އެއީ ސިޔާސީ ވިސްނުމެއްގައި ކުރައްވާނެ ކަމެއް ނޫންކަމަށާއި، ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ޖެހުނު ސަބަބު ވަރަށް ސާފުކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއި ގޮންޖެހުންތަކާއެކު، ބައިނަލްއަގުވާމީ އިދާރާތަކުން ލަފާދީފައި އޮތީ ރާއްޖޭގެ ޓެކްސްގެ ނިޒާމަށް ބަދަލުގެންނަން ޖެހޭ ވާހަކަ ކަމަށެވެ. ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް އަދިވެސް ރާއްޖޭގައި ޖާގަ އޮތުމުން އެކަން ކުރުން އެއީ ރަނގަޅުކަމެއްގެ ގޮތުގައި ލަފާ ލިބިވަޑައިގެންފައިވާ ކަމަށެވެ.
މިކަމުގައި އަޅުގަނޑުމެން ވާހަކަ ދައްކަން ފަށައިފިން މިއަހަރުގެ ކުރީކޮޅު. މާޗް، އެޕްރީލް ހިސާބުގަ. މަޝްވަރާތަކަކަށްފަހު އަޅުގަނޑުމެން ޖީއެސްޓީއާ ޓީޖީއެސްޓީ ބޮޑުކުރީ. ތެދުފުޅެއް، މި ބަދަލާއެކީގަ ކޮންމެސް ވަރެއްގެ އިންފްލޭޝަނެއް، އަގުތަކަށް އަންނާނެ. އަޅުގަނޑުމެންނަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވާއިރު، އެކްސްޗޭންޖް ރޭޓަށް މީން އަންނާނެ ބަދަލުތަކާ ގުޅިގެން ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވާކަމުގައިވާނަމަ، އެތެރެކުރާ މުދަލުގެ އަގުބޮޑުުވުމަކީ އެކަށީގެންވާ ކަމެއް.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް
ރައީސް ވިދާޅުވީ، އަންދާޒާކުރައްވަނީ 2023 ވަނަ އަހަރު ގާތްގަނޑަކަށް 5.4 އިންސައްތައަށް ފަހަރެއްގައި އިންފްލޭޝަން ބޮޑުވެދާނެކަމަށް ކަމަށެވެ. ނަމަވެސް އައިއެމްއެފްއިން އަންދާޒާކުރާގޮތުން، ހުންނާނީ 3.2 އިންސައްތާގައި ކަމަށެވެ. ނަމަވެސް ސަރުކާރުން ހިސާބުޖަހައި ރާވަމުން ގެންދަނީ އެންމެ ގޯސް ސިނާރިއޯއަކަށް ބަލައިގެން ކަމަށެވެ.
މިއާއެކު ހަރަދުތައް ކުޑަކުރުމުގެ މަސައްކަތްތަކެއްވެސް ކުރައްވަމުން ގެންދަވާ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އެކަންކަން ތަންފީޒުވެގެން އަންނަތަން ފެންނާނެކަމަށެވެ. އާމްދަނީ އިތުރުކުރުމަށް ރާއްޖޭގައި ފަތުރުވެރިކަން ފުޅާކުރުމުގެ ފުރުސަތު އަދިވެސް ވަރަށް ބޮޑަށް އެބައޮތް ކަމަށާއި، މި ވެރިކަމުގައި ބަލަމުން މި އަންނަނީ ދޫކުރެވިފައި ހުރި ރަށްރަށް ހެެދުމަށް އިންވެސްޓަރުންނަށް ފަހި ފުރުސަތު ހޯދައިދީ، އެކަން ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ބައެއް މަދު ސަރަހައްދުތަކުން ޓުއަރިޒަމަށް އާ ރަށްތަކެއް ނެރުނު ނަމަވެސް، އެކަންވެސް ހިފަހައްޓައިގެން މި ގެންދަނީ ބާޒާރުގަ ބައިވަރު ރަށްތަކެއް ހުރުމުން. އެހެންވީމަ އޭގެ ތެރޭން އިގްތިސާދަށް އިތުރު ފައިސާ ވަންނާނެ. އިންޓަރނޭޝަނަލް އެއަރޕޯޓަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއް. އެއަރޕޯޓް މުޅިން ނިމި، އާ ޓަރމިނަލްގެ ހިދުމަތްތަކެއް އަންނަ އަހަރު ތެރޭގަ ނުލިބޭނެ. އެހެންނަމަވެސް ހަނިމާދޫ އަދި އައްޑޫ އެއަރޕޯޓް ނިމި، ލޯންގްޓަރމްގަ ބޮޑު ބަދަލުތަކެއް އިގްތިސާދަށް އަންނާނެ.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް
އަންނަ އަހަރު ހަރަދުތައް ކުޑަކުރުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރޭގައި ފިއުލްސަބްސިޑީ ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. ޑައިރެކްޓްކޮށް ސަބްސިޑީ ދެވޭނެ ގޮތްތަކެއް ރާވަމުންދާ ކަމަށާއި، އާސަންދައިންވެސް ހަަރަދު ކުޑަކުރުމަށް ގޮތްތަކެއް ރާވަމުން ދާކަމަށާއި، ޕޭހަރމަނައިޒޭޝަނަށްވެސް ކުރިން ކަނޑައަޅާފައި އޮތްވަރަށްވުރެ 2 ބިލިއަން ރުފިޔާ ކުޑަކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖުމްލަ 3.2 ބިލިއަން ރުފިޔާގެ ސޭވިންގ އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން، އަންނަ ރިސްކްތައް ކުޑަކުރެވިގެންދާނެ ކަމަށެވެ.