Advertisement
ކ. މާލެ
|
29 ޑިސެންބަރ 2022 | ބުރާސްފަތި 12:54
ރައީސް ސާލިޙު ނޫސްވެރިންނާ ބައްދަލުކުރެއްވުން
ރައީސް ސާލިޙު ނޫސްވެރިންނާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
އެމްއެމްޕީއާރްސީ ހިޔާނާތް
އެމްއެމްޕީއާރްސީ ހިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށް 11 މީހަކަށް މަދަނީ ދައުވާ ކުރަނީ
5 ފަރާތަކަށް ޖުމްލަ 43 ދައުވާއެއް ކޯޓުގައި ސާބިތުވެފައިވޭ
7 ފަރާތަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި ކުރިއަށްދޭ
އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ 53 މައްސަލަ އޭސީސީ އިން މިހާރުވެސް ތަހުގީގު ކުރަމުންދޭ

އެމްއެމްޕީއާރްސީ ހިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށް 11 މީހެއްގެ މައްޗަށް މަދަނީ ދައުވާ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތާ ގުޅޭ ބައެއް ތަފްސީލުތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ 14 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އޭގެތެރެއިން؛ 5 ފަރާތަކަށް ޖުމްލަ 43 ދައުވާއެއް ކޯޓުގައި ސާބިތުވެފައިވާ ކަމަށެވެ.

އަދި، 7 ފަރާތަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި ކުރިއަށްދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

Advertisement

ރައީސް އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ 53 މައްސަލަ އޭސީސީ އިން މިހާރުވެސް ތަހުގީގު ކުރަމުންދާކަމަށެވެ.

އޭގެ އިތުރުން، މި ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ ހޯދުމުގައި، މިހާރު ވެސް 11 ފަރާތަކަށް ދައުވާ ކުރުމާ ގުޅޭ ކަންކަން ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ބައެއް ކުންފުނި ވެސް ހިމެނޭ ގޮތަށް އެ ފައިސާ ހޯދުމަށްޓަކައި މަދަނީ ދައުވާ ކުރުމަށް ކޯޓަށް ހުށައެޅުމަށް ބަންޑާރަނައިބުގެ އޮފީހުން މިހާރު އެމްއެމްޕީއާރްސީއަށް ފޮނުވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ފަޅުރަށްތަކަކާއި ފަޅުތަކެއް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ 1.23 ބިލިއަން ރުފިޔާއަށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ޚިނާޔާތްތެރިވެފައެވެ.

އެމްއެމްޕީއާރުސީގެ މި ޚިޔާނާތަކީ 1.23 ބިލިއަން ރުފިޔާގެ ޚިޔާނާތެއްކަމަށް އޮޑިޓް އޮފީހުން ނެރުނު ޚާއްސަ އޮޑިޓް ރިޕޯޓްގައި ފާހަގަކުރިނަމަވެސް، އެމްއެމްޕީއާރުސީން ފަޅު ރަށްތަކާއި ފަޅުތައް ވިއްކާފައިވަނީ ނުއަގުގައެވެ. އެހެންކަމުން ރާއްޖޭގެ އިޤްތިޞާދު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ހަތަރު ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް