މޭސަން މައުންޓް ޗެލްސީއަށް ކުޅެދިން 150 ވަނަ މެޗު ގޯލަކުން ފާހަގަކޮށްފިއެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި ބޯންމައުތްއާ ވާދަކުރި މެޗު ޗެލްސީން ވަނީ ކާމިޔާބުވެސްކޮށްފައެވެ.
މެޗު ޗެލްސީން ކާމިޔާބުކުރީ 2-0 ނެވެ. މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު 16 ވަނަ މިނެޓުގައި ޖެހީ ކައި ހާވާޓްޒްއެވެ. އޭނާ ލަނޑު ޖެހީ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިންގ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ޗެލްސީގެ ދެވަނަ ލަނޑު މައުންޓް ޖެހީ 24 ވަނަ މިނެޓުގައެވެ. މައުންޓް ޗެލްސީއަށް ކުޅެދިން 150 ވަނަ މެޗުގައި ލަނޑު ޖެހީ ފުރަތަމަ ލަނޑު ޖެހި ހާވާޓްޒް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ.
މިމޮޅާއެކު ގްރަހަމް ޕޮޓާ އިރުޝާދުދޭ ޗެލްސީ ވަނީ ތާވަލްގެ އަށްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ގަދަ ހަތަރެއްގެ އުއްމީދު ހޯދާފައެވެ. ހަތަރުވަނާގައި އޮތް ޓޮޓެންހަމްއާ ދެމެދު އޮތީ ހަ ޕޮއިންޓްގެ ފަރަގެކެވެ. ޓޮޓެންހަމް ވަނީ ޗެލްސީއަށްވުރެ އިތުރަށް މެޗެއް ކުޅެފައެވެ. އެހެންކަމުން މެޗު ހަމަކުރާއިރު ފަރަގު ތިން ޕޮއިންޓަށް ކުޑަކުރުމުގެ ފުރުޞަތު އެބައޮތެވެ.