ކ. މާލެ
|
27 ޑިސެންބަރ 2022 | އަންގާރަ 18:22
ރައީސް ސާލިހު އާއި ރައީސް ނަޝީދު
ރައީސް ސާލިހު އާއި ރައީސް ނަޝީދު
ރައީސް އޮފީސް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ - ރައީސް ނަޝީދަށް 1، ރައީސް ޞާލިހަށް 2
އިންތިޚާބު އޮންނާނީ ޖެނުއަރީ 28ގައި
ރިޔާސީ ޕްރައިމަރީ އިންތިޚާބު ކޮމިޓީއަށް ފަސް މެންބަރުން ވަނީ އައްޔަނުކޮށްފައި
ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ހުޅުވާލުމުން ކުރިމަތިލެއްވީ 2 ރައީސުން އެކަނި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލެއްވި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި، ރައީސް ނަޝީދުގެ ކެންޑިޑޭޓް ނަންބަރުތައް ތަރުތީބުކޮށްފިއެވެ.

އެމްޑީޕީ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ 28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހު ބާއްވަން ވަނީ ނިންމާފައެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް މި މަހުގެ 18 ވަނަ ދުވަހު ހުޅުވާލުމުން ކުރިމަތިލެއްވީ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމަށް ކުރި އިއުލާން އާއި ގުޅިގެން ކުރިމަތި ލެއްވި ކެންޑިޑޭޓުންގެ ނަންތަކާއި ކެންޑިޑޭޓް ނަންބަރު އާންމުކޮށްފައިވާނެ ކަމަށެވެ. އެގޮތުން ކެންޑިޑޭޓް ނަންބަރު 1 ލިބިވަޑައިގެންނެވީ ރައީސް މުހައްމަދު ނަޝީދު އަށެވެ. އަދި ކެންޑިޑޭޓް ނަންބަރު 2 ލިބިވަޑައިގެންނެވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށެވެ.

އެމްޑީޕީއިން އިއުލާންކޮށްފައިވާ ޓައިމްލައިން ގައި ދައްކާ ގޮތުން 24 ޑިސެމްބަރުގައި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާ އިރު، 26 ޑިސެމްބަރުގައި ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާއެކު އިއުލާން ކުރާނެއެވެ. އަދި 28 ޑިސެމްބަރު ރިޔާސީ ޕްރައިމަރީ ވޯޓާސް ލިސްޓު އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާއިރު 31 ޑިސެމްބަރުގެ ހަވީރު 4:00 އާ ހަމަައަށް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމާވާނެއެވެ.

ރިޔާސީ ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓު އާއްމުކުރާނީ 3 ޖެނުއަރީ 2023 ގައެވެ. އެއަށްފަހު 10 ޖެނުއަރީގައި ކެންޑިޑޭޓު މަންދޫބުންނަށް ފުރުސަތު ހުޅުވާލައި އެ ފުރުސަތު 15 ޖެނުއަރީގެ ނިޔަލަށް ބަންދުވާނެއެވެ. ވޯޓުލުން ކުރިއަށްދާނީ 28 ޖެނުއަރީގައެވެ.

އެމްޑީޕީން ވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކޮމިޓީ އެކުލަވާލާފައެވެ. މި ކޮމިޓީ އެކުލަވާލާފައިވަނީ ހޯމަ ދުވަހުގެ ރޭ ތާޖުއްދީން ސްކޫލުގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައެވެ. މި ޖަލްސާގައި ކޮމިޓީއަށް ފަސް މެންބަރުން ވަނީ އައްޔަނުކޮށްފައެވެ.

އެމްޑީޕީގެ ހިންގާ ގަވާއިދުގެ ހަވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލި މި ކޮމިޓީއަށް ހޮވިފައިވަނީ އެ ޕާޓީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މިހާރު އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު އާއި މަތި އުތުރު ޕްރޮވިންސްގެ ރައީސް އަކްރަމް ކަމާލުއްދީން އާއި އެ ޕާޓީގެ ޤާނޫނީ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ އަފީފް އަދި ކެނދިކުޅުދޫ ދާއިރާގެ ރައީސް މުޙައްމަދު އީމާންއެވެ.

މި ފަސް ބޭފުޅުންގެ އިތުރުންވެސް އިތުރު ނަންތަކެއް ކޮމިޓީއަށް ހުށަހެޅުމަށް ބައެއް މެންބަރުން ވަނީ ޤައުމީ މަޖިލީހުގެ ޖަލްސާގައި ހުށަހަޅައިފައެވެ. ނަމަވެސް ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ އެގޮތަށް އެކަން ނުކުރެވޭނެ ކަމަށެެވެ. އެއާއެކު ބައެއް މެންބަރުން ވަނީ ޖަލްސާ ދޫކޮށް ވަޑައިގަންނަވާފައެވެ.

- ކޮމެންޓް