ކ. މާލެ
|
28 ޑިސެންބަރ 2022 | ބުދަ 07:27
ފްރާންސްގެ ފަރިތަކުރުންތަކުގެ ތެރެއިން ބެންޒެމާ
ފްރާންސްގެ ފަރިތަކުރުންތަކުގެ ތެރެއިން ބެންޒެމާ
ރޮއިޓާރސް
ފްރާންސް ޤައުމީ ޓީމު
ބެންޒެމާ އެޖެންޓުގެ ތުހުމަތުތައް ޑެޝޯމްޕްސް އަށް، ބުނަނީ އަވަސް އަރުވާލާފައި ބެންޒެމާ ފޮނުވާލީ ކަމަށް
އޭނާ ބުނީ ފުރަތަމަ 11 ގައި ނުހިމެނުނު ނަމަވެސް، އެންމެ ކުޑަވެގެން ބެންޗު ކުޅުންތެރިޔެއްގެ ގޮތުގައި އިނދެވޭ ވަރު ވާނެ ކަމަށް

ފީފާ ވޯލްޑް ކަޕް މުބާރާތުގެ ކުރިން ފްރާންސްގެ ކަރީމް ބެންޒެމާ އަށް އަނިޔާވެ، ޓީމުން ފޮނުވާލުމާ ގުޅިގެން އޭނާގެ އެޖެން ކަރީމް ޖަޒީރީ ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަށް ތުހުމަތުތަކެއްކޮށްފި އެވެ.

މި ސީޒަންގައި ވެސް ރަނގަޅު ފޯމެއްގައި ހުރެ ބެންޒެމާ ވޯލްޑް ކަޕާ ކުރިމަތިލީ ޤައުމީ ޓީމަށް ތަށި ދިފާއުކޮށްދިނުމަށެވެ. ނަމަވެސް މުބާރާތުގެ ކުރިން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގައި ބެންޒެމާ އަށް އަނިޔާވެ، މުބާރާތް ނުކުޅެވޭނެ ކަމަށް ޑެޝޯމްޕްސް ބުންޏެވެ. އެއާއެކު ބެންޒެމާ ވަނީ ޤަތަރު ދޫކޮށް، އޭނާގެ ކުލަބް ރެއާލް މެޑްރިޑަށް ގޮސްފަ އެވެ. ނަމަވެސް މުބާރާތުގެ ފައިނަލަށް ބެންޒެމާ ގެންނަން ޑެޝޯމްޕްސް ބޭނުންވި ކަމަށާއި، އެކަމަކު ފައިނަލްގައި ކުޅެން ބެންޒެމާ ބޭނުންނުވީ ކަމަށް ރިޕޯޓުތައް ބުންޏެވެ. ބެންޒެމާއާއި ކޯޗު ޑެޝޯމްޕްސްއާ ދެމެދު މައްސަލަތަކެއް އުފެދުނު ކަމަށް ރިޕޯޓުތައް ބުނެފައި ވަނިކޮށް، ބެންޒެމާ ވަނީ ޤައުމީ ޓީމުން ރިޓަޔާކުރަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ.

އޭގެ ދުވަސްތަކެއް ފަހުން ބެންޒެމާގެ އެޖެންޓް މި ވަނީ އެ ވާހަކަތައް ދައްކާފަ އެވެ. ޓުވިޓާގައި އޭނާ ވަނީ ވީޑިއޯ އެއް ހިއްސާާކޮށްފަ އެވެ. ޤަތަރުގެ އޯތަޕެޑިކް އެންޑް ސްޕޯޓްސް މެޑިސިން ހޮސްޕިޓަލެއް ކަމަށްވާ އެސްޕެޓާ އިން ތައްޔާރުކޮށްފައިވާ އެ ވީޑިއޯ އިން ފެންނަނީ ބެންޒެމާ އަށް ލިބުނު އަނިޔާ އެވެ. އޭނާ ބުނީ އެ ވީޑިއޯ އިން ވެސް ސާފުވެގެންދާ ގޮތުގައި މުބާރާތުގެ ވަކި ހިސާބަކުން ބެންޒެމާ ފިޓުވާނެ ކަމަށެވެ. އޭނާ ބުނީ އެކަން ތިން ސްޕެޝަލިސްޓަކު ޔަގީން ކޮށްދީފައިވާ ކަމަށެވެ. އޭނާ ބުނީ ފުރަތަމަ 11 ގައި ނުހިމެނުނު ނަމަވެސް، އެންމެ ކުޑަވެގެން ބެންޗު ކުޅުންތެރިޔެއްގެ ގޮތުގައި އިނދެވޭ ވަރު ވާނެ ކަމަށެވެ. ނަމަވެސް ކުއްލިއަކަށް، އެހާ އަވަހަށް ބެންޒެމާ ފޮނުވާލަން ނިންމީ ކީއްވެތޯ އޭނާ ވަނީ ސުވާލުކޮށްފަ އެވެ.

ބެންޒެމާގެ އެޖެންޓް ކުރި ޓުވީޓު - ޓްވީޓަރ

ބެންޒެމާގެ އެޖެންޓު މި ވާހަކަތައް ދެއްކި ނަމަވެސް، ބެންޒެމާ މީގެން އެއްވެސް ވާހަކައެއް އާންމުންގެ ތެރޭގައި ދައްކާފައެއް ނުވެ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ބެންޒެމާ އަވަހަށް ފޮނުވާލުމުން އޭނާ ވެސް ހުރީ އެކަމާ ހިތްނުތަވަނަވަސްވެފަ އެވެ. އެކަމުގެ ސަބަބުން ބެންޒެމާ އާއި ޑެޝޯމްޕްސްއާ ދެމެދު އޮތް ގުޅުމަށް ވެސް ހީނަރުކަމެއް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

- ކޮމެންޓް