ކ. މާލެ
|
27 ޑިސެންބަރ 2022 | އަންގާރަ 11:46
ކުރީގެ ރައީސް ޔާމީން ޖަލަށް ގެންދަނީ
ކުރީގެ ރައީސް ޔާމީން ޖަލަށް ގެންދަނީ
މިހާރު
ރައީސް ޔާމީން ޖަލަށްލުން
ރައީސް ޔާމީން ހުންނެވީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި، ތަފާތުކުރުމެއް ނެތި ހުރިހާ އިނާޔަތެއް ލިބޭނެ - ކަރެކްޝަންސް
ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ވަނީ ހޯމަ ދުވަހު ކަރެކްޝަންސް އަށް ވަޑައިގަންނަވާފަ
ރައީސް ޔާމީނާމެދު ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް ކަރެކްޝަންސް އިން ބުނޭ

ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ކ.މާފުށީގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ކަމަށާއި، ޤާނޫނުގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ހުރިހާ އިނާޔަތެއް އެހެން ފަރާތަކާއި ތަފާތުކުރުމެއް ނެތި ލިބިވަޑައިގަންނަވާނެ ކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.

ބައެއް މީޑިއާތަކުން ވަނީ ރައީސް ޔާމީން ޖަލުގައި ހުންނެވީ އެމަނިކުފާނަށް ޚާއްސަކޮށްގެން ހަދާފައިވާ ވަކި އެޕާޓްމެންޓެއްގައި ކަމަށް ރިޕޯޓްކޮށްފައެވެ. "ރާއްޖެ އެމްވީ" އަށް މައުލޫމާތުދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ފާތިމަތު ޔުސްރީން މިއަދު ވިދާޅުވީ އެމަނިކުފާނު ބަހައްޓާފައި ހުރި ތަނަކީ އަލަށް އިމާރާތްކުރި ތަނެއް ނޫންކަމަށާއި އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ. ރައީސް ޔާމީން މިހާރު ހުންނެވި ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަަަލައިގައި އެމަނިކުފާނަށް ކުރިން ޙުކުމްކުރުމުން އެ ޙުކުމް ތަންފީޒްކުރައްވަން ވެސް ހުންނެވި ތަނެވެ. އެއީ އޭރު އެމްއެމްޕީއާރުސީ މެދުވެރިވެެން ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރިކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ކުރުމުން ވެސް ހުންނެވި ތަނެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވަނީ އެތަން ހަދާފައި ހުންނަނީ އެޕާޓްމެންޓެއް ގޮތަށް ކަމަށްވުމުން އެތަނަށް ބައެއް މީހުން ވީއައިޕީ އެޕާޓްމެންޓް ކިޔަމުންދާކަން ފާހަގަކުރައްވާފައެވެ. ރައީސް ޔާމީން ޖަލަށްލުމާ އެކު އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ދަނީ އެމަނިކުފާނު ޖަލުގައި ހުންނަވާ އިރު އެ މަނިކުފާނުގެ ސަލާމަތީ ކަންކަމާ މެދު ސުވާލު އުފައްދަމުންނެވެ. ނަމަވެސް ރައީސް ޔާމީން ޖަލުގައި ހުންނަވާ މުއްދަތުގައި އެމަނިކުފާނަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ވީއައިޕީ ގޮޅިއެއް ނޫން. އެއީ ކުރީގައި ވެސް މީހުން ބަހައްޓާ އެޕާޓްމެންޓެއް ގޮތަށޭ އެތަނުން ހުންނަނީ. ކުރީގައި ވެސް އޮންނަ ޤާނޫނުގެ ދަށުން. އެ ޤާނޫނުން ލިބޭ ޚިދުމަތްތައް ލިބޭނެ ތަފާތެއް ނެތި ލިބޭނެ. ވަކި ތަފާތުކުރުމެއް ކަރެކްޝަންސް އިން ނުގެންގުޅޭ. އެހެން ކުށްވެރިންނާ ހިލާފަށް ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ހުންނަ ބޭފުޅަކަށް ކެއުން ތަފާތުވޭ. އެފަދަ ބައެއް އިނާޔަތްތައް ލިބިވަޑައިގަންނަވާ
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު

ޖަލުގައި ހުންނެވި ރައީސް ޔާމީނަށް ސިއްހީ ގޮތުންނާއި ސަލާމަތީ ގޮތުން ރައްކާތެރި މާހައުލެއް ކަށަވަރުކޮށްފައިވޭތޯ ޔަގީންކުރުމަށް ކަމަށް ބުނެ ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ވަނީ ހޯމަ ދުވަހު ކަރެކްޝަންސް އަށް ވަޑައިގަންނަވާފައެވެ. ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ އާދިއްތަ ދުވަހު ހެނދުނު ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގައެވެ. އެގޮތުން އިސްގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ރައީސް ޔާމީނުގެ މަޤާމަށް ބަލާއިރު، އެހާ ބޮޑު އަދަދެއްގެ ފައިސާއެއް ޔާމީނުގެ އެކައުންޓަށް ސައްޙަ ގޮތުގައި ޖަމަވާން ޖެހޭ ސަބަބެއް ދަލާލަތު ކޮށްދެވިފައިނުވާ ކަމަށެވެ. ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ، ވ އާރަށު ހިޔާނާތުގެ ފައިސާކަމަށް މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުން އެނގޭކަމަށް އިސްގާޒީ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް