Advertisement
ކ. މާލެ
|
27 ޑިސެންބަރ 2022 | އަންގާރަ 07:25
ބެސްޓް އޯލް ރައުންޑަރގެ ލަގަބު ހޯދި އޮފިސަރު
ބެސްޓް އޯލް ރައުންޑަރގެ ލަގަބު ހޯދި އޮފިސަރު
އެމްސީއެސް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 26 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި
118 ޓްރޭނީއިންނާއެކު ފެށި ޕްރޮގްރާމް 113 ޓްރޭނީން ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް ހިންގި “ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމްގެ 8 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މާފުށީ ޖަލުގައި ބާއްވައިފިއެވެ. މިއީ އެމްސީއެސްގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 26 ވަނަ ބެޗެވެ.

08 ސެޕްޓެމްބަރު 2022 ގައި ފެށި މި ޓްރޭނިންއަކީ ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ޓްރޭނިން ޕްރޮގްރާމެކެވެ. އެގޮތުން 118 ޓްރޭނީއިންނާއެކު މި ޓްރޭނިންގ ޕްރޮގްރާމް ފަށާފައިވާއިރު، އޭގެ ތެރެއިން 113 ޓްރޭނީން ވަނީ ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފްއެވެ. މި ޕްރޮގްރާމުން ހަޔަރ ޑިސްޓިންކްޝަން ހާޞިލްކުރި ފަރާތްތަކަށް މެޑަލް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ އެވެ.

މި ޕްރޮގްރާމްގެ އެންމެ ދުޅަހެޔޮ ސިއްޙަތަކާއި ބުންވަރު ހުރި ނުވަތަ “ފިޓެސްޓް ފިރިހެން އަދި އަންހެން އޮފިސަރުން ކަމަށް ހޮވިފައިވަނީ ޕްރައިވެޓް އިބްރާހިމް ރިސްފާން އާއި ޕްރައިވެޓް ރައުދާ މޫސާ ފަތުހީ އެވެ. އަދި މުޅި ޕްރޮގްރާމްއިން އެއްވަނަ، “ބެސްޓް އޯލް ރައުންޑް”ގެ ލަޤަބް ކާމިޔާބުކޮށްފައިވަނީ ޕްރައިވެޓް އިބްރާހިމް އިމްރާންއެވެ. ދަސްވެނިންނަށް ހުވާލައިދެއްވާފައިވަނީ ޣާޒީ އަލްއުސްތާޛު މުޙައްމަދު އީސާފުޅުއެވެ.

Advertisement

ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވީ ޕްރިޒަން ރިފޯމުކުރުމުގެ މަސައްކަތް ފަށައިގަތީ ތިން ކަމަކަށް ބަލައިގެން ކަމަށާއި ފުރަތަމަ ކަމަކީ ޕްރިޒަން އޮފިސަރުން ރެކްރޫޓްކޮށް ފުރިހަމައަށް ތަމްރީންކުރުން ކަމަށެވެ. އަދި، ދެވަނަ ކަމަކީ ޖަލުތަކަށް ބޭނުންވާ ފުރިހަމަ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުން ކަމަށާއި، ތިން ވަނަ ކަމަކީ އެކަމަށް ބޭނުންވާ ފުރިހަމަ ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވާލާ ފުރިހަމަކުރުން ކަމަށެވެ.

މީގެއިތުރުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 241 އޮފިސަރުން ނޫނީ ގާތްގަނޑަކަށް 30 އިންސައްތަ އޮފިސަރުން އިތުރުކުރެވުނުކަމަށާއި ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު އޮފިސަރުން ހޯދައި، 40 އިންސައްތައަށް އަދަދު އިތުރު ކުރައްވާނެކަމަށާއި އޮފިސަރުން ތަމްރީން ކުރުމަށް އިސްކަންދެއްވާކަމަށް ވިދާޅުވިއެވެ. އަދި އޮފިސަރުން ތަމްރީނުކުރުމުގައި އައިކޯސްޓް އަދާކުރަމުންދާ އަގުހުރި ދައުރު ފާހަގަކުރައްވައި، އޭނާ ޝުކުރު އަދާކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ މިއީ މިހާތަނަށް ތަމްރީން ހިންގުނު އެންމެ ބޮޑު ބެޗުކަމަށެވެ. މީގެ ކުރިން ނުކުރާ އެތައް ކަމެއް ކޮށްފައިވާނެކަމަށާއި މުވައްޒަފުން ހޯދުމަށް އެއްވަގުތެއްގައި އެހެން ޔުނީފޯމް އެޅި މުއައްސަސާތަކާ ވާދަކުރަންޖެހި، ވަޒީފާގެ މާހައުލަށް ނުކުމެ ވަރަށް މަސައްކަތްކޮށްގެން މުވައްޒަފުން ހޯދަން ޖެހުނުކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އެގޮތުން އެމްސީއެސްގެ ސީނިއަރ ލީޑަރޝިޕް ހިމެނޭގޮތަށް ރާއްޖޭގެ އަތޮޅުތަކަށް ގޮސް ކައުންސިލްތަކާ ބައްދަލުކޮށް، ރައްޔިތުންނާއި ވަކިވަކި ޖަމިއްޔާތަކާ ބައްދަލުކޮށް ގޭގެއަށް ގޮސް މި މުހިއްމު މަސައްކަތާ ގުޅޭނެ މީހުން ހޯދުމަށް އަމަލީ ގޮތުން މަސައްކަތްކޮށްފައި ވާނެކަމަށާއި ޝައުގުވެރިކަން އުފެއްދުމަށް ސޯޝަލް މީޑިއާ ބޭނުންކޮށްގެން ތަފާތު ގިނަ މަސައްކަތްތަކެއް އެމްސީއެސްގެ މީޑިއާ ޓީމުން ކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް